ނައިޖީރިއާގައި ޓްވިޓަރ ބޭނުން ކުރާ ފަރާތްތަކުގެ މައްޗަށް ވަގުތުން ދަޢުވާ ކުރަނީ
ނައިޖީރިއާގައި ޓްވިޓަރ ބޭނުން ކުރުން އެޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.
ނައިޖީރިއާގައި ޓްވިޓަރ ބޭނުން ކުރުން މަނާކޮށްފައި ވަނީ އެޤައުމުގެ ރައީސް މުޙައްމަދު ބުޚާރީ އެޤައުމުގެ ދާޚިލީ މައްސަލައަކާ ގުޅިގެން ކުރެއްވި ޓްވީޓެއް ޓްވިޓަރއިން ޑިލީޓްކޮށްލުމުގެ ސަބަބުންނެވެ. ޓްވިޓަރއިން ބުނެފައިވަނީ އެ ޓްވީޓަކީ އެ ސައިޓުން ގެންގުޅެމުން އަންނަ ޤަވާއިދާ ޚިލާފު ޓްވީޓެއް ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ނައިޖީރިއާއިން އެޤައުމުގައި މުއާސަލާތީ ޚިދުމަތް ދެމުން އަންނަ ކުންފުނި ތަކަށް ޓްވިޓަރ ބޭނުން ނުކުރެވޭގޮތް ހެދުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މިއަމުރާ ޚިލާފުވާ ފަރާތްތަކަށް ވަގުތުން ޤާނޫނީ ފިޔަވަޅު އަޅުއްވާނެކަމަށް އެޤައުމުގެ ބަންޑާރަނައިބު މިއަދު ވަނީ ވިދާޅުވެފައެވެ. ނައިޖީރިއާގައި ބައެއް ފަރާތްތަކުން ދަނީ ވީޕީއެން ބޭނުންކޮށް ޓްވިޓަރ ބޭނުން ކުރަމުންނެވެ.
ނައިޖީރިއާގެ އިންފޮމޭޝަން މިނިސްޓަރު ލައި މުހައްމަދު ހުކުރު ދުވަހު ވިދާޅުވެފައި ވަނީ، އެގައުމުގެ ސަރުކާރުން މިގޮތަށް އަމަލު ކޮށްފައި ވަނީ، ނައިޖީރިއާގެ ސަރަހައްދީ އެއްބައިވަންތަކަމަށް ބުރޫ އަރާ ފަދަ ހަރަކާތްތަކަށް ތަކުރާރުކޮށް މި ޕްލެޓްފޯމުގެ ބޭނުން ކުރެވެމުން ދާތީ ކަމުގައެވެ.
ނައިޖީރިއާއިން މީގެ ކުރިން ވެސް ވަނީ މީސްމީޑިއާގައި ޚިޔާލުފާޅު ކުރެވޭ މިންވަރު ކޮންޓްރޯލް ކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. މިހެންކަމުން ރައީސްގެ ޓްވީޓް ޑިލީޑްކޮށްލުމުން މިކަން ކުރުމަށް އިތުރު ބާރަކަށް ވެގެންދިޔައެވެ.