ރ. އަލިފުށިން އިތުރު 8 މީހުން ފައްސިވެ، ޖުމްލަ އަދަދު 50 އަށް

ރ.އަލިފުށިން އިތުރު 8 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އަލިފުށި ސިއްހީ މަރުކަޒުން ވިދާޅުވީ ފައްސިވެފައި ވަނީ 31 މެއި ގައި ނެގުނު 20 ސާމްޕަލްތަކުގެ ތެރެއިން 8 މީހުން ކަމަށެވެ. މިކަމާ ގުޅިގެން ފައްސިވި މީހާއާ އެއްތާވި މީހުން ހޯދުމުގެ މަސައްކަތް އެ ރަށު ސިއްހީ މަރުކަޒުން ވަނީ ފައްޓަވައިފައެވެ.
އެ ރަށު ސިއްހީ މަރުކަޒުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖުމްލަ 77 އަށްވުރެ ގިނަ މީހުން ބައްޔަށް ޓެސްޓު ކޮށްފައިވެއެވެ. އަދި ޓެސްޓު ކުރެވުނު މީހުންގެ ތެރެއިން 32 މީހެއްގެ ނަތީޖާ ވަނީ ނައްސިވެފައެވެ. އަދި އެ ރަށުގެ 150އަށް ވުރެ ގިނަ ގެއެއް ވަނީ ކަރަންޓީނުކުރެވިފައެވެ.
ރ. އަލިފުށިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭހެއް ފެނުނު ހިސާބުން ރަށަށް އަރައިފޭބުން މަނާ ކުރެވި ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ލެވިފައެވެ. އަދި ޓާސްކް ފޯހާއި، ސިއްހީ މަރުކަޒުގެ އިތުރުން ރަށު ކައުންސިލުން ދަނީ ރަށުގައި ކޮވިޑްގެ ކޭސްތައް އިތުރުވިޔަ ނުދިނުމަށް ޓަކައި މަސައްކަތް ކުރަމުންނެވެ.