ޚަބަރު

އީސަގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޝަރީއަތް ހޯމަ ދުވަހު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްއަށް ގެވެށި އަނިޔާ ކުރި ކަމުގެ ދައުވާ އުފުލިފައިވާ، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ގެ ޝަރީއަތް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

Ads by MWSC

ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައި ވަނީ އެ ދުވަހުގެ ހެނދުނު 11:00ގައެވެ.

މެމްބަރު އީސައަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލަ ތަހުގީގުކޮށް ދައުވާކޮށްދިނުމަށް ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހުގައި އެދިލެއްވީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އަދި އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މި މަހުގެ ތިންވަނަ ދުވަހުއެެވެ.

އީސަގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ)ގެ އެއްވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. މި ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ނުވަތަ ޖޫރިމަނާކުރުމެވެ.

އީސާގެ މައްޗަށް ދައުވާކުރަން ފޮނުވި ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ ވަނީ މީގެ ކުރިން އެދިފައެވެ. ނަމަވެސް މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުގެ ރޭ ގެވެށި އަނިޔާގެ އަމަލެއް އީސަ ހިންގި ކަމަށް ބުނެ އަސްރާ ވަނީ ފުލުހުންނަށް ބަޔާނެއް ދީފައެވެ. އަދި ލިބުނު އަނިޔާތަކާ ގުޅިގެން އަސްރާއަށް ވަނީ އައިޖީއެމްއެޗުން ފަރުވާ ވެސް ހޯދައިފައެވެ.

އެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އެދުނު ނަމަވެސް ފުލުހުން ނިންމެވީ މިއީ ޖިނާއީ ކުށަކަށް ވާތީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!