ބޮލީވުޑް

ދިޝާއާއި ޓައިގާ ކާރު ދުއްވައިލާން ނިކުމެ އުޅެނިކޮށް ފުލުހުން ހުއްޓުވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ގިނަ ބަޔަކަށް ކަމުދާ ދެ ލޯބިވެރިން ކަމުގައިވާ ޓައިގާ ޝްރޮފްއާއި އޭނާގެ ލޯބިވެރިޔާ ދިޝާ ޕަޓާނީ، ކާރު ދުއްވައިލާން ނިކުމެ އުޅެނިކޮށް ފުލުހުން ހުއްޓުވައިފިއެވެ.

Ads by STELCO

ރިޕޯޓުތަކުން ބުނާ ގޮތުގައި މުމްބާއި ފުލުހުން ޓައިގަރާއި ދިޝާ ހުއްޓުވައިފައި ވަނީ މިދިޔަ އަންގާރަ ދުވަހު، ހަވީރު ފިންޏަށް ކާރު ދުއްވާލަށް ނިކުމެ އުޅެނިކޮށެވެ.

އެ ދެމީހުންގެ ކާރު ހުއްޓުވީ ކީއްވެ ކަމެއް އެއްވެސް ރިޕޯޓެއްގައި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކާރު ހުއްޓުވީ ޖިމް ނިންމާފައި ކާރު ބުރެއް ޖަހާލަން ދަނިކޮށްކަން މީޑިއާ ބުނެއެވެ.

މުމްބާއި ފުލުހުން އެ ކާރު ހުއްޓުވައިފައި، ޓައިގާއާއި ދިިޝާގެ އައިޑީ ކާޑާއި އެހެނިހެން ލިޔެކިޔުންތައް ބެލުމަށް ފަހު އެ މީހުން ދޫކޮށްލީ ކަމަށް އިންޑިއާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވެއެވެ.

ބޮލީވުޑްގެ މަޝްހޫރު މި ދެ އެކްޓަރުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެއެވެ. ރަސްމީކޮށް އެ ވާހަކަ ހިއްސާ ކޮށްފައި ނުވި ނަމަވެސް، ދެ މީހުން އަބަދުވެސް އެކުގައި އުޅުމާއި އާއިލާއާ އެކު ވެސް ގިނަ ޙަފްލާތަކުގައި ބައިވެރިވުމުން ވެސް މި ދެ ތަރިންގެ ދެމެދުގައި އޮންނަ ގުޅުން ހާމަ ވެގެން ދެއެވެ.

ދިޝާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ސަލްމާން ޚާން ގެ އުފެއްދުމެއް ކަމަށްވާ ފިލްމު "ރާދޭ" އިންނެވެ. އެ ފިލްމުގައި އޭނާއާ އެކު ޓައިގާގެ ބައްޕަ އަދި ބޮލީވުޑްގެ މެގާސްޓާ ޖެކީ ޝްރޮފް ވެސް ހަރަކާތްތެރިވެއެވެ. ޖެކީއާ އެކު މަސައްކަތް ކުރުމާ ގުޅޭގޮތުން ދިޝާ ބުނީ، އެއީ އެކުގައި މަސައްކަތް ކުރަން ވަރަށް ފަސޭހަ މީހެއް ކަމަށެވެ. ޖެކީއަކީ ވަރަށް "ކޫލް" މީހަކަށްވުމާ އެކު ދާއިރާގެ ސީނިއާ މީހަކަށް ވެސް ވާތީ ވަރަށް ގިނަ ކަންތައްތަކެއް ޖެކީގެ ފަރާތުން ދަސްވި ކަމަށް ވެސް ދިޝާ ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!