ޚަބަރު

މާންދޫން ކޮވިޑް-19 ޖެހުނު 305 މީހަކު ބަލިން ރަނގަޅު ވެއްޖެ، ބަލި ޖެހިފައި ތިބީ 8 މީހަކު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މާންދޫ ފިޝަރީސް ކޮންޕްލެކްސް

ލާމު އަތޮޅުގައި މަސް ފެކްޓްރީއެއް ހިންގަމުން އަންނަ ލ.މާންދޫއިން ކޮވިޑް-19 ޖެހުނު 314 މީހުންގެ ތެރެއިން 305 މީހުން އެބަލިން ރަނގަޅު ވެއްޖެއެވެ.

Ads by STELCO

މިއާ އެކު އެރަށުގައި މިވަގުތު ކޮވިޑް-19 ޖެހިފައި ތިބީ 8 މީހުންނެވެ. މާންދޫއަކީ ލާމު އަތޮޅުން ކޮވިޑް-19 ފެނުނު ފުރަތަމަ ރަށެވެ. އޭގެ ފަހުން އެ އަތޮޅުގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުން ކޮވިޑް-19 ކޭސްތައް ވަނީ ފެނިފައެވެ. މިގޮތުން ލާމު އަތޮޅުން ދެވަނައަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ މާންދޫއާ އެއްފަސްކޮށް އޮންނަ ގަމުންނެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާ ތަނަށް އެ ރަށުން 300 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. މީގެ ތެރެއިން 218 މީހަކު ބަލިން ރނގަޅުވެފައި ވެއެވެ. އިއްޔެ ވެސް އެރަށުން 7 މީހަކު ވަނީ މިބައްޔަށް ފައްސިވެފައެވެ.

މީގެ އިތުރުން މިވަގުތު އެންމެ ގިނަ އެކްޓިވް ކޭސްތައް ހުރީ ލ.މާވަށުގައެވެ. މިގޮތުން މާވަށުގައި މިހާރު ކޮވިޑް ތަހައްމަލް ކުރާ 144 މީހަކު އެބަތިއްބެވެ. އެރަށުން ޖުމްލަ 238 މީހަކަށް ކޮވިޑް-19 ޖެހި ރަނގަޅު ވެފައި ވަނީ 93 މީހުންނެވެ.

ހަތަރު ވަނައަށް އެންމެ ގިނަ މީހުން ފައްސިވި އިސްދޫން މިބަލި ޖެހިފައި ވަނީ 223 މީހުންނަށެވެ. މީގެ ތެރެއިން 110 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. ލާމު އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން 10 ރަށަކުން ކޮވިޑް-19 ކޭސްތައް ވަނީ ފެނިފައެވެ. މިގޮތުން މުޅި އަތޮޅުން ކޮވިޑް-19 ޖެހުނު ޖުމްލަ މީހުންގެ އަދަދު 1،234އަށް ވަނީ އަރައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!