ދުނިޔެ

އިންޑިއާއިން 24 ގަޑިއިރު ތެރޭގައި 60،753 މީހުން ކޮވިޑަށް ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން އަންނަ އަވަށްޓެރި އިންޑިއާގައި އިއްޔެ އެކަނި 60،753 މީހުން މި ބައްޔަށް ފައްސި ވެއްޖެ ކަމަށް، އެ ޤައުމުގެ ޔޫނިއަން މިނިސްޓްރީ އޮފް ހެލްތުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by WAMCO

ފާއިތުވީ 24 ގަޑިއިރު ތެރޭގައި އެންމެ ދުވަހެއްގެ ތެރޭގައި ރިކޯޑު އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސި ވުމުން، އިންޑިއާއިން މި ބައްޔަށް ފައްސި ވީ ޖުމްލަ އަދަދު މިހާރު މިވަނީ 29,823,546އަށް އަރައިފައެވެ.

އިންޑިއާއިން ކޮވިޑް-19އަށް ފައްސި ވީ މީހުންގެ އަދަދު، އެއް ދުވަސް ތެރޭ ރިކޯޑު އަދަދަކަށް މައްޗަށް ގޮސްފައިވާއިރު، އެ ޤައުމުން ފާއިތުވީ 24 ގަޑިއިރު ތެރޭ މަރުވި މީހުންގެ އަދަދު ވެސް މި ވަނީ މައްޗަށް އަރައިފައެވެ. އެގޮތުން އިއްޔެ އެ ޤައުމުން މި ބަލީގައި 1،647 މީހުން މަރުވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. އެ އަދަދާ އެކު މިހާރު އިންޑިއާއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިވަނީ 385,137 އަށް އަރައިފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވީ 24 ގަޑިއިރު ތެރޭގައި އިންޑިއާއިން މި ބަލިން ފަސޭހަ ވެފައި ވަނީ 97,743 މީހުންނެވެ. އެ އަދަދާ އެކު ޖުމްލަ 28,678,390 މީހުން މިހާރު އިންޑިއާގައި މި ބަލިން ފަސޭހަ ވެފައިވެއެވެ.

އިންޑިއާގައި ހަލުވި ކަމާއެކު މި ވައިރަސް ފެތުރެމުން ދާއިރު، އެއް ދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މީހުން ކޮވިޑް-19އަށް ފައްސި މިވީ، މިހާ ގިނަ އަދަދަކަށް މީހުން ފައްސި ނުވާތާ 11 ވަރަކަށް ދުވަސް ފަހުން ކަމަށާއި އެހެންކަމުން ޑޭޓާގެ މައްސަލައެއް އުޅެނީތޯ އިތުރަށް ބެލި ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ. ނަމަވެސް އަދި އެފަދަ މައްސަލައެއް އުޅޭކަން ފާހަގަ ވެފައި ނުވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!