ޑރ. އިޔާޒްގެ ރައްދު އިބްރާއަށް: ބިލާ ދެކޮޅު ހަދަނީ ސިއްރަކުން ނޫން!

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހަޅުއްވައިފައިވާ ބިލާ ދެކޮޅު ހަދަނީ ސިއްރުން ނޫން ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ، މަންދު ކޮލެޖުގެ ބާނީ އިބްރާހިމް އިސްމާއިލް (އިބްރާ) ކުރެއްވި ޓްވީޓަކާ ގުޅިގެން އެއަށް ރައްދު ދެއްވަމުންނެވެ.
ޖަމްއިއްޔަތުއްސަލަފްއާއި، ޝެއިޚް އަލީ ޒައިދު އަދި ޑރ. އިޔާޒު ޓެގް ކުރައްވާ އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީހުންނަށް ނީވޭ ތަންތަނުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕްރެޝަރު ކޮށްގެން މަޖިލިހުން ބިލް ނަގަން ނޫޅުމަށެވެ.
"އެ ބިލު ރަނގަޅު. ކެރެންޏާ ހިންގަވާ ޓީވީއަށް އަރާ ބަހުސް ކޮށްލަން. ނޫނީ ހުއްޓައިލާ. ރައީސް ޞާލިޙް ވެސް މިފަހަރު ވާނެ ޗޫސް ކުރަން" އިބްރާ ވިދާޅުވިއެވެ.
https://twitter.com/dr_iyaz/status/1406161900937768961?s=20
އިބްރާގެ އެ ޓްވީޓަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވީ އެ ބިލާ ދެކޮޅު ހަދަނީ މީހުންނަށް ނުއިވޭ ހިސާބަކު ނޫން ކަމަށެވެ.
"ކައުންސިލުތަކުން ބަޔާން ނެރެނީ ސިއްރަކުން ނޫން. ރަށްރަށުގައި މުޒާހަރާ ކުރަނީ ރޭގަނޑު އަނދިރިއަކު ނޫން" ޑރ. އިޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. އިޔާޒު ވިދާޅުވީ އިސްލާމްދީނާ ޚިލާފު ކަންތައް ރައީސް ޞާލިޙްގެ ސަމާލުކަމަށް ގެނައުމަކީ ޢިލްމުވެރިންގެ ޒިންމާއެއް ކަމަށާއި އެކަމަށް ހުރަސް ނޭޅުމަށެވެ.






ކޮމެންޓް