އިންޑިއާއެކު ކުރެވޭ ކޮންމެ އެއްބަސްވުމަކީ ކަޝްމީރުގެ މުސްލިމުންނަށް ދެވޭ އަނިޔާއެއް: ޕާކިސްތާން
އިންޑިއާއެެކު ގުޅުން ބަދަހި ކުރަން ނުވިސްނަވާ ކަމަށާއި އިންޑިއާއިން ކަޝްމީރު ހިފައިފައި ވަނިކޮށް، އެޤައުމާއެކު ހެދޭ ކޮންމެ އެއްބަސްވުމަކީ ކަޝްމީރުގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.
އިއްޔެ ޕާކިސްތާނުގެ އާއްމުންނާ އެކު ބޭއްވި ސުވާލަތަކަށް ޖަވާބު ދިނުމުގެ ބައްދަލުވުމެއްގައި، އިންޑިއާއެކު އެއްބަސްވުމަކަށް ދާން ތައްޔާރުތޯ މީހަކު ސުވާލު ކުރުމުން ބޮޑު ވަޒީރުވަނީ އެއީ ވުން އެކަށީގެންނުވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އިންޑިއާއެކު އެއްބަސްވުމަކަށް ދާން ވިސްނައިފިނަމަ، އެއީ ކަޝްމީރުގެ ރައްޔިތުންނަށް ދެވޭ ބޮޑު 'ދޯކާއެއް' ކަމަށެވެ. އަދި އެމީހުންގެ މިނިވަން ކަމަށް ޓަކައި ފުރާނައިން ޤުރުބާންވި ޝަހީދުންނަށް ކުރެވޭ މަލާމާތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދެކެން ބޭނުންވާ ދުވަހެއް އެއީ އިންޑިއާއާ އެކު ސުލްހަވެރިވާ ދުވަސް. އެކަމަކު ކަޝްމީރުގެ މައްސަލަ ކޮޅެއްގައި ނުޖެހެންދެން އެކަމެއް ނުކުރާނަން. ވެރިކަމާ ހަވާލުވި ފަހުން ކުރަމުން އައި އެންމެ ބޮޑު މުހިންމު އެއް މަސައްކަތަކީ ކަޝްމީރުގެ ރައްޔިތުންނަށް ޙައްޤު މިންވަރު ހޯދައިދިނުން. އެކަމަކު އިންޑިއާއިން އެކަން ކުރާކަށް ބޭނުމެއް ނުވޭ" އިމްރާން ވިދާޅުވިއެވެ.
ބޮޑު ވަޒީރު ވިދާޅުވީ އިންޑިއާއާ އެކު ގުޅުން ޤާއިމްކޮށްފިނަމަ ޕާކިސްތާނުގެ އިޤްތިޞާދަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށާއި ނަމަވެސް ޝަހީދުވި މީހުންގެ އަގު ވަޒަންނުކޮށް، އެމީހުންގެ ލޭ ބޭކާރުކޮށްލަން ބޭނުންނުވާ ކަމަށެވެ.
އިނގިރޭސިންގެ އަތްދަށުން 1947 ވަނަ އަހަރު މިނިވަންވީ ފަހުން ކަޝްމީރުގެ މިލްކުވެރިކަމާ މެދު އިންޑިއާ އާއި ޕާކިސްތާނުން ވެސް ދައުވާ ކުރެއެވެ. އިންޑިއާ ސަރުކާރުގެ ސީދާ ބާރު ކަޝްމީރަށް ހިންގޭ ގޮތަށް ފާސްކޮށްފައި ވަނީ މިދިޔަ އޮގަސްޓް މަހު 5 ވަނަ ދުވަހު އެވެ. އޭގެ ކުރިން އިންޑިއާގެ ގާނޫނު އަސާސީން ކަޝްމީރަށް އަމިއްލައަށް ވެރިކަން ކުރުމުގެ ހަނި ބާރެއް ދީފައި އޮވެއެވެ. އެއަށް ފަހު އިންޑިއާއިން ވަނީ ކަޝްމީރުގެ ރައްޔިތުންނަށް އެސަރަހައްދުގައި ބަންދުކޮށް، އެއްތަނުން އަނެއްތަނަށް ދަތުރު ނުކުރެވޭ ގޮތަށް ހަދައި މުވާސަލާތީ ޚިދުމަތްތަކުން މަޙްރޫމްކޮށްފައެވެ.