ކަނޑިތީމު މޮނިޓަރިންގެ ހާލަތުން ނަގައިފި
ވަކި ތަރުތީބެއް ނެތި ނެގި ސުންކުތައް ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެން 11 މެއިގައި މޮނިޓަރިންގއަށް ލައިފައިވާ ށ.ކަނޑިތީމު މޮނިޓަރިންއިން ނަގައިފިއެވެެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން ށ.ކަނޑިތީމު ސިއްޙީ މަރުކަޒުގެ ޕަބްލިކް ހެލްތު އޮފިޝަރ ޢާއިޝަތު ޢާލިމާ ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި ކަނޑިތީމުގެ މޮނިޓަރން އުވައިލައިފައިވާއިރު މިވަގުތު އެރަށުގައި ބައްޔައް ފައްސިވެފައި ހުރީ އެންމެ މީހެއް ކަމަށެވެ.
“މިވަގުުތު ރަށުގެ ހާލަތު ހަމަ ނޯމަލް. އަޅުގަނޑަށް ހަމަ ވަރަށް ގެރެންޓީއާ އެކު ބުނެވޭނެ މިވަގުތު ރަށުގައި ޕޮޒިޓިވްވެފަ ހުރި މީހާ ފިޔަވައި އެއްވެސް ކްލަސްޓާއެއް ނޫނީ އާ ކޭސްއެއް ވެސް ނެތޭ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މިވަގުތު ޕޮޒިޓިވްވެފަ ހުރިމީހާ ވެސް މާދަމާ މުއްދަތު ހަމަވާނެ" ޢާލިމާ ވިދާޅުވިއެވެ.
ކަނޑިތީމުން ޖުމްލަ 128 މީހަކަށް ކޮވިޑް-19 ޖެހިފައިވެއެވެ. ވަކި ތަރުތީބެއް ނެތި މިހައިތަނަށް ނަގައިފައިވާ 130 ސުންކައި 25 މެއިއިން ފެށިގެން 18 ޖޫންގެ ނިޔަލަށް ނަގައިފައިވާ 45 ފުލޫ ސުންކު ކޮވިޑް-19އަށް ނައްސިވެފައިވާކަމަށް ޢާލިމާ ވިދާޅުވިއެވެ.
މީގެ އިތުރުން ޢާލިމާ ވިދާޅުވީ އެ ރަށުން ފައްސިވި އެންމެ ފުރަތަމަ ވޭދަނައާ އެކު ޓާސްކްފޯސްގެ މަސައްކަތްތައް ވަރުގަދަކޮށް ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ބަލިން އަރައިގަތުމަށް ލިބުނު އެއްބާރުލުމަށް ރަށުގެ ހުރިހާ ރައްޔިތުންނާއި މުއައްސަސާތަކަށް ޢާލިމާ ވަނީ ޝުކުރު އަދާކޮށްފައެވެ.
"ޖުމްލަކޮށް ބުނަންޏާ އަޅުގަނޑުމެން ހަމަ އަބަދުވެސް ރެޑީވެގެން ތިބީ މިފަދަ ހާލަތަކަށް. އެހެންވެ އުނދަގޫ ނަމަވެސް މިކަމުން މާގިނަ ދުވަސްތަކެއްނުވެ ސަލާމަތް މިވީ. އަޅުގަނޑު ޝުކުރު އަދާކުރަން ހުރިހާ މުއައްސަސާއަކާ އަދި ރައްޔިތުންނަށް. ކެތްތެރިކަމާއެކު ދެއްވި އެއްބާރުލުމަށް" ޢާލިމާ މައުލޫމާތު ދެއްވިއެވެ.
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު މަޑުމަޑުން ރަނގަޅުވާން ފަށައިފައިވާއިރު ރާއްޖެއިން މިހާތަނަށް 71498 މީހަކަށް ކޮވިޑް19 ޖެހިފައިވާކަމަށް އެޗްޕީއޭއިން އެންމެފަހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެތެރެއިން 65178 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.