ރިޕޯޓް

އިމާދުއްދީން ސްކޫލުގައި މިޝްކާގެ އާންމު ބަސް:"މިޝްކާ ވަރަށް ލޯބިވޭ"

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
މިޝްކާގެ ވަދާއުގައި މުޅި އިމާދުއްދީން ވަނީ ފުން ހިތާމައެއްގައި

"މިޝްކާއަކީ ޖުވެލް ސެންޓަރަށް ލިބިފައި ހުރި ޖަވާހިރެއް ފަދަ، ރަން މުތެއް" އިމާދުއްދީން ސުކޫލްގެ ލީޑިންގ ޓީޗަރު ފައުޒިއްޔާ މަހުމޫދަށް މިޝްކާ ސިފަކުރަން މިވަރު ވެސް ނުފުދެއެވެ.

Ads by STELCO

ކޮވިޑް-19ގައި ރާއްޖެއިން މި ދުނިޔެ ދޫކުރި އެންމެ ހަގު ކުއްޖާއަކީ މިޝްކާއެވެ. އުމުރުން އެންމެ 10 އަހަރުގައި މިޝްކާ ވަކިވެގެން އެ ދިޔައީ މުޅި ގައުމު ރޮއްވައިފައެވެ. މުޅި ގައުމު ހޭލައްވައިފައެވެ. ގައުމަށް އެތައް ފިލާވަޅުތަކެއް ނަގައިދީފައެވެ. އެތައް ބައެއްގެ އިހުމާލުގެ ވާހަކަތަކެއްގެ އަޑު މިޝްކާގެ މަރާ އެކު ފަޒާގައި ގުގުމާލައިފިއެވެ.

މިޝްކާގެ މަރާ އެކު މުޅި އިމާދުއްދީން ސުކޫލަށް ވެސް ލިބިފައިވަނީ ފަޅުކަމެކެވެ. އިއްޔެ އެއީ މުޅި އިމާދުއްދީން ސުކޫލް ވެސް ކަރުނަ އަޅައި ރުއި ދުވަހެކެވެ. އިމާދުއްދީން ސުކޫލަށް ވެސް ކަޅު، ބަނަ ދުވަހެކެވެ. އެތަނުގެ ޓީޗަރުންނާއި މުވައްޒަފުން އަދި ދަރިވަރުން ވެސް މިޝްކާ ދެކެ ނުހަނު ލޯބިވެއެވެ. އެ އެންމެންގެ ލޯ ކުރިމަތީގައި ވެސް ސިފަވެސިފަވެ ހުރީ އެ މައުސޫމު ހިނިތުންވުމެވެ.

މިޝްކާއަކީ ކޮވިޑްގައި ރާއްޖެއިން ނިޔާވި 18 އަހަރުން ދަށުގެ ފުރަަތަމަ ކުއްޖާ

ހުނަރުން ފުރިފައިވާ "ޖަވާހިރެއް"

ފައުޒިއްޔާއާ ވާހަކަ ދައްކާލެވުނު ގާތްގަނޑަކަށް 15 ވަރަކަށް މިނެޓުގެ ތެރޭގައި ވެސް އޭނާ މުޅީންހެން ދެއްކީ މިޝްކާގެ ހުނަރުވެރިކަމުގެ ވާހަކައެވެ. އެކި ފަންނުތަކަށް މިޝްކާ މޮޅު ވާހަކައެވެ. މިޝްކާގެ ހިނިތުންވުމުގެ ވާހަކައެވެ. މިޝްކާގެ ކެރުންތެރިކަމުގެ ވާހަކައެވެ.

ފައުޒިއްޔާ ވިދާޅުވި ގޮތުގައި މިޝްކާއަކީ އަދަބީ ކަންކަމުގައި ވެސް ހުނަރުން ފުރިފައިވާ ކުއްޖެކެވެ. އެގޮތުން ޅެން، ބަނދި، ރައިވަރު ކިޔުމުގައި ވެސް އޭނާ އަކީ ފާހަގަ ކޮށްލެވޭ ރަންތަރިއެކެވެ. މިޝްކާއަކީ ކިޔެވުމަށް ވެސް މޮޅު، ކާމިޔާބު ދަރިވަރެކެވެ. އޭނާ ދިޔައީ ކިޔެވުމުގައި ވެސް ރަނގަޅު ނަތީޖާތަކެއް ހާސިލު ކުރަމުންނެވެ.

މިޝްކާ ކިޔަވަމުން ދިޔައީ އިމާދުއްދީން ސުކޫލްގެ ޖުވެލް ސެންޓަރުގެ ޑައިމަންޑު ކުލާހުގައެވެ. އެއީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްސަ ކުރެވިފައިވާ އިމާދުއްދީންގެ ސެންޓަރެކެވެ. އެތަނުގައި ތައުލީމް ހާސިލު ކުރަމުން ދިޔަ މިޝްކާގެ ތޫނުފިލިކަމާއި އޭނާގެ ހުނަރުވެރިކަމުގެ ސަބަބުން އޭނާ ދިޔައީ އެ ސުކޫލްގެ ގްރޭޑް 4Aގައި ވެސް ތައުލީމް ހާސިލު ކުރަމުންނެވެ.

"އިންކުލޫޒިވް ޕޮލިސީގެ ދަށުން އޭނާ ހަމަ ގްރޭޑް 4Aގެ ދަރިވަރަކަށް ވާނެ، ސެންޓަރުގައި އުޅުމުގެ އިތުރުން އޭނާ ދާނެ އެ ކުލާހަށް ވެސް، އޭނާއަށް ނެގޭ ބައެއް ސަބްޖެކްޓްތައް ނަގަން" މިޝްކާގެ ވާހަކަތައް ހިއްސާ ކުރައްވަމުން ފައުޒިއްޔާ ވިދާޅުވިއެވެ.

"އިންގްލިޝް ގަޑިތަކަށާ ގުރުއާންް ގަޑިއަށް ރެގިއުލާރކޮށް ދާނެ، މިޝްކާ ވަރަށް ޝައުގުވެރިކަން ހުންނަ ދާއިރާއެއް (ގުރުއާން) އެއީ" ގުރުއާން ކިޔުމާއި މަދަހަ ކިޔުމަކީ މިޝްކާގެ ފާހަގަ ކޮށްލެވޭ ދެ ހުނަރު ކަމުގައި ފައުޒިއްޔާ ފާހަގަ ކުރެއްވިއެވެ.

މިޝްކާ މަދަހައެއް ކިޔަނީ

މިޝްކާގެ ކުރެހުން، އެމްޓީސީސީ ކަލަންޑަަރަށް!

ފަންނުތަކުގައި މުއްސަނދި މިޝްކާއަކީ ކުރެހުމުގެ ހުނަރު ވެސް ލިބިފައިވާ ދަރިވަރެކެވެ. އެގޮތުން އެމްޓީސީސީގެ މި އަހަރުގެ ކަލަންޑަރުގައި ހިމަނައިފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކުރެހުންތައް އެކަންޏެވެ. އެ ކުރެހުންތަކުގެ ތެރޭގައި މިޝްކާގެ ކުރެހުމެއް ވެސް ހިމެނެއެވެ.އެ ކަލަންޑަރުގެ "ޖުލައި" ޚާއްސަ ކުރެވިފައިވަނީ މިޝްކާއަށެވެ. ނަމަވެސް ޖުލައި މަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ ކުރިން މިޝްކާ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކީއެވެ. އެތައް ހަނދާންތަކަކުން ކަރުނުން ލޯތައް ތެއްމާފައެވެ.

އެމްޓީސީސީ ކަލަންޑަރުގެ "ޖުލައި"ގައި މިޝްކާގެ ކުރެހުން

މިޝްކާގެ ކަންކަމުގައި މުޅި އާއިލާގެ އެއްބާރުލުން އަބަދުވެސް ލިބޭ!

ފައުޒިއްޔާ ވިދާޅުވީ މިޝްކާގެ މައިންބަފައިންނަކީ މިޝްކާގެ ކަންކަމުގައި ވަރަށް ފަރުވާތެރި، މިޝްކާއަށް ވަރަށް އަޅައިލާ ބައެއް ކަމަށެވެ. އެގޮތުން މިޝްކާގެ ހުރިހާ ކަމެއްގައި އަބަދުވެސް މިޝްކާގެ މަންމަ އާއި ބައްޕަގެ ހިއްސާ ވަރަށް ބޮޑުވާނެ ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

"ވަރަަށް ވަރަށް ވަޑައިގަންނަވާނެ ހަމަ ބޯތު ޕޭރެންޓްސް ވެސް" ފައުޒިއްޔާ ވިދާޅުވީ މިޝްކާގެ ބައްޕައަކީ ކަސްޓަމުގައި މަސައްކަތް ކުރާ މީހެއްކަމުން ޑިއުޓީ ބައެއް ފަހަރަށް ހުންނަ ގޮތުން މިޝްކާގެ ހުށަހެޅުންތަކަށް ނާދެވޭނަމަ ތާރީހު ނުވަތަ ގަޑި ބަދަލު ކުރުމަށް ވެސް އެދޭ ކަމަށެވެ.

މިޝްކާގެ ހުށަހެޅުންތަކަށް އަދި މިޝްކާގެ ކޮންމެ ކަމެއްގައި ވެސް މިޝްކާގެ ބައްޕައާއި މަންމައަށް ވެސް އަބަދުވެސް ދެވޭތޯ މަސައްކަތް ކުރެއެވެެ. އަދި މިޝްކާގެ ބައްޕައާއި މަންމަގެ އާއިލާގެ ފަރާތުން އިތުރު އާއިލާގެ މެންބަރުން ވެސް މިޝްކާގެ ކަންކަމުގައި ވަރަށް ހިތްވަރުދީ ބައިވެރިވެއެވެ.

"ބައްޕައަށް ބައިވެރި ނުވެވޭ ނަމަ ބައްޕަގެ އެއްބަނޑު އެއްބަފާ ބޭބެއެއް ނަމަވެސް ހުންނާނެ މަންމައާ އެކު"

ސަރުކާރުގެ ބޮޑެތި ޖަލްސާތަކުން މިޝްކާގެ ހުނަރު!

ޖެންޑާ މިނިސްޓްރީ ފަދަ ސަރުކާރުގެ އިދާރާތަކުން ބާއްވާ ބައެއް ޖަލްސާތަކުގައި މިޝްކާގެ ހުނަރުވެރިކަން ވަރަށް ގިނައިން ދައްކައިލައިފައި އެބަ ހުއްޓެވެ. އެގޮތުން އެ އިދާރާތަކުން އެދިލައްވައިގެން މިޝްކާގެ އެކިކަހަލަ އައިޓަމްތައް، ގިނަ ޖަލްސާތަކެއްގައި ހުށަހަޅާފައި ހުންނާނެކަމުގައި ފައުޒިއްޔާ ފާހަގަ ކުރެއްވިއެެވެ.

"ކިތަންމެ ނުތަންވަޅު ވެފައި ހުއްޓަސް، ވަރަށް ކައިރިވެފައި ހުއްޓާ ބުނެލިކަމަށް ވިޔަސް ރެޑީ ކޮށްގެން ގެންދަން ޖެހޭ ޑްރެސްއެއްގައި، ހަމަ ދެކޮޅަށް އެއްޗެއް ވިދާޅުނުވެ ގެންދަވާނެ، އެތާ ތިއްބަވާނެ މިޝްކާގެ ބައްޕައާ މަންމަ ވެސް ވަގުތަށް" ފައުޒިއްޔާ ވިދާޅުވިއެވެ.

މިޝްކާ ޖަލްސާއެއްގައި އައިޓަމެއް ހުށަހަޅަނީ

މިޝްކާގެ މަންމަގެ މެސެޖު: މިޝްކާއާ މެދު ހިތްދެރަ ނުކުރޭ!

އަމިއްލަ ދަރިފުޅު ކުރިމަތީގައި ވަކިވެދިއުމާ އެކު މިޝްކާގެ މަންމައަށް ލިބިފައިވަނީ ފުން ހިތާމައެކެވެ. އެހެން ނަމަވެސް މި ދަތި، އުނދަގޫ ދަނޑިވަޅުގައި ވެސް މިޝްކާގެ މަންމަ ވަރަށް ހިތްވަރުގަދައެވެ. ފައުޒިއްޔާ ވިދާޅުވީ އޭނާއަށް އިއްޔެގެ މެންދުރުފަހުގެ ވަގުތެއްގައި މިޝްކާގެ މަންމައާ ވާހަކަ ދެއްކުނު ކަމަށެވެ.

"މަންމަގެ ވާހަކައަކީ އެއްވެސް މީހެއްގެ ފަރާތުން މިޝްކާއާ ދޭތެރޭ ހިތްދެރަ ނުކުރައްޗޭ، ނުރޮއްޗޭ، މަންމަ ވެސް ވަރަށް ސްޓްރޯންގު އެނގޭތޯ" މިޝްކާގެ މަންމައާ ދެކެވުނު ވާހަކަތައް ހިއްސާ ކުރައްވަމުން ފައުޒިއްޔާ ވިދާޅުވިއެވެ.

މިޝްކާގެ މަންމަގެ ވެސް އަދި ބައްޕަގެ ވެސް އެދުމަކީ ހުރިހާ އެންމެން ވެސް ހިތްވަރުގަދަކޮށް މިޝްކާއަށް ޓަކައި ހެޔޮދުއާ ކޮށްދިނުމެވެ.

 

މިޝްކާގެ ފަހު މަސައްކަތް: އޯޓިޒަމް ދުވަހުގެ ހާއްސަ ލަވަ

މިޝްކާގެ އެންމެ ފަހުގެ މަސައްކަތަކަށް ފެންނަން އޮތީ ނިމިދިޔަ އޯޓިޒަމް ދުވަހަށް ހާއްސަކޮށް އިމާދުއްދީން ސުކޫލުން ތައްޔާރު ކޮށްފައިވާ ލަވައެކެވެ. އެ ލަވައިގައި މިޝްކާ ފެންނައިރު އެ ލަވައިގެ ބައެއް ކަޑިތައް މިޝްކާގެ އަޑުން ވެސް ވަނީ އަޅައިފައެވެ.

"އިއްތިފާގުން އަޅުގަނޑުމެންނަށް ރޭގައި ލަވަ ލިބުނީ ވެސް، ދެން ވަރަށް ދެރަވި، ވަރަށް ހަނދާންވި، އޭނާގެ ވަރަށް ގިނަ ކަންތައްތަކެއް ލަވައިން ވެެސް ފެންނާނެ" ފައުޒިއްޔާގެ އަޑުގައި ވެސް އެކުލެވިގެންވީ ހިތާމަވެރިކަމާއި މޮޅިވެރިކަމެވެ.

މިޝްކާގެ ވަކިވެދިއުމުގެ ކުރިން އޭނާ ތައްުޔާރުވަމުން ދިޔައީ ސުކޫލްގެ ގުރުއާން މުބާރާތަށެވެ. އެހެން ނަމަވެސް ގުރުއާން މުބާރާތުގެ ކުރިން އެ ތުއްތު ފުރާނަ ވަނީ ﷲގެ ތަނަވަސް ރަހުމަތަށް ދަތުރު ކޮށްފައެވެ.

މުޅި އިމާދުއްދީނަށް ވެސް ހިތާމަވެރި ދުވަހެއް!

"އިޓްސް އަ ވެރީ ބިގް ލޮސް އިނގޭތޯ ސުކޫލަށް، މިޝްކާއަކީ ވަރަށް ޓެލެންޓެޑް ކުއްޖެއް" އިމާދުއްދީން ސުކޫލުގެ ޕްރިންސިޕަލް އަލީ މަހްމޫދު އޭނާގެ ވާހަކަ ފެއްޓެވީ މިހެންނެވެ.

އިމާދުއްދީންގެ ޕްރިންސިޕަލް އަލީ މަހްމޫދު، މިޝްކާއާ އެކު

މަހްމޫދު ވިދާޅުވީ މިއީ މުޅި އިމާދުއްދީނާއި ޖުވެލް ސެންޓަރަށް ވެސް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. އަދި އިމާދުއްދީން ސުކޫލަށް ގެއްލިގެން އެ ދިޔައީ ވަރަށް ހުނަރުވެރި ވަރަށް ގާބިލު ދަރިވަރެއް ކަމުގައި އޭނާ ސިފަ ކުރެއްވިއެވެ.

މިޝްކާގެ ޓީޗަރާއި މިޝްކާގެ އެންމެ ފަހު ބައްދަލުވުން!

މިޝްކާއާ އެންމެ ގާތުން މަސައްކަތް ކުރެވުނު އެއް ޓީޗަރަކީ އިމާދުއްދީންގެ ޖުވެލް ސެންޓަރުގައި މަސައްކަތް ކުރާ ނަޖްްމާ މިސްއެވެ. "ދެން"އާ ވާހަކަ ދައްކަވަމުން ނަޖުމާ ވިދާޅުވީ މިޝްކާއަކީ އެންމެންނާ ވެސް ގުޅޭ، އަބަދުވެސް ހިނިތުންވެފައި ހުންނަ ކުއްޖެއް ކަމަށެވެ.

"ހުރިހާ ކުދިން ލީވް ކުރާއިރުގައި ވެސް މިޝްކާ އިންނާނެ ކުލާހުގައި ލީވް ނުކޮށް، ދަމުން ވެސް ބުނެލާނެ ވަރަށް ލޯބިވޭ ނަޖޫ މިސްއޭ، އެވަގުތު ހުންނަ ޓީޗަރުން ގާތުގައި ބުނާނެ އެހެން" އޮންލައިން ކުލާސްތަކުގައި މިޝްކާގެ ހަނދާން އަބަދުވެސް އާވާނެކަން ފާހަގަ ކުރަމުން ނަޖްމާ ވިދާޅުވިއެވެ.

އެމްޓީސީސީ ކަލަންޑަރުގައިވާ މިޝްކާގެ ކުރެހުން އޭނާ ކުރެހި ވަގުތު ނަގައިފައިވާ ފޮޓޯއެއް

ނަޖްމާއާ އެންމެ ފަހުން މިޝްކާއާ ބައްދަލުވީ އަންގާރަ ދުވަހުއެވެ. އެދުވަހުގެ ކުލާސް ނިންމައިލުމަށް ފަހު ނަޖުމާގެ ގާތުގައި މިޝްކާ އެންމެ ފަހުން ބުނި ބަސް އަދިވެސް އޭނާގެ ކަންފަތުގައި ގުގުމާލަގުގުމާލާ ވެއެވެެ.

ނަޖޫ މިސް، މިޝްކާ ވަރަށް ލޯބިވޭ

މިޝްކާގެ "ވަރަށް ލޯބިވޭ"، ހުރިހާ ޓީޗަރުން އަބަދުވެސް ހަނދާންވާނެ!

މިޝްކާގެ ވާހަކަތައް ހިއްސާ ކުރައްވަމުން ފައުޒިއްޔާ އަދި ނަޖުމާ ވެސް ފާހަގަ ކުރެއްވި އެއް ކަމެއް އަޅައިގަތެވެ. "ވަރަށް ލޯބިވޭ" މިއީ މިޝްކާގެ އަނގަމަތީ ލަފްޒެއް ކަމެވެ. އެއީ އޭނާ ވަރަށް ގިނައިން ބުނެއުޅޭ އެއްޗެއް ކަމެވެ.

ފައުޒިއްޔާ ވިދާޅުވީ މިޝްކާ ސުކޫލްގެ ދަންފަޅި ނިންމައިލުމަށް ފަހު ސުކޫލުން ނުކުމެގެން ދާނީ އެވަގުތު އެތަނެއްގައި ތިބޭ ހުރިހާ ޓީޗަރުންގެ ގާތުގައި ވެސް ނަމުން ގޮވައިލުމަށް ފަހު "މިޝްކާ ވަރަށް ލޯބިވޭ" މިހެން ބުނުމަށް ފަހުގައި ކަމަށެވެ.

" ސުކޫލް ނިންމާލަފަ މިޝްކާ ނުކުންނާނީ، އޭނާ ބައްޕައަށް ކިތަންމެ ލަސްވެފައި ހުރި ކަމަށް ވިޔަސް، މީނަ ހަމަ ވަކިވަކިން އެތާނގަ ތިބޭ ހުރިހާ އެންމެންގާތުގައި ބުނާނެ، މިސާލަކަށް ފައުޒިއްޔާ މިސް މިޝްކާ ވަރަށް ލޯބިވޭ" މިޝްކާގެ ހަނދާންތައް އައު ކުރައްވަމުން ފައުޒިއްޔާ ކިޔައިދެއްވިއެވެ.

މިޝްކާ، ފައުޒިއްޔާ މިސްއާ އެކު

އޮންލައިން ކުލާސްތަކުގައި ވެސް ކުލާސްތަކަށް އޮބްޒާވް ކުރުމަށް ފައުޒިއްޔާ ބައެއް ފަހަަރަށް ކުލާސްތަކަށް ވަންނަވައެވެ. އެފަދަ ކޮންމެ ވަގުތެއްގައި ވެސް މިޝްކާ އަބަދުވެސް "މިޝްކާ ވަރަށް ލޯބިވޭ" މިހެން ބުނާ ކަމަށް ފައުޒިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި ހުރިހާ ޓީޗަރުންނާ ވެސް އަދި ޕްރިންސިޕަލްއާ ވެސް އެގޮތަށް މުޚާތަބު ކުރާ ކަމަށް އޭނާ ކިޔައިދެއްވިއެވެ.

"ފައުޒިއްޔާ މިސް، މިޝްކާ ވަރަށް ލޯބިވޭ، އެ ތަންކޮޅު އަންނާނެ ހަމަ، ހަނދާނުން ނުފޮހެވޭ، ކަންފަތުގައި ގުގުމާ އަޑެއް" ގިނަ ދުވަސްތަކެއް ވަންދެން މިޝްކާއާ އެކު މަސައްކަތް ކުރެއްވި ފައުޒިއްޔާގެ އަޑުގައި ވަނީ ހިތާމަވެރިކަމާއި މާޔޫސީކަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!