ޚަބަރު

ސަރުކާރު ހިންގުމުގައި ބައިވެރިނުކޮށްގެން މަޖިލިސް މެންބަރުން ޝަކުވާ ކުރާކަށް ނުޖެހޭނެ: އަލީ ހުސެއިން

ރައުފާ ރަޝީދު ، ދެން އޮންލައިން

ސަރުކާރު ހިންގުމުގައި ބައިވެރިނުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޝަކުވާ ކުރަން ނުޖެހޭ ކަމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރު އަދި މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިކޮށް ބައްސައި ހަދަން ނުޖެހޭ ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުވަން އޮންނަ މަޖިލީހުގެ މެންބަރުން ސަރުކާރު ހިންގުމުގައި ބައިވެރިނުކޮށް ޝަކުވާ ކުރުމަކީ ދެރަވަރު ކަމެއް ކަމަށެވެ.

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު ހޮވުމުން އެއީ އެންމެންގެ ވެސް ރައީސް ކަމަށާއި ހުރިހައި ރައްޔިތުންގެ ލާބަޔާ މަންފާއަށް ޓަކައި މަސައްކަތް ކުރުން ނޫން ގޮތެއް ރައީސްއަށް ޙައްޤުވެގެން ނުވާކަމަށެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެއްކައިރިކޮށް ސަރުކާރު ހިންގަމުންދާ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން ރައީސް ނަޝީދަށް ތާއިދު ކުރާ ގިނަ ފަރާތްތަކުން އަންނަނީ ފާޅުގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!