އިޔާޒްގެ ޤަލަމުން: ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތް ކަން
الحمد لله، والصلاة والسلام على رسول الله صىلى الله عليه وسلم، وبعد:
ކިޔަމަންތެރިކަން އަދާކުރުމަށް އެންމެ އެދެވިގެންވާ ދުވަސްތަކުގެ ތެރޭގައި ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަސް ހިމެނިގެންވެއެވެ. މާތް ﷲ އެދުވަސްތައް ވަނީ އެހެން ދުވަސްތަކަށް ވުރެ މަތިވެރި ކުރައްވާ މާތް ކުރައްވާފައެވެ.
فعن ابن عباس رضي الله عنهما ، عن النبي صلى الله عليه وسلم قال : ( ما من أيام العمل الصالح فيهن أحب إلى الله منه في هذه الأيام العشر . قالوا ولا الجهاد في سبيل الله !! قال : ولا الجهاد في سبيل الله ، إلا رجل خرج بنفسه وماله ولم يرجع من ذلك بشيء) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "މިދިހަ ދުވަހަށްވުރެ (ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް)، ހެޔޮ ޢަމަލުކުރުން މާތް ﷲ ގެ ޙަޟްރަތަށް ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ". ޞަޙާބީން ސުވާލު ދެންނެވިއެވެ. ﷲ ގެ މަގުގައި ޖިހާދު ކުރުންވެސްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ﷲ ގެ މަގުގައި ޖިހާދުކުރުން ވެސް މެއެވެ. ނަމަވެސް އެމީހެއްގެ ނަފްސާއި މުދާހިފައިގެން ނިކުމެ އެނބުރި ނާދެވުނު މީހާ މެނުވީއެވެ".
އިސްވެދިޔަ ޙަދީޘުން ދޭހަ ވަނީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އަހަރުގެ އެހެންދުވަސްތަކަށް ވުރެ މާތްކަމުގެ ގޮތުން ވަރަށް ވެސް މަތިވެރި ދުވަސްތަކެއް ކަމެވެ. ރަމަޟާން މަހުގެ ފަހު ދިހައަށް ވުރެ ވެސް މެއެވެ. އެހެން ނަމަވެސް ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކަކީ ޛުލްޙިއްޖާމަހުގެ ފަހު ދިހަ ރެއަށްވުރެ މާތްކަން ބޮޑު ރޭ ތަކެކެވެ. ސަބަބަކީ އެރޭތަކުގެ ތެރޭގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ރެއެއްކަމުގައިވާ ލައިލަތުލްގަދްރި ވިލޭރޭ ހިމެނިފައިވުމެވެ.
އެހެންކަމުން ކޮންމެ މުސްލިމަކު ވެސް މިދިހަ ދުވަހާ އިސްތިގްބާލު ކުރަން ވާނީ ރަގަޅު ހެޔޮ ތައުބާއަކުން ތައުބާ ވެގެންނެވެ. އަދި މި ދިހަ ދުވަހުގެ ތެރޭގައި ހެޔޮ ޢަމަލު ގިނަކުރުން ހުއްޓެވެ. މިކަމަށް ޓަކައި އަންނަނިވި ޢަމަލުތައް ގިނަކުރެވޭތޯ ބަލަންވާނެއެވެ.
- ރޯދަ ހިފުން. މިދުވަސްތަކުގައި ހެޔޮ ޢަމަލު ގިނަ ކުރުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް ބާރުއަޅުއްވާފައިވެއެވެ. ހެޔޮ ޢަމަލުގެ ގޮތުން ކުރުން އެންމެ ރަގަޅު ޢަމަލަކީ ރޯދަހިފުން ކަމުން މިމަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. ގުދްސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (كل عمل بني آدم له إلا الصيام فإنه لي وأنا أجزي به) މާނައަކީ:"ރޯދަ ފިޔަވައި، އާދަމުގެ ދަރިޔާ ކުރާ ހުރިހާ ޢަމަލެއްވަނީ އޭނާއަށެވެ. އެރޯދަވަނީ ތިމަން ﷲ އަށެވެ. އެޔަށް ޖަޒާ ދެއްވަނީ ތިމަން ﷲ އެވެ". އެހެންކަމުން، ޛުލްޙައްޖާ މަހުގެ ފުރަތަމަ ނުވަ ދުވަހު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕަވާ ކަމަށްވެއެވެ.
- ތަހްލީލު ތަކްބީރު ކިޔާ މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުން ގިނަ ކުރުން. މި ދުވަސްތަކުގައި ގިނަގިނައިން ޛިކްރުކޮށް، ގެތަކުގައްޔާއި މިސްކިތްތަކުގައި، އަދި މަގުތަކުގައި މީހުންނަށް އުނދަގޫ ނުވާނެފަދައިން ތަހްލީލު ތަކްބީރު ތަސްބީޙް ގިނަ ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ފިރިހެން ބޭފުޅުން އަޑުހަރުކޮށް، އަދި އަންހެން ކަނބަލުން ސިއްރިއްޔާތުގައެވެ. ސޫރަތުލް ޙައްޖުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ) މާނައަކީ: "އެއީ އެއުރެންނަށްހުރި (ދީނީ އަދި ދުންޔަވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ. ނަޢަމް ސޫފީގެ ނިޢުމަތް އެއުރެންނަށް ދެއްވިކަމަށްޓަކައެވެ". ކަނޑައެޅިގެންވާ ދުވަސްތަކަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ.
وعن عبد الله بن عمر رضي الله عنهما ، عن النبي صلى الله عليه وسلم قال : ( ما من أيام أعظم عند الله ولا أحب إليه العمل فيهن من هذه الأيام العشر فأكثروا فيهن من التهليل والتكبير والتحميد ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. މިދިހަ ދުވަހަށްވުރެ މާތްﷲ ގެ ޙަޟްރަތުގައި މާތްކަމާއި ލޮބުވެތިކަމުގެ ގޮތުން އިތުރު އެހެން ދުވަސްތަކެއް ނުވެއެވެ. ވީމާ، ތިޔަބައިމީހުން މިދުވަސްތަކުގައި ޙަމްދުކުރުމާއި ތަކްބީރު ކިޔުމާއި ތަހްލީލު ކިޔުން އިތުރު ކުރާހުށިކަމެވެ"
ތަކްބީރުގެ ޞީޣާ އަކީ ނުވަތަ ތަކްބީރު ކިޔާނެ ގޮތަކީ: (الله أكبر ، الله أكبر لا إله إلا الله ، والله أكبر ولله الحمد) މިނޫންވެސް އެތައް ޞީޣާ އެއް ސުންތުން ޘާބުތުވެއެވެ.
މިހާރަކަށް އައިސް ވަރަށް މަދުން މެނުވީ ތަކްބީރުގެ އަޑު އިވުންވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މަދު ބަޔަކު ސިއްރިއްޔާތުގައި ނޫންގޮތަކަށް ތަކްބީރު ކިޔައި އުޅޭތަން ނުފެނެއެވެ. އެހެންކަމުން، މީސްތަކުން ޣާފިލުކަމުން ހޭލައްވާ، އަދި ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތް ދިރުވުމުގެ ގޮތުން އަޑުހަރުކޮށް ތަކްބީރު ކިޔުމަކީ އެދެވިގެންވާ ކަމެކެވެ. ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި އިބްނުޢުމަރު އަދި އަބޫހުރައިރާ- ރަޟިޔަﷲ ޢަންހުމާ- އާއި ދެބޭކަލުން ބާޒާރުގެ ތެރެއަށް ނިކުމެވަޑައިގެން މީސްތަކުންނަށް ހަނދާންކޮށްދިނުމުގެ ގޮތުން އަޑުހަރުކޮށް ތަކްބީރު ކިޔައި އުޅުއްވި ކަމަށް ޘާބިތުވެއެވެ. އަދި މީސްތަކުން އެންމެން އެކުގައި އަޑުހަރުކޮށް ތަކްބީރު ކިޔައި އުޅުނެވެ.
ގެއްލިގެންދާ ނުވަތަ ގެއްލިގެން ދިޔުމާ ކައިރިވެފައިވާ ސުންނަތެއް ދިރުވުމަކީ ވަރަށްވެސް ދަރުމަ ބޮޑު ކަމެއް ކަމުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ ބަޔާންކޮށްދެއްވާފައެވެ. ޙަދީޘް ކުރެއްވިއެވެ. (من أحيا سنة من سنتي قد أميتت بعدي فإن له من الأجر مثل من عمل بها من غير أن ينقص من أجورهم شيئاً) މާނައަކީ: "ތިމަންކަލޭގެފާނަށް ފަހުގައި ތިމަންކަލޭގެފާނުގެ ސުންނަތްތަކުގެ ތެރެއިން މަރުވަމުން ދާ ސުންނަތެއް ދިރުވާ މީހަކަށް އެސުންނަތަކަށް ޢަމަލުކުރި މީހެއްގެ ދަރުމައިން އެންމެ ތަންކޮޅެއްވެސް އުނިނުވެ، އޭނާ އާއި އެއްވަރަށް ދަރުމަ ލިބޭނެއެވެ.
- ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުން. މިދުވަސްތަކުގައި ކުރުން އެންމެ މާތްކަން ބޮޑުކަންތައްތަކުގެ ތެރޭގައި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުން ހިމެނިގެންވެއެވެ. ރަގަޅު ހައްޖެއްކޮށްފިމީހަކަށް ސުވަރުގެ ނޫންތަނެއް ޖަޒާ އެއްގެ ގޮތުގައި ނުވާކަން ބަޔާންކުރައްވާ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (الحج المبرور ليس له جزاء إلا الجنة) މާނައަކީ: "މަބްރޫރު ޙައްޖަކަށް ޖަޒާ އެއްގެ ގޮތުގައި ސުވަރުގެ ނޫންތަނެއް ނުވެއެވެ".
- އުޟްޙިޔާ ކަތިލުން: މިދުވަސްތަކުގައި ކުރުމަށް އެދެވިގެންވާ ކަންތައްތަކުގެ ތެރޭގައި ﷲ ގެ މަގުގައި ހޭދަކުރުން ގިނަކުރުން ހިމެނިގެންވެއެވެ. އެގޮތުން، ﷲ އަށް ޓަކައި އެކަލާނގެ އިސްމުފުޅުގައި ގުރްބާނީ އެއް ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. والله أعلم.