ޚަބަރު

ރިލްވާންއާއި ޔާމީންގެ މައްސަލައިގައި ދައުލަތުން ވަރަށް ފަރުވާ ކުޑަ: އާއިލާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ބްލޮގާ ޔާމީން ރަޝީދާއި، ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲގެ މައްސަލަ ބެލުމުގައި ދައުލަތުން ވަރަށް ފަރުވާ ކުޑަކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ މައްސަލަ އާއިލާއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ރިލްވާން އެންޑް ޔާމީން ފައުންޑޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނުގައި ވަނީ 23 އޭޕްރީލް 2017 ވަނަ ދުވަހުގައި ގަތުލުކޮށްފައިވާ ބްލޮގަރ ޔާމީން ރަޝީދު (ޗަނބޭލީގެ، ސ. ފޭދޫ) އަށް ހަމަލާދީ، އޭނާ ގަތުލުކުރި މައްސަލައިގެ ޝަރީއަތް މިހާތަނަށް ގޮސްފައިވާގޮތާ  މެދު ކަންބޮޑުވުން ފާހަގަކޮށް، ހާއްސަކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފެންނަމުންދާ ފަރުވާ ކުޑަކަމުގެ ބައެއް ކަންތައްތައް ފާހަގަކޮށް، އެމައްސަލައިގެ ޝަރީއަތުގައި ވަކާލާތު ކޮށްދެއްވުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން ޔާމީން ރަޝީދުގެ އާއިލާއިން އެދިފައި ވަނީ މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އާއިލާގެ ފަރާތުން ރައްޔިތުން މަޖިލީހަށް މައްސަލަ ހުށަހަޅައިފައި ވަނީ، މިއަދާ ހަމައަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ޖަވާބެއް ލިބިފައި ނުވުމުގެ ސަބަބުން ކަމަށެވެ. އަދި އޭގެ ބަދަލުގައި ޕީޖީން އާއިލާއަށް ގޯނާކޮށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އާއިލާއަށް ފޮނުވި ސިޓީއެއްގައި ޝަރީއަތުގެ ތެރޭގައި ފާހަގަކޮށްފައިވާ އެއްވެސް ކަމެއްގެ މައްޗަށް އެ އޮފީހުން މަސްއޫލިއްޔަތު
ނެގުމަށް އިންކާރުކޮށް، ދައުލަތުގެ އެހެނިހެން ތަފާތު މުއައްސަސާ ތަކަށް ޝަކުވާކުރުމަށް ބުނެފައިވާ ކަމަށެވެ.
މީގެ އިތުރުން ޕީޖީ އޮފީހުން އާއިލާއަށް ފޮނުވާފައިވާ ސިޓީގައި ވާ ބައެއް ވާހަކަތައް ފާހަގަ ކުރަމުން އެ ބަޔާނުގައި ބުނެފައި ވަނީ، ޔާމީން ރަޝީދު ގަތުލުކުރި މައްސަލައިގެ ޝަރީއަތުގައި ފާހަގަކުރެވުނު، އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި، ދައުލަތުގެ ވަކީލުން އަޑުއެހުމަށް ވަޑައިގަންނަވާއިރުގައި ޝަރީއަތަށް ބޭނުންވާ ބައެއް ލިޔެކިއުން ނުގެންދާކަމާއި، މައްސަލައިގެ މައްޗަށް ވަކާލާތު ކުރައްވަމުން ގެންދަވާއިރުގައި މުހިންމު ތާރީހުތައް ފަދަ މައްސަލައިގައި ހިމެނޭ ހައްސާސް މައުލޫމާތު ހަނދާނުގައި ނުހުރުމާއި، ވަކާލާތު ކުރެއްވުމުގައި ދިފާއީ ވަކީލުންގެތެރޭގައި ހިމެނިވަޑައިގަންނަވާ، މިހާރުގެ ބާ ކައުންސިލްގެ ރައީސް ފަދަ ބޭފުޅުން ދައުވާއާ ގުޅުން ނެތް ވާހަކަތައް ދައްކަވައިގެން މައްސަލަ ދިގު ދަންމަން މަސައްކަތް ކުރައްވާއިރުގައި އެއްވެސް ވަރަކަށް އެކަން ހުއްޓުވުމަށް ފަނޑިޔާރަށް ހުށައަޅައިފައި ނުވާ ކަމަށެވެ.

Ads by Hajj Corporation
Ads by Allied Insurance
  1. މުހަންމަދު

    ދެ ޢާއިލާއަށް މިހާރު ހުންނާނި އެއްޗެއް ވިސްނިފަ……..އަދިވެސް ރައީސް ޔާމީނޭ ކީމަ ރަގަޅުވާނެ.