ޚަބަރު

"ދުވަސްކޮޅެއް ފަހުން ރާއްޖެއަށް އަންނާނީ ވެކްސިން ޖަހައިގެން އަންނަ މީހުން"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއަށް ދުވަސްކޮޅެއް ފަހުން އަންނާނީ ހަމައެކަނި ނެގަޓިވް ޕީސީއާރް ޓެސްޓެއް ހިފައިގެން އަންނަ ފަތުރުވެރިން ނޫން ކަމަށާއި، އަންނާނީ ނެގަޓިވް ޕީސީއާރް ދޫކޮށްލާފައި ޑަބަލް ޑޯޒް ވެކްސިން ޖަހައިގެން އަންނަ މީހުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

Ads by STELCO

"ދެން" އަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. މައުސޫމް ވަނީ، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް މިއަދު ކޮވިޑުން ރައްކާތެރިވުމުގެ ވެކްސިން ދޭން ފެށުމުން، އެކަމާ އުފާފާޅު ކުރައްވާ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވެސް ވެކްސިން ދޭން ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައިގެން ދާނެ ކަމުގެ އުންމީދު އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

"ދުވަސްކޮޅެއް ފަހުން އަންނާނީ ހަމައެކަނި ނެގަޓިވް ޕީސީއާރް ޓެސްޓެއް ހިފައިގެން އަންނަ ފަތުރުވެރިން ނޫން، އަންނާނީ ނެގަޓިވް ޕީސީއާރް ދޫކޮށްލާފައި ޑަބަލް ޑޯޒް ވެކްސިން ޖަހައިގެން، ވެކްސިން ސަރޓިފައިޑް ލިޔުން ހިފައިގެން އަންނަ މީހުން" ޑރ. މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މުސްތަޤްބަލަކީ ވެކްސިން ސެޓްފިކެޓް ހިފައިގެން ދަތުރުކުރުން ކަމަށާއި އޭރުން ފަތުރުވެރިން އުފުލަންޖެހޭ ތަކުލީފު ވެސް ކުޑަ ވާނެ ކަމަށެވެ.

"ޚާއްސަކޮށް ދިވެހި މުވައްޒަފުންނަށް ވެކްސިން ޖެހުނީމަ އެބޭފުޅުންނަށް ވެސް ލިބޭ ވަރަށް ބޮޑު ލުޔަކަށް ވާނެ. ވަރަށް ގިނަ މުވައްޒަފުން ވަރަށް ބޮޑު ޤުރުބާނީއެއް ވެއްޖެ. ރިސޯޓުތަކުގައި އެބޭފުޅުން އެތިބީ ބަންދުވެފަ. ރަށަށް، އަނބި ދަރިން، ފިރިން ކައިރިއަށް ނުދެވި، ވެކްސިނުން އިރާދަކުރެއްވިއްޔާ އެހުރިހާ ކަމެއް ހައްލު ވެގެންދާނެ" ޓޫރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް މިއަދު ވެކްސިން ދޭން ފަށާފައިވާއިރު، ފުރަތަމަ ބުރުގައިވެސް 10،000 މުވައްޒަފުންނަށް ވެކްސިން ދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!