ލ. އަތޮޅުން އިތުރު 34 މީހުން ފައްސިވެ، ބަލި ޖެހުނު މީހުންގެ އަދަދު 1100 އަށްވުރެ މައްޗަށް
ލ.އަތޮޅުން އިތުރު 34 މީހުން ކޮވިޑަށް ފައްސިވެ އެ އަތޮޅުން ބަލި ޖެހުނު މީހުންގެ އަދަދު 1100އަށް ވުރެ މައްޗަށް އަރައިފިއެވެ.
ގަން ރީޖަނަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކަށް ބަލައިއިރު 10 މީހުން ވަނީ ފަހުން ފައްސިވެފައެވެ. ގަމުން މިހައިތަނަށް 182 މީހުން ބަލިން ރަނގަޅުވެފައިވާއިރު ބަލީގައި 2 މީހުން ވަނީ ނިޔާވެފައެވެ. އެ ރަށުން ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދަކީ 289އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 105 އެވެ. ލ.މާންދޫން މިހައިތަނަށް ޖުމްލަ 313 މީހަކަށް ބަލި ޖެހިފައިވެއެވެ. އަދި 305 މީހުން ބަލިން ރަނގަޅުވެފައިވާ އިރު އެ ރަށުން ވެސް އެކަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 7 އެވެ.
އިސްދޫން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 192އަށް އަރައިފައެވެ. އަދި 106 މީހުން ބަލިން ފަސޭހަވެ، އެކްޓިވް ކޭސްތަކުގެ އަދަދަކީ 86އެވެ.
ކަލައިދޫން ބަލި ޖެހުނު މީހުންގެ އަދަދަށް ބަލައިއިރު މިހާތަނަށް 66 މީހުން ފައްސިވެ ބަލިން ރަނގަޅުވީ 10 މީހުންނެވެ. އެ ރަށުން އަލަށް ފައްސިވި 9 މީހުންނާ އެކު، އެކްޓިވް ކޭސްގެ ގޮތުގައި 56 މީހުން އެބަތިއްބެވެ.
އެ އަތޮޅު ދަނބިދޫން މިހާތަނަށް ކޮވިޑް ޖެހުނު 9 މީހުން ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެ ރަށުގައި މިހާރު އެކްޓިވެ ކޭސްއެއް ނެތެވެ. މާބައިދޫން ވެސް ބަލި ޖެހުނު އެކަކު ފާހަގަކުރެވިފައިވާ އިރު އެ މީހާ ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ. ހިތަދޫގައި ވެސް އެކްޓިވް ކޭސްއެއް މިހާރަކު ނެތެވެ.
އެ އަތޮޅު ފޮނަދޫން މިހާތަނަށް 42 މީހުން ފައްސިވެ 27 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ފަހުން ފައްސިވި އެކަކާ އެކު އެ ރަށުގެ އެކްޓިވް ކޭސްގެ ގޮތުގައި 15 މީހުން އެބަތިއްބެވެ.
މާމެންދޫގައި ބަލި ޖެހިފައިވަނީ 18 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދަކީވެސް 18 އެވެ.
އެ އަތޮޅުން 3ވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ މާވަށުންނެވެ. ޖުމްލަ 213 މީހުން ފައްސިވެފައިވާ އިރު އެކްޓިވް ކޭސްގެ ގޮތުގައި 150 މީހުން އެބަތިއްބެވެ. އިއްޔެ ވެސް 23 މީހުންނަށް ބަލި ޖެހިފައިވެއެވެ. އަދި 62 މީހުން ބަލިން ފަސޭހަވެ އެކަކު ވަނީ ބަލީގައި ނިޔާވެފައެވެ.
މި އަދަދުތަކާ އެކު އެ އަތޮޅުން ބަލި ޖެހުނު މީހުންގެ އަދަދަކީ 1145 އެވެ. އަދި ބަލިން ފަސޭހަވެފައި ވަނީ 702 މީހުންނެވެ.