ކާފަރެކޭ، ލާދީނީއޭ ގޮވުމުގެ ނަތީޖާއަކީ މަރުތަކެއް: އިންތި

ކާފަރެކޭ، ލާދީނީއޭ ގޮވުމުގެ ނަތީޖާއަކީ ބައެއްގެ ފުރާނަ ދިޔުންކަމަށާއި އެކަން ނޭނގޭ އެކަކު ވެސް މި ރާއްޖޭގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލަށް އިޝާރާތް ކުރައްވައި އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާފަރެކޭ، ލާދީނީއޭ، މުރުތައްދޭ، ގޮވި ގޮވީނުން ގޮސް ނެރުނު ނަތީޖާ ނޭނގޭ ހަމަ އެކަކު ވެސް ރާއްޖޭގައި ނެތް ކަމަށާއި އެހެން ނަމަވެސް އަދިވެސް އެނަތީޖާ ނެރުމަށް އެދޭނީ އަމިއްލަ އެދުން ބޮޑު ބަޔަކު ކަމަށެވެ.
"ކާފަރެކޭ، ލާދީނީއޭ، މުރުތައްދޭ، ގޮވި ގޮވީނުން ގޮސް މިއީ ނެރުނު ނަތީޖާކަން ނޭނގޭ ހަމަ އެކަކު ވެސް މި ރާއްޖެއަކު ނެތް! އެކަމަކު އަދިވެސް މި ޤައުމުގައި މި ނަތީޖާ ނެރުމަށް އެދޭނީ ހާދަ އަމިއްލަ އެދުން ބޮޑު ނުލަފާ އަނިޔާވެރިންކަމުގައި ތިމާމެން ވާތީއޭ" އަނިޔާވެރި ލާއިންސާނީ ހަމަލާތަކެއްގައި ދުނިޔެ ދޫކޮށްފައިވާ ޑރ. އަފްރާޝީމް އަލީއާއި ރިލްވާން އަދި ޔާމީންގެ އިތުރުން ރައީސް ނަޝީދަށް ލިބިފައިވާ އަނިޔާތައް ދައްކުވައިދޭ ފޮޓޯތަކަކާ އެކު އިންތި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
ފާޑުކިޔުންތައް އަމާޒުވެފައިވާ ނަފްރަތުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދަން މިހާރު ވަނީ ހުޅުވައިލައިފައެވެ. އަދި މީގެ އިތުރުން މިބިލަށް އިސްލާމިކް މިނިސްޓްރީއާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯދަން ފޮނުވުމަށް ވެސް މަޖީލީހުގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ ނިންމައިފައެވެ.







ކޮމެންޓް