ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތެއް ނުދޭނަން: ފުލުހުން
ކޮވިޑް 19ގެ ސަބަބުން ހިތްދަތި އުނދަގޫ ދުވަސް ތަކަކަށް ފަހު، މިހާރު އަޅައިފައިވާ ފިޔަވަޅު ތަކުގެ ސަބަބުން މިހާރަށްވުރެ ފާގަތި ދުވަސް ތަކެއްގެ މަލަމަތި ފެންނަ މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދެއްވޭނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިރޭ ފެށޭ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗުތައް ބެލުމަށް ޓަކައި ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
"ކޮވިޑް 19 ގެ ސަބަބުން ހިތްދަތި އުނދަގޫ ދުވަސް ތަކަކަށް ފަހު، މިހާރު އަޅައިފައިވާ ފިޔަވަޅު ތަކުގެ ސަބަބުން މިހާރަށް ވުރެ ފާގަތި ދުވަސް ތަކެއްގެ މަލަމަތި ފެންނަން ފަށައިފައިވާ މި ދަނޑިވަޅުގައި، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ހިންގޭ ހަރަކާތްތަކަކީ، އެންމެންގެ ރައްކާތެރިކަމަށް ޓަކައި ކުރުން އެންމެ ރަނގަޅު ކަމެއް ކަމުގައި ނުދެކެން. އަދި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތައް މިފަދަ ކަންކަމަށް ތަނެއް ނުދޭ" ފުލުހުންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ދިވެހިންގެ މެދުގައި މަގްބޫލު ފުޓުބޯޅަ މުބާރާތް ކަމުގައިވާ "ޔޫރޯ 2020"އާ ދިމާކޮށް ޕްރޮޖެކްޓަރު ދޫކުރުމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީން ވެސް ވަނީ އިއުލާނުކޮށްފައެވެ.