ބިލް ހުުށައެޅީ ދީނީ ވިސްނުމަކުން ޙަދީޘާއި އިމާމުންގެ ބަސްތަކަށް ރިއާޔަތްކޮށް: ހިސާން
އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފްރަތުގެ އަމަލު ޖިނާއީ ކުށަކަށް ހެދުމުގެ ބިލު ހުުށައެޅީ ދީނީ ވިސްނުމަކުން ހަދީޘާއި އިމާމުންގެ ބަސްތަކަށް ރިއާޔަތްކޮށް ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވިދާޅުވެއްޖެއެވެ.
ޙިސާން ވިދާޅުވީ މި ބިލު ހުށައެޅުގެ އެންމެ ބޮޑު ބޭނުމަކީ ފަހަކަށް އައިސް ޤާނޫނުގެ ބޭރުން މީހުން މެރުން އިތުރުވެ އެކަމުގެ ނުރައްކާ ބޮޑުވެފައިވާތީ ކަމަށެވެ. އަދި މީ ދިވެހިން އެދޭކަމެއް ނޫންކަން ވެސް ޙިސާން ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ހިސާން ވިދާޅުވީ އެއްވެސް ދިވެއްސަކަށް ހަޤީޤަތެއް އޮޅުވައި ނުލެވޭނެ ކަމަށާއި އިސްލާމް ދީނަށް ހަޖޫޖެހުން ހުއްދަ ނޫން ކަމަށެވެ. އަދި އިސްލާމްދީނަށް ފުރައްސާރަ ނުކުރެވޭނެ ކަމަށާއި ބަޔަކު މި ހަޤީޤަތް އޮޅުވައިލާން މަސައްކަތް ކުރި ނަމަވެސް، މިއީ 2015 ވަނަ އަހަރުން ފެށިގެން ޖިނާއީ ކުށެއް ކަމަށް ހިސާން ފާހަގަ ކުރެއްވިއެވެ.
“މި ހަޤީޤަތް މިވަނީ ބަޔަކު ގަސްތުގައި އޮޅުވައިލަން އުޅެފަ. އާދެ، ބަޔަކު މި ހަޤީޤަތް އޮޅުވައިލަން މަސައްކަތް ކުރި ނަމަވެސް، މިއީ 2015 ވަނަ އަހަރުން ފެށިގެން ޖިނާއީ ކުށެއް.އިސްލާމް ދީނަށް ތައުހީނު ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 617 ވަނަ މާއްދާގެ ދަށުން މިހާރުވެސް ޖިނާއީ ކުށެއް" ޙިސާން ވިދާޅުވިއެވެ.
ދީނީ ޢިލްމުވެރީންނާއި އާންމުންގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ މި ބިލާ ގުޅޭ ގޮތުން ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ޚިޔާލު ތަފާތެވެ. އެ ގޮތުން ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ބިލަށް ވޯޓް ނުދެއްވުމަށް ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގާތުން އެދިފައެވެ. މިއާ ޚިލާފަށް ދިވެހި ފުލުހުން މިފަދަ ކަންކަމުގައި ޚިޔާލު ފާޅު ނުކުރުމަށް ފުލުހުންގެ އިދާރާއިން އެ ފަރާތްތަކަށް ވަނީ އަންގަވައިފައެވެ.
ބިލާ މެދު ކަންބޮޑުވުން ފަޅުކުރާ ފަރާތްތަކުން ބުނަމުން އަންނަނީ މި ބިލް ފާސްވެއްޖެނަމަ އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ބޮޑު މިނިވަންކަމެއް ލިބި އެކަން ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ހިސާންގެ ބިލްގައިވާ ގޮތުން މީހަކާ ދިމާއަށް އޭނާއަކީ އިސްލާމް ދީނާ ޚިލާފަށް ނުވަތަ އިސްލާމް ދީނާ ދެކޮޅަށް އުޅޭ މީހެކޭ ބުނުމަކީ ކުށެކެވެ. މި ގޮތަށް މި ބިލް ފާސްކޮށްފިނަމަ އިސްލާމްދީނާ ދެކޮޅަށް ފާޅުގައި އުޅޭ ބޭރުގެ ފަރާތްތަކާ ދިމާލަށް ވެސް އެމީހަކީ ދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހެކޭ ބުނެފި ނަމަ އެއީ ކުށެއް ކަމަށް ކަނޑައެޅޭނެއެވެ.