ޚަބަރު

ލާމު އަތޮޅުން ކޮވިޑް-19 އިން ފަސޭހަވި މީހުންގެ އަދަދު ހާހަކާ ގާތްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ގަން
ލ.ގަމު މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

ލާމު އަތޮޅުގެ ރަށްތަކުން އިތުރު 19 މީހުން ފައްސިވެ އެ އަތޮޅުގައި ހަރަކާތްތެރި ވޭދަނައިގެ އަދަދު 922 އަށް އަރައިފިއެވެ.

Ads by STELCO

ލާމު އަތޮޅު ގަމު ރީޖަނަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު އެ އަތޮޅުގައި ވޭދަނަތައް އެންމެ ގިނަ ރަށަކީ އިސްދޫއެވެ. އެގޮތުން އިސްދޫގައި ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ 101 އެވެ. މުޅި ޖުމުލަ އިސްދޫން 238 މީހުން ފައްސިވެފައިވާއިރު އެ ރަށުން ބަލި ޖެހުނު 137 މީހަކު މިހާރު ވަނީ ބަލިން ރަނގަޅު ވެފައެވެ. މިއަދު އެ ރަށުން އައު 6 ވޭދަނައެއް ވަނީ ފެނިފައެވެ.

މިއަދު އެ އަތޮޅުން އެންމެ ގިނަ މީހުން ފައްސިވީ ގަމުންނެވެ. އެގޮތުން ގަމުން އިތުރު 9 މީހަކު ވަނީ ފައްސިވެފައެވެ. މި އަދަދާ އެކު ގަމުން ހަރަކާތްތެރި ވޭދަނަތަކުގެ އަދަދަކީ 70އެވެ. އެ ރަށުން މިހާތަނަށް 317 މީހަކަށް ބަލި ޖެހިފައިވާއިރު 245 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ.

މީގެ އިތުރުން އެ އަތޮޅު މާވަށުން ފައްސިވީ މީހުންގެ ޖުމުލަ އަދަދު ވަނީ 246 އަށް އަރައިފައެވެ. އެ ރަށުން 146 މީހުން ބަލިން ރަނގަޅުވެފައިވާއިރު ހަރަކާތްތެރި ވޭދަނައިގެ އަދަދު ހުރީ 99 އެވެ.

ކަލައިދޫން ވެސް މިއަދު ވަނީ އައު 3 ވޭދަނަ ފެނިފައެވެ. އެއާއެކު އެރަށުގައި ބަލި ޖެހުނު މީހުންގެ އަދަދު 84 އަށް އަރައިފައިވާއިރު 35 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. މިހާރު އެރަށުގެ ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ 49 އެވެ.

ލ.މާންދޫން މިއަދު އެއްވެސް މީހަކު ފައްސިވެފައި ނުވެއެވެއެވެ. އެރަށުގައި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 314 އަރައިފައެވެ. ނަމަވެސް ބަލި ޖެހުނު މީހުންގެ ތެރެއިން 306 މީހަކު ބަލިން ރަނގަޅުވެ އެ ރަށުުގައި މިހާރު ބަލިޖެހި، އެއްކޮށް ރަނގަޅުނުވެ ތިބީ 7 މީހުންނެވެ.

އެ އަތޮޅު ދަނބިދޫ، ހިތަދޫ އަދި މާބައިދޫން އެއްވެސް މީހަކު ފައްސިވެފައި ނުވެއެވެ. ފޮނަދޫން ވަނީ އެކަކު ފައްސިވެފައެވެ. ދަނބިދޫގައި ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 09އެވެ. އަދި މިވަގުތު އެ ރަށުގައި ބަލި ޖެހިފައި ހުރި އެކަކު ވެސް ނެތެވެ.

ލ.އަތޮޅުގެ ރަށްތަކުން ޖުމުލަ 04 މީހަކު ވަނީ ކޮވިޑް ޖެހިގެން ނިޔާވެފައެވެ. އެއީ ގަމުން ދެ މީހަކާއި މާންދޫން މީހަކާއި މާވަށުން މީހެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!