ފުލުހުންގެ 108 އޮފިސަރުންނަށް ކޮވިޑް ވެކްސިން ޖަހައިފި

ފުލުހުންގެ 108 އޮފިސަރުންނަށް ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
މިއަދު ފުލުހުން ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ އިއްޔެ ފުލުހުންގެ 108 އޮފިސަރުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައިވާނެ ކަމަށެވެ. އަދި މިއީ ކޮވިޑުން ރައްކާތެރިކަން ލިބިގަތުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއް ކަމަށް ފުލުހުން ބުނެއެވެ.
ރާއްޖޭގައި މިވަގުތު ދެމުން ދަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާފައިވާ، އަދި ރާއްޖެއަށް ހަދިޔާ ކޮށްފައިވާ އަސްޓްރާޒެނެކާ "ކޮވިޝީލްޑް" ވެކްސިނެވެ. ކޮވިޑަށް ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައި ވަނީ މިދިޔަ ހޯމަދުވަހު އެވެ. ސޯޝަލް ސެންޓަރުގައި އެ ޕްރޮގްރާމް ފައްޓަވައި ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
އިއްޔެގެ ނިޔަލަށް 3،204 މީހުންނަށް ވަނީ ވެކްސިން ޖަހައިފައެވެ. މާލެ ސަރަހައްދުގެ ހަ މަރުކަޒެއްގަ އާއި ހަ އަތޮޅެއްގައި މިހާރު ދަނީ ވެކްސިން ޖަހަމުންނެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އިއްޔެ އަތޮޅުތެރެއިން 216 މީހަކަށް އަދި މާލެ ސަރަޙައްދުން 787 މީހުންނަށް ވެކްސިން ދީފައިވެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ޑޭޓާއަަށް ބަލާއިރު އަތޮޅުތެރެއިން މިހާތަނަށް ޖުމްލަ 696 މީހަކަށް ވަނީ ވެކްސިން ދީފައެވެ.