ނަފުރަތުގެ ބިލަށް ލަފާ ހޯދަނީ
ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވައިފައިވާ ބިލަށް އިސްލާމިކް މިނިސްޓްރީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދަން، ޖުޑީޝިއަރީ ކޮމިޓީއިން ނިންމައިފިއެވެ.
އިއްޔެ އެކޮމިޓީއަށް ފޮނުވި ބިލާ މެދު މަޝްވަރާކުރުމުގެ ފުރަތަމަ ބައްދަލުވުން ރޭ ވަނީ ބާއްވައިފައެވެ. މި ބައްދަލުވުމުގައި މުގައްރިރު މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ އެބިލަށް ލަފާ ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުމަށް ފެންނަ ކަމަށާއި އޭގެ އިތުރުން އެބިލުގެ ބާވަތުން، އިސްލާމިން މިނިސްޓްރީގެ ލަފާ ހޯދުމަށް ވެސް ފެންނަކަމަށެވެ. މީގެ އިތުރުން މިއީ ހިޔާލު ފާޅުކުރުމާއި މި ބާވަތުގެ ހައްގުތަކާ ބެހޭ ވެސް ބިލަކަށް ވާތީވެ ހިއުމަން ރައިޓްސް ކޮމިޝަނުގައި މިބިލާ މެދު ހިޔާލު ފާޅުކުރުމަށް އެދުމަށް ފެންނަކަމަށް ވެސް އިންތި ވިދާޅުވިއެވެ.
އެ ހުށަހެޅުއްވުމަށް ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެއްވެސް މެމްބަރަކު އިއުތިރާޒު ނުކުރައްވާތީ އެކަން ފާސްވީ އިއްތިފާގުންނެވެ.
ބިލަށް ކޮމެންޓް ހޯދާނެ ފަރާތްތައް ކަނޑައެޅުމާއެކު ބިލުގެ މަސަައްކަތް ކޮމިޓީން ނިންމާނެ ތާރީހަކީ މި މަހުގެ 23 ވަނަ ދުވަސް ކަމަށް ވެސް އެކޮމިޓީން ރޭ ވަނީ ނިންމައިފައެވެ. މި ބިލްގެ އިބްތިދާއީ ބަހުސް ނިންމައި އެ ބިލު ބަލައިގަތުމާ ގުޅޭގޮތުން އިއްޔެ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 38 މެމްބަރަކު ވޯޓު ދިނެވެ. އަދި ނުފެންނަ ކަމަށް ވޯޓު ދެއްވީ 17 މެމްބަރުންނެވެ.