ކޮވިޑް-19 ޖެހޭ މީހުން ވަކި ގެޔަކަށް ލައި ބަންދު ކުރި ކަމަށް ބުނެ ފަތުރަނީ ދޮގެއް: ހިތަދޫ ކައުންސިލް
ލ.ހިތަދޫގައި ކޮވިޑް-19 ޖެހޭ މީހުން ވަކި ގެއެއްގައި ބަންދު ކުރަމުން އަންނަ ކަމަށް މީސްމީޑިއާގައި ދައުރުވާ ވާހަކަ އެރަށު ކައުންސިލުން ދޮގުކޮށްފިއެވެ.
"ދެން"އަށް މަޢުލޫމާތު ދެއްވަމުން ހިތަދޫ ކައުންސިލްގެ ރައީސް އިބްރާހީމް ޝަމްމޫން ވިދާޅުވީ، މީހުން ބަންދު ކުރާ ކަމަށް ބުނެ ދައުރު ކުރަމުންދާ ފޮޓޯއަކީ އެރަށު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ ގެސްޓް ހައުސްއެއް ކަމަށެވެ. އަދި އެ ގެސްޓްހައުސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވާތީ، މަރާމާތު ކުރަންދެން ބޭނުން ކުރަނީ ގުދަނަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ތިތާންގަ ހުރި އެއްޗެއް ބަންދު ކުރެވިފައި. އެހެން ނަމަވެސް އެއީ ރިސޯޓް މުވައްޒިފުން މިރަށަށް ބަހަން ހަވާލުކޮށްފައި ހުރި ކާޑު. އެއީ ފަޅުތަނެއްގައި ހުންނަ ތަނެއް ވެސް ނޫން. ބަނދަރުމަތީގައި ފިހާރައަކާ އެއްކޮށް ހެދިފައި ހުންނަ ގެސްޓްހައުސްއެއް." ޝަމްމޫން ވިދާޅުވިއެވެ.
ޝަމްމޫން ވިދާޅުވި ގޮތުގައި އެ ރަށުގައި އެއްވެސް މީހަކު ބަންދުކޮށްގެން ކައުންސިލުން ނުގެންގުޅޭ ކަމަށާއި އަދި ރަށުގައި މިގޮތަށް ކަމެއް ހިނގަމުން ނުދާ ކަމަށެވެ. މީސްމީއާގައި މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ވެސް ޝައްމޫން ވަނީ އިލްތިމާސްކޮށްފައެވެ.
ހިތަދޫން ކޮވިޑް-19 ވޭދަނައެއް ފުރަތަމަ ފެނިފައި ވަނީ މިދިޔަ މަހު 23 ވަނަ ދުވަހުއެވެ. އެއީ އަލާމާތް ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހެކެވެ. އެރަށް މިވަގުތު މޮނިޓަރިންގގައި އޮތް ނަމަވެސް އެ ރަށުން ފައްސިވަމުން ދަނީ ކޮވިޑް-19 ފެނުނު އާއިލާގެ މީހުން އެކަނި ކަމަށް ޝަމްއޫން ވިދާޅުވިއެވެ.
ހިތަދޫގައި މިހާތަނަށް ނެގީ 456 ސުންކެވެ. މީގެ ތެރެއިން ފައްސިވެފައި ވަނީ 11 ސުންކެވެ. ނަތީޖާ ނުލިބޭ 12 ސުންކު ވެއެވެ.
ހިތަދޫން 4 މީހަކު ބަލިން ވަނީ ރަނގަޅުވެފައެވެ. މިވަގުތު އެރަށުގައި ބަލި ޖެހިފައި ތިބީ 7 މީހުންނެވެ. އަދި އެ ރަށުން ކޮވިޑް-19 ޖެހިގެން އެކަކު ވަނީ ނިޔާވެފައެވެ.