ދަތިތަކަކާ ކުރިމަތިލާން ޖެހި ތަޙްލީލު މަރުޙަލާގައިވާ ވެކްސިނެއް ވެސް އިންޑިއާއިން ގަންނަނީ
އެމެރިކާއަށް ފަހު ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19ޖެހިފައިވާ އިންޑިޔާއިން ވެކްސިން ހޯދުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހި ތަޙްލީލު މަރުޙަލާގައިވާ ކޯވިޑް-19ގެ ވެކްސިނެއް ގަތުމަށް އެ ޤައުމުގެ ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިންޑިޔާގެ ކުންފުންޏެއްކަމަށްވާ ބަޔޮލޮޖިކަލް އީން އުފައްދާފައިވާ ކޯވިޑް-19ގެ ވެކްސިންގެ 300 މިލިޔަން ޑޯޒު ގަންނާނެކަމަށާއި އެ ވެކްސިން ގަތުމަށް 205.6 މިލިޔަން އެމެރިކާ ޑޮލަރު ދައްކާފައިވާކަމަށް ވެސް އިންޑިޔާގެ ސަރުކާރުން ބުނެފައިވެއެވެ. އިންޑިޔާގެ ސަރުކަރުން ބުނީ ބަޔޮލޮޖިކަލް އީގެ ވެކްސިން ގަތުމަށް ނިންމީ އެ ޤައުމުގެ އަމިއްލަ ކުންފުނިތަކަށް އެހީތެރިވެ ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެ ވެކްސިންގެ ތަޙްލީލުތައް މިހާތަނަށް ނިމިފައެއް ނުވެއެވެ. ބަޔޮލޮޖިކަލް އީން އުފައްދައި ވެކްސިނުގެ ތިންވަނަ މަރުޙަލާގެ ތަޙްލީލުތައް އަދިވެސް ދަނީ ކުރަމުންނެވެ.
އިންޑިޔާގެ 6 ކުންފުންޏަކުން ވަނީ އަހަރެއްގެ ތެރޭގައި ސްޕަޓްނިކު ވީގެ 1 ބިލިޔަން ޑޯޒު އުފެއްދުމަށް ރަޝިޔާއާއެކު އެއްބަސްވުންތަކެއް ޤާއިމުކޮށްފައެވެ. އޮގަސްޓު މަހާއި ޑިސެންބަރު މަހާ ދެމެދު ސްޕަޓްނިކު ވީގެ 156 މިލިޔަން ޑޯޒު ލިބޭނެކަމަށް އިންޑިޔާގެ ސަރުކާރުން އުންމީދުކުރެއެވެ.
އިންޑިޔާގައި ދިރިއުޅޭ 18 އަހަރުން މަތީގެ 950 މިލިޔަނަށް ވުރެ ގިނަ މީހުންގެ ތެރެއިން ކޯވިޑް-19ގެ ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައި ވަނީ ގާތްގަނޑަކަށް 4.7 އިންސައްތަ މީހުންނެވެ. އިންޑިޔާއަކީ އެންމެ ފުޅާ ދާއިރާއެއްގައި ބޭހާއި ވެކްސިން އުފައްދައި އެއް ޤައުމެވެ. ނަމަވެސް އިންޑިޔާގެ ރައްޔިތުންނަށް ވެކްސިން ޔަޤީންކުރުމަށް އެ ޤައުމުން ވަނީ ނުކުޅެދިފައެވެ. އެއާ އެކު ކޯވިޑް-19ގެ ވެކްސިން އެ ޤައުމުން ބޭރުކުރުން ވަނީ ވަގުތީގޮތުން މެދުކަނޑައިލައިފައެވެ. އެ ނިންމުމުގެ ސަބަބުން އިންޑިޔާއިން ފޯރުކޮށްދޭ ވެކްސިންނަށް ބަރޯސާވެފައިވާ ގިނަ ޤައުމުތަކަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ވެކްސިން ގަތުމަށް އެ ޤައުމުތަކުން ދައްކައިފައިވާ ގިނަ ޢަދަދެއްގެ ފައިސާ ވެސް އަނބުރާ ދިނުމަށް އިންޑިޔާއަށް ވަނީ މަޖުބޫރުވެފައެވެ.