ކިނޮޅަހުގެ ފެނާއި ނަރުދަމާ މަޝްރޫޢުގެ 35% މަސައްކަތް ނިމިއްޖެ
މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އިން ކުރިއަށް ގެންދާ ރ.ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މުޅި މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ %35 ނިމިއްޖެއެވެ.
މިގޮތުން، މި މަޝްރޫޢުގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ %91 މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޑަބްލިޔުއެސްސީއިން ވަނީ ބުނެފައެވެ.
މީގެއިތުރުން، ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 6.27 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް އެޅުމާއި، ފެން އުފެއްދުމަށް ޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށް ޓަކައި 3 ތާންގީ ބެހެއްޓުން ހިމެނުމުގެ އިތުރުން 135 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރ ބަހައްޓައި، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް ވެސް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ.
މި މަޝްރޫޢުގެ ނަރުދަމާ ނިޒާމުގައި ހިމެނޭ 7.45 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯރކްގެ ހޮޅި ވަޅުލުމުގެ %72 މަސައްކަތާއި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ %77 މަސައްކަތުގެ އިތުރުން ސީ އައުޓް ފޯލް އެޅުމުގެ %35 މަސައްކަތް، އަދި ޕަންޕިން ސްޓޭޝަންތަކުގެ %16 މަސައްކަތް ވަނީ ނިމިފައެވެ.
މީގެއިތުރުން، ނަރުދަމާ ނިޒާމު ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަހުގައި 695 މީޓަރގެ ޕަމްޕިން ލައިން އެޅުން ހިމެނެއެވެ. މިއާއެކު، ފެނާއި ނަރުދަމާ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖެނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކިނޮޅަހުގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ އަގަކީ ޖުމްލަ 36،048،032.06 މިލިއަން ދިވެހި ރުފިޔާ ކަމަށް މައުލޫމާތު ލިބެއެވެ. މި މަޝްރޫޢުގެ މަސައްކަތް ނިމުމުން ކިނޮޅަހުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.