ބިލުގެ ސަބަބުން އެހެން ދީންތައް ފެތުރިދާނެ: އާދަމް ޝަރީފް
ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފްރަތުގެ އަމަލު ހިންގުމުގެ ބަޔަށް މާއްދާއެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހަޅުއްވައިފައިވާ ބިލުގެ ސަބަބުން ރާއްޖެ ބައިބައިވެ ރާއްޖެއިން އިސްލާމީ ވަހުދަތު އެއްކޮށް ގެއްލިދާނެކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
"ޤާނޫނުލް އުގޫބާތަށް ހުށަހެޅިފައިވާ އިސްލާހު- ރައްޔިތުންގެ ކަންބޮޑުވުން" މި މައުޟޫއަށް މިއަދު ކްލަބްހައުސް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ނަފްރަތުގެ ބިލުގެ ސަބަބުން ރާއްޖެ ބައިބައިވެ، މި ޤައުމުން އިސްލާމީ ވަހުދަތު އެއްކޮށް ގެއްލި އަދި އެހެން ދީންތައް ރާއްޖޭގައި ފެތުރިދާނެ ކަމަށެވެ.
"މިކަމުގައި އަޅުގަނޑުމެން އެބަޖެހޭ ވަރަށް ބޮޑަށް ފުންކޮށް ވިސްނައި ފިކުރު ކުރަން. އެއީ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު ބޭނުންވާ ކަމެއް ނޫން އަދި ތާއީދު ވެސް ކުރާ ކަމެއް ނޫން މުސްލިމުން އެކަކު އަނެކަކާ ދިމާލަށް ނުބައި ނަންތައް ބޭނުން ކުރުމަކީ" އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ބޭއްވި އެ ބައްދަލުވުމުގައި އާދަމް ޝަރީފު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެކަހަލަ ނަމެއް އަރުވައިފައި، މި ބިލުގެ ސަބަބުން ގެންނަން އުޅެނީ ރާއްޖޭގައި "ލާދީނީ" ކިޔުން ހުއްޓުވުން ނުވަތަ ތަރުބަވީ ގޮތުން ހެޔޮ ބަދަލެއް ނުވަތަ ރާއްޖޭގައި ބަޔަކު ފުނޑުފުނޑު ކޮށްލި އިޖުތިމާއީ ފޭރާން އަލުން ރަނގަޅު ކުރެވޭނެ މަސައްކަތްތަކެއް ނޫން ކަމަށެވެ.
އާދަމް ޝަރީފުގެ ވާހަކަފުޅުގައި، މި ބިލާ ދެކޮޅަށް އަޑު އުފުލި ދީނީ ޢިލްމުވެރިންނާއި ރަށްރަށުގެ ކައުންސިލުތައް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.
ސިޔާސީ ގޮތުން ދައްކާ އެއްވެސް ވާހަކަޔެއް، ނަފްރަތާއި ކުލުނު ނުހިމެނޭ ގޮތަށް ދެއްކުމަކީ ނުކުރެވޭނެ ކަމެއް. މިމައްސަލަތައް ބަލަން އެމް ޑީ އެން ގެ ނަމުގަ ވިޔަސް ވަކި ކޯޓެއް ހެދުން، އެމްޑީޕީ އަށް ވަރަށް މުހިއްމު. މިވާހަކައިގަ ވެސް ނަފްރަތު އެބަ ހިމެނޭ! ޢިންޑިޔާ އައުޓް!