އައްމަޓީ ދޫކޮށްލި މައްސަލަ މިއަދު ހައިކޯޓްގައި
މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދައިފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓްގައި މިއަދު ފަށަން ތާވަލުކޮށްފިއެވެ.
މި އަޑުއެހުންތައް ތާވަލްކޮށްފައި ވަނީ މިއަދު މެންދުރު 14:00 އަށެވެ. އޭނާގެ ބަންދުގެ މުއްދަތު ރިވިއުކުރުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީއާއި، މުޖުތަމަޢުއަށް ނުރައްކާވާކަމުގެ އިހުމާލު އޮތްކަމަށް ވިދާޅުވެ އޭނާ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދިވަޑައިގެންފައެވެ.
އަޙްމަދު މޫސާ ވަނީ ފިލައިގެން ނުދާނެކަމުގެ ޔަޤީންކަން ދޭކަމަށް ބުނެފައެވެ. މިއާ އެކު މައްސަލަ ބައްލަވާ ޤާޟީ ވަނީ މިއީ ބަންދުގައި ބަހައްޓައިގެން ކުރިއަށްގެންދަން ޖެހޭ މައްސަލައެއް ނޫންކަމަށް ވިދާޅުވެ، ދެ ޝަރުތަކާއެކު އޭނާ ބަންދުން ދޫކޮށްލައިފައެވެ.އެއީ މާލެއިން ބޭރަށް ނުދިއުމަށާއި އަދި ރާއްޖޭއިން ބޭރަށް ފުރައިގެން ނުދިއުމަށެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ-ލައިފްއާ ހަވާލުކޮށްފައި ވެއެވެ. ނަމަވެސް، އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތު ދައުލަތުން އޭނާއަށް ކުރެއެވެ.
އަންމަޓީގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އޭނާ ހޯދަން ފުލުހުން އުޅުމުން އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. އެ ތުހުމަތުގައި އޭނާ ހޯދުމަށް 2019ވަނަ ރެޑް ނޯޓިސް ވެސް ނެރެފައިވެއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ލަންކާގައި ހުއްޓައެވެ.
ސީލައިފުން ވަނީ 3000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ބުނެ 280 މީހަކު އަތުން ފައިސާ ނަގައިފައެވެ. ކޮންމެ މީހެއްގެ އަތުން ބުކިން ފީގެ ގޮތުގައި އެކަނި ވެސް 50،000 ރުފިޔާ ނަގައިފައިވެއެވެ. އަޙްމަދު މޫސާގެ މައްޗަށް އުފުލައިފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.