ދުނިޔެ

ފާޑު ކިޔުންތައް އަމާޒުވެ އިންޑިއާގައި ވެކްސިން ހިލޭ ޖަހައިދެނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ދުނިޔޭގެ ވެކްސިން ކާރުޚާނާ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރާ އިންޑިއާގައި ވެކްސިން ވިއްކަމުންދާތީ އެޤައުމުގެ ސަރުކާރަށް ފާޑު ކިޔުންތައް އަމާޒުވެފައިވާ މިދަނޑިވަޅުގައި، އިންޑިޔާގެ ސަރުކާރުން އެ ޤައުމުގެ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް މި މަހުގެ ތެރޭގައި ކޮވިޑް-19 ވެކްސިން ހިލޭ ފޯރުކޮށްދޭން ފަށާނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޢުލާނު ކުރައްވައިފިއެވެ.

Ads by Sosun Fihaara

އިންޑިއާގައި މިހާރު ކޮވިޑް-19 ވެކްސިން ޖަހަމުން ގެންދަނީ އެޤައުމުގެ ސްޓޭޓްތަކުގެ ސަރަހައްދީ ސަރުކާރު ތަކުންނެވެ. މިހެންކަމުން އެކި ސަަރަހައްދުތަކުގައި ވެކްސިން ލިބެނީ އެކި އަގުގައެވެ. އަދި ވެކްސިންގެ އަގު ބޮޑުކަމުން އިންޑިއާގެ ބައެއް މީހުން ވެކްސިން ނުޖެހިފައި ތިބިކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އިންޑިއާގައި މިހާރު ވެކްސިން ހިލޭ ފޯރުކޮށްދެނީ އުމުރުން ދުވަސްވީ މީހުންނަށާއި ސިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށެވެ.

އިންޑިއާގައި ކޮވިޑް-19 ހާލަތު ވަރަށް ދަށްވެފައިވާ ދަނޑިވަޅެއްގައި، ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބު ކުރައްވައި މޯދީ ވިދާޅުވީ ވަކިވަކި ސްޓޭޓުތަކުގެ ސަރަޙައްދީ ސަރުކާރުތަކަށް ޙަވާލުކޮށްފައިވާ ވެކްސިން ދިނުމުގެ މަސައްކަތް ދެން ކުރާނީ މައި ސަރުކާރުން ކަމަށެވެ. އެގޮތުން ޖޫން މަހުގެ 21ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ސަރުކާރުން ހިލޭ ވެކްސިން ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާގައި ދިރިއުޅޭ 18 އަހަރުން މަތީގެ 950 މިލިޔަންއަށް ވުރެ ގިނަ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައި ވަނީ އެންމެ 4.7 އިންސައްތަ މީހުންނެވެ.

އިންޑިޔާއަކީ އެންމެ ފުޅާ ދާއިރާއެއްގައި ބޭހާއި ވެކްސިން އުފައްދައި އެއް ޤައުމެވެ. ނަމަވެސް ވެކްސިން އިތުރު ޤައުމުތަކަށް އެކްޕޯޓް ކުރުމުގެ ސަބަބުން އިންޑިއާގައި އާއްމު ރައްޔިތުންނަށް އެކަށީގެންވާ ވަރަށް ވެކްސިން ހެދިފައެއް ނުވެއެވެ. އިންޑިއާގެ ރައްޔިތުންނަށް ފުދޭ މިންވަރަށް ވެކްސިން ހުރިކަން ޔަޤީންކުރުމަށް އެ ޤައުމުން މިހާރު ވަނީ ވެކްސިން ބޭރުކުރުން ވަގުތީގޮތުން މެދުކަނޑައިލައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!