ކޮވިޑާ ގުޅިގެން އެމްއެމްސީން މީޑިއާތަކަށް ދިން ފާސް އުވައިލައިފި

ކޮވިޑް-19 އާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން މީޑިއާތަކަށް ދޫކުރި ފާސް އުވައިލައިފިއެވެ.
އެމްއެމްސީން ވިދާޅުވީ، ކޮވިޑާ ގުޅިގެން މާލެ ސަރަހައްދުގައި އަޅައިފައިވާ ފިޔަވަޅުތައް މިއަދުން ފެށިގެން އުވައިލާން ނިންމައިފައި ވާތީ، މީޑިއާތަކަށް ދޫކޮށްފައިވާ ޚާއްސަ ފާސް އުވައިލާން ނިންމައިފައިވާ ކަމަށެވެ. އަދި ފާސް ދޫކުރުމަށް ޓަކައި އެމްއެމްސީން އެކުލަވައިލައި އާންމުކުރި، "އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ގަޑިތަކުގައާއި ބޭރަށް ނުކުތުން މަނާ ގަޑިތަކުގައި ނޫސްވެރިން ބޭނުންކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ހާއްސަ ފާހެއް ދޫކުރުމާ ބެހޭ އުސޫލު" ވެސް މިއަދުން ފެށިގެން އުވައިލާން އެމްއެމްސީން ވަނީ ނިންމަވައިފައެވެ.
އެހެންކަމުން އެ އުސޫލުން މީޑިއާތަކަށް ދޫކޮށްފައިވާ އެއްވެސް ފާހެއް މިއަދުން ފެށިގެން ބޭނުން ނުކުރެވޭނެ ކަމަށް މީޑިއާ ކައުންސިލުން ވިދާޅުވިއެވެ.
އެމްއެމްސީން އިތުރަށް ވިދާޅުވީ، ކޮވިޑްގެ ހާލަތާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އިތުރު ފިޔަވަޅުތަކެއް އެޅޭ ނަމަ ސަލާމަތީ ގޮތުން މިހާރަށް ވުރެ ވެސް ރަނގަޅަށް އެމްއެމްސީން ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށެވެ.