ޚަބަރު

އަލިފުށީގައި އިހުމާލުތައް ގިނަ، އަލާމާތްތައް ފެނުނަސް ޓެސްޓު ނުކޮށްދޭ ކަމުގެ ޝަކުވާ!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ރަށްތަކުގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާއިރު ޙާލަތު އެންމެ ގޯސް އެއް ރަށަކީ ރ.އަލިފުއްޓެވެ.

Ads by STELCO

ނިމިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުން ފަށައިގެން މޮނިޓަރިންގައި އޮތް އަލިފުށިން އިއްޔެއާ ހަމައަށް 269 މީހެއްގެ ސުންކު ޓެސްޓް ކުރެވި އޭގެ ތެރެއިން 82 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. މިއަދުގެ މިހާތަނަށް 291 މީހުންގެ ސުންކު ނެގުނު އިރު ނަތީޖާ ނުލިބޭ 52 މީހަކު އެބަ ތިއްބެވެ.

ރަށުގައި ކޮވިޑް ފެތުރެމުންދާ މިންވަރަށް ބަލާއިރު، ޓެސްޓް ކުރާ އަދަދު މަދު ކަމުގެ ޝަކުވާ އަލިފުށި ރައްޔިތުން ދަނީ ކުރަމުންނެވެ. އެގޮތުން "ދެން"އަށް މައުލޫމާތުދެމުން އެރަށުގެ މީހަކު ބުނީ،  ގޭގައި ތިބި ބޮޑު ތިން މީހެއްގެ ކިބައިން އަލާމާތް ފެނިގެން ސިއްޙީމަރުކަޒަށް ގުޅި ކަމަށާއި، މަރުކަޒުން އައިސް ބޮޑެތި މީހުންގެ ސުންކު ނެގިއިރު، އޭނާގެ 8 އަހަރުގެ މާމަ ދަރިފުޅު ހުރީ ހުން އައިސް ރޯގާ ޖެހިފައި ކަމަށެވެ. އަދި ރަހައާއި ވަސް ވެސް ކެނޑިފައިވާ ކަމަށް އޭނާ ބުންޏެވެ.

އެހެން ނަމަވެސް އަދި ދެ ދުވަހެއް ވަރު ބަލާލުމަށް ފަހި ސުންކު ނަގަން މަޑުކޮށްލުމަށް ސިއްހީ މަރުކަޒުން ޓެސްޓު ހެދުމަށް އައި މީހުން ބުނި ކަމުގައި އޭނާ "ދެން"އަށް ކިޔައިދިނެވެ. އެ ކުއްޖާގެ ޓެސްޓް ނުކުރި ނަމަވެސް ގަވާއިދުން ބޭސް ދެމުން ދާތީ މިހާރު ހުމާއި ރޯގާ ރަނގަޅު ކަމަށާއި އަދިވެސް ސުންކު ނަގަން ނާންނަ ކަމުގައި އޭނާ ފާހަގަ ކުރިއެވެ. އަދި އެގޭގައި އިތުރު ހަތަރު ތުއްތު ކުދިން އުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އަލިފުށި އެހެން މީހަކު ވެސް ވަނީ "ދެން"އަށް ހަމަ ހަމަ އެފަދަ ވާހަކަ ތަކެއް ހިއްސާކޮށްފައެވެ. އޭނާ ބުނީ، އޭނާ ދިރިއުޅެމުން އަންނަ ގޭގެ ކުރިމަތީގައި ހުރި ގޭގެ އެންމެން ކޮވިޑް-19އަށް ފައްސި ކަމަށާއި، އޭނާގެ މަންމަގެ ފަރާތުން ވެސް ހުމާއި ރޯގާގެ އަސަރު ފެނި، ކާއެއްޗެހީގެ ރަހަ ނުލާތީ ރަށު ސިއްހީ މަރުކަޒަށް ގުޅި ކަމަށެވެ. އެހެން ނަމަވެސް މިފަހަރު ވެސް ދެ ދުވަހެއް ވަރު މަޑުކޮށްލުމަށް ފަހުގައި ޓެސްޓު ކުރުމަށް ސިއްހީ މަރުކަޒުން ބުނި ކަމަށް އޭނާ ބުންޏެވެ.

ދެދުވަސް ފަހުން އޭނާ މަންމަ ކޮވިޑް-19 އަށް ޓެސްޓުކުރި ކަމަށާއި، އޭގެ ދެ ދުވަސް ފަހުން އެޗްޕީއޭއިން އޭނާއަށް ގުޅާ މަންމަ ކޮވިޑް-19އަށް ފައްސިވެފައިވާ ވާހަކަ ބުނި ކަމަށާއި، އެހެން ނަމަވެސް ސިއްހީ މަރުކަޒުން ގުޅައި، އޭނާ މަންމަ ކޮވިޑަށް ނައްސި ކަމުގައި އެންގި ކަމަށް ވެސް އޭނާ ބުންޏެވެ.

އަދި މިތިބީ ހަމަ ވާގޮތެއް ޔަގީން ނުވެފައި

އިތުރު މީހަކު "ދެން"އަށް މައުލޫމާތު ދެމުން ބުނީ ކޮވިޑް-19އަށް ފައްސިވެ އަލާމަތްތައް ފެންނަން ހުރި ނަމަވެސް ބޭސް ހޯދަން ޖެހެނީ އަލުން ރަޖިސްޓްރީވެގެން އޮންލައިންކޮށް ޑޮކްޓަރަށް ދައްކައިގެން ކަމުން މިކަމުގައި ވަރަށް ބޮޑެތި ތަކުލީފްތަކެއް އެބަހުރި ކަމަށެވެ.

މިކަމާ ގުޅިގެން އަލިފުށި ކައުންސިލް މެމްބަރު އިބްރާހިމް ޒަހީން "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އަލާމާތްތައް ފެނުމުން ޓެސްޓު ނުކުރާ ކަމުގެ ޝަކުވާ އެ އިދާރާއަށް ނުލިބޭ ކަމަށެވެ. އަދި ސިއްހީ މަރުކަޒާއި ކައުންސިލުން މަސައްކަތް ކުރަމުން އަންނަނީ ވަރަށް ގުޅިގެންކަން ފާހަގަ ކުރައްވައި ޒަހީން ވިދާޅުވީ، މިފަދަ ހާލަތެއްގައި ރަށަކަށް ދެވޭނެ އެންމެ ފުރިހަމަ ހިދުމަތް، ސިއްހީ މަރުކަޒުން ދޭ ކަމަށެވެ.

އަލިފުއްޓަކީ ފުޅާ ދާއިރާއެއްގައި އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތް ކުރެވޭ ރަށަކަށް ވެފައި އެރަށުގައި ގިނަ އަދަދެއްގެ ބިދޭސީން ވަޒީފާތަކުގައި އުޅެއެވެ. މިހާތަނަށް އެރަށުން ކޮވިޑް-19 އަށް 82 މީހުން ފައްސިވެފައި ވާއިރު، އޭގެ ތެރެއިން 28 މީހުންނަކީ ރަށުގައި ދިރިއުޅޭ ބިދޭސީންނެވެ.

Ads by Allied Insurance
  1. ޭެެއެހެންތަ

    ހާދަ މޮޅު ގޮލައެކޭ މި ލިޔެފަ މީނީ، ދެން ސިއްހީމަރުކަޒުގަ ތިބި މީހުން އަޗާތަ އެ ތަޅަނީ އަސ

  2. ހިނި

    ފިތުނަ އުފައްދަން ލިޔެފަ އޮތް އެއްޗެށް ތިޔައީ