ކާފިއު ވަގުތު ހަވީރު 6:00އިން ފަތިހު 4:00 އަށް ބަދަލު ކުރަން ނިންމައިފި

މާލެ ސަރަހައްދުގެ ކާފިއު ވަގުތު ހަވީރު 6:00އިން ފަތިހު 4:00އަށް ބަދަލު ކުރަން ނިންމައިފިއެވެ.
ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެން ފެށުމުގެ ސަބަބުން ނިމިދިޔަ މެއި މަހު މާލެ ސަރަހައްދުގައި ކާފިއު ވަގުތު ހަވީރު 4:00 އިން އަނެއް ދުވަހުގެ ހެނދުނު 8:00އަށް ކަނޑައެޅިއެވެ. އޭގެ 2 ހަފްތާ ފަހުން އެ މުއްދަތު ހަވީރު 4:00އިން ފަތިހު 4:00އަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބަދަލު ކުރިއެވެ.
މީގެ އިތުރުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް ޓަކައި އެއިރު، ކާފިއު ނޫން ވަގުތުތަކުގައި ކޮންމެ ގެއަކުން ދެމީހުންނަށް ބޭރަށް ދިޔުމުގެ ހުއްދަ ދޫކުރިއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި މާލެ ސަރަޙައްދުގައި ކޮވިޑް-19 ފެތުރުން ބޮޑުތަނުން ކޮންޓްރޯލުވެފައިވާކަން ނަތީޖާތަކުން ދައްކައެވެ.
އެޗްޕީއޭއިން މިރޭ ގެޒެޓް ކުރި އިއުލާނުގައި ބުނެފައި ވަނީ، މާލެ ސަރަޙައްދުގައި އިއުލާނު ކުރެވުނު ކާފިއު ވަގުތު ހަވީރު 6:00އިން އަނެއް ދުވަހުގެ ފަތިހު 4:00އަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ.