ދީން

އުޟްޙިޔާ ކަތިލަން ގަސްދު ކުރާ މީހުންނަށް މުހިންމު މަޢުލޫމާތު ތަކެއް

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަތީފް ، ދެން އޮންލައިން
ފޮޓޯ: ސަން އޮންލައިން

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

Ads by STELCO

އުޟްޙިޔާއަކީ ﷲ އަށް ކުއްތަންވުމުގެ ގޮތުން ޢީދުގެ ދުވަސްތަކުގެ ތެރޭގައި ނަޢަމް ޞޫފީގެ ތެރެއިން ޖަނަވާރެއް ކަތިލުމެވެ. މިއީ އިސްލާމީ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ގުރްއާނުންނާއި ސުންނަތުން އަދި ދަންނަބޭކަލުންގެ އިޖްމާޢިން އެކަން ޘާބިތުވެއެވެ.

ގުރްއާނުގެ ދަލީލުތައް:

  1. ސޫރަތުލް ކައުޘަރުގެ 2 ވަނަ އާޔަތް: (فَصَلِّ لِرَ‌بِّكَ وَانْحَرْ) މާނައަކީ: "ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ!"
  2. ސޫރަތުލް އަންޢާމްގެ 162 ވަނަ އާޔަތް: (قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَ‌بِّ الْعَالَمِينَ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ." މިއާޔަތުގައި މިވާ "ނުސުކު" ގެ މުރާދަކީ ކަތިލުމެވެ.
  3. ސޫރަތުލް ޙައްޖުގެ 34 ވަނަ އާޔަތް: (وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُ‌وا اسْمَ اللَّـهِ عَلَىٰ مَا رَ‌زَقَهُم مِّن بَهِيمَةِ الْأَنْعَامِۗ فَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَلَهُ أَسْلِمُوا ۗ وَبَشِّرِ‌ الْمُخْبِتِينَ) މާނައަކީ: " نعم ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) اللَّه ގެ اسم ފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް قربان ކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، إسلام ވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!".

 

ސުންނަތުގެ ދަލީލުތައް:

  1. وعن عبد الله بن عمر رضي الله عنهما قال : « أقام النبي صلى الله عليه وسلّم بالمدينة عشر سنين يضحي » رواه أحمد (4935) والترمذي (1507) ، وحسنه الألباني في مشكاة المصابيح ( 1475 )  މާނައަކީ: މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާގައި ހުންނެވި ދިހައަހަރުވެސް ކޮންމެ އަހަރަކު އުޟްޙިޔާ ކަތިލައްވައެވެ".
  2. عن البراء بن عازب رضي الله عنه أن النبي صلى الله عليه وسلّم قال: «من ذبح بعد الصلاة فقد تم نسكه وأصاب سنة المسلمين » . رواه البخاري(5545 މާތްﷲ ރުއްސުންލެއްވި އަލްބައްރާއު ބިން ޢާޒިބްގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ނަމާދު ފަހުން ކަތިލައިފިމީހާ އެމީހެއްގެ ނުސުކް ނުވަތަ ކަތިލުން ފުރިހަމަކޮށްފިއެވެ. އަދި މުސްލިމުންގެ ސުންނަތާ އެއްގޮތަށް ކަންތައްކޮށްފިއެވެ".

އުޟްޙިޔާ ކަތިލުމަކީ މަޝްރޫޢުވެގެންވާ ކަމެއް ކަމާއި މެދުގައި މުސްލިމް ދަންނަބޭކަލުން އިޖްމާޢުވެލައްވާފައިވެއެވެ.

އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެއްތޯ ނުވަތަ ދޫކޮށްލުން ހެޔޮނުވާވަރުގެ ވާޖިބު ކަމެއްތޯ، މިކަމާއި މެދުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހުއްޓެވެ.

ޖުމްހޫރު ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. މިއީ ޝާފިޢީ، މާލިކީ އަދި ޙަންބަލީ މަޛްހަބުގެ މަޝްހޫރު ރައުޔެވެ.

ނަމަވެސް އިމާމް އަޙްމަދުގެ ފަރާތްޕުޅުން އައިސްފައިވާ އަނެއް ރިވާޔަތެއްގައި އަދި އަބޫޙަނީފާ- ރަޙިމަހުމުﷲ- ގެ މަޛްހަބުގައި އުޟްޙިޔާ ކަތިލުމަކީ ވާޖިބު ކަމެކެވެ. والله أعلم.

އުޟްޙިޔާ ކަތިލުމުގެ ވަގުތު

އުޟްޙިޔާ ކަތިލުމުގެ ވަގުތަކީ ކޮބައިތޯ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އުޟްޙިޔާ ކަތިލުމުގެ ވަގުތު ފެށެނީ އަޟްޙާ ޢީދު ނަމާދު ނިމުމާ އެކުގައެވެ. އަދި އުޟްޙިޔާ ކަތިލުމުގެ ވަގުތު ނިމެނީ ޛުލްޙިއްޖާމަހުގެ 13 ވަނަ ދުވަހުގެ އިރުއޮއްސުމާއި އެކުގައެވެ. އެހެންކަމުން އުޟްޙިޔާ ކަތިލުމަށް ޢީދުދުވަހާއި އައްޔާމުއް ތަޝްރީގު ތިންދުވަސް ލިބެއެވެ.

އެންމެ މޮޅުއިތުރު ގޮތަކީ އަޟްޙާ ޢީދު ނަމާދު ނިމުމާއި އެކު ވީހާވެސް އަވަހަކަށް ކަތިލުމެވެ. އަދި ޢީދު ދުވަހުގެ އެންމެ ފުރަތަމަ ކެއުމަކީ އުޟްޙިޔާ އިން ކާކެއުން ކަމުގައި ހެދުމެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރެއްވި ގޮތަކީ މިއީއެވެ.

روى أحمد (22475) عن بُرَيْدَةَ رضي الله عنه قَالَ : كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لا يَغْدُو يَوْمَ الْفِطْرِ حَتَّى يَأْكُلَ ، وَلا يَأْكُلُ يَوْمَ الأَضْحَى حَتَّى يَرْجِعَ ، فَيَأْكُلَ مِنْ أُضْحِيَّتِهِ . ބުރައިދާ ރަޟިޔަﷲ ޢަންހު-ގެ ކިބައިން އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "ފިޠުރު ޢީދު ދުވަހު އެއްޗެއް ފަރިއްކުޅުއްވައިގެން މެނުވީ ކީރިތި ރަސޫލާ ޢީދުނަމާދަށް ނިކުމެވަޑައި ނުގަންނަވައެވެ. އަދި އަޟްޙާ ޢީދު ދުވަހު ޢީދުނަމާދުން އަވަދިވެ ވަޑައިގެން އެކަލޭގެފާނުގެ އުޟްޙިޔާ އިން މެނުވީ ފަރީއްނުކުޅުއްވައެވެ". والله أعلم.

 

އުޟްޙިޔާގެ ޝަރްޠުތައް:

އަޅުގަޑުގެ އަމިއްލަ ނަފްސަށާއި ދަރިންގެ މަތިން އުޟްޙިޔާ ކަތިލުމަށް ގަޞްދުކޮށްފީމެވެ. އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ޖަނަވާރުގައި ހުންނަން ޖެހޭ ވަކި ޞިފަތަކެއް ވޭތޯއެވެ؟ ނޫންނަމަ ކޮންމެ ކަހަލަ ބަކައްޓެއް ކަތިލިނަމަވެސް ފުދޭނެތޯއެވެ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ޖަނަވާރުގައި ހަޝަރްޠެއް ހަމަވާން ޖެހޭނެއެވެ. އެއީ:

  1. ނަޢަމް ޞޫފީގެ ތެރޭގައި ހިމެނޭ ޖަނަވާރަކަށްވުން، ސޫރަތުލް ޙައްޖުގެ 34 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُ‌وا اسْمَ اللَّـهِ عَلَىٰ مَا رَ‌زَقَهُم مِّن بَهِيمَةِ الْأَنْعَامِۗ فَإِلَـٰهُكُمْ إِلَـٰهٌ وَاحِدٌ فَلَهُ أَسْلِمُواۗ وَبَشِّرِ‌ الْمُخْبِتِينَ) މާނައަކީ: " نعم ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) اللَّه ގެ اسم ފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް قربان ކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، إسلام ވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!". ނަޢަމް ޞޫފީގެ ތެރޭގައި ހިމެނެނީ ޖަމަލު، ގެރި އަދި ބަކަރިއެވެ.

2.ޝަރްޢީ ގޮތުން ކަނޑައެޅިފައިވާ ޢުމުރު ހަމަވެފައިވާ ޖަނަވާރަކަށް ވުން، ޖަމަލެއްނަމަ އޭގެ ޢުމުރުން ފަސްއަހަރު ހަމަވެފައިވުން، ގެރިއެއްނަމަ ދެއަހަރު ހަމަވެފައިވުން، އަދި ކަންބަޅިއެއް ނަމަ އަހަރުވެފައިވުން، އަދި ޖިޒަޢެއް ނަމަ ބައި އަހަރު ހަމަވެފައިވުން،

  1. ޢައިބުތަކުން ސަލާމަތްވެގެންވާ އެއްޗަކަށްވުން، މިގޮތުން އަންނަނިވި ޢައިބުތަކުން ސަލާމަތްވެފައިވާ އެއްޗަކަށްވާން ޖެހޭނެއެވެ.

ފުރަތަމަ: ފާޅުކޮށް އެނގޭވަރަށް އަވަރުވެފައިވާ އެއްޗަކަށް ނުވުން،

ދެވަނަ: ފާޅުކޮށް އެނގިބަޔާންވާ ވަރުގެ ބައްޔެއް ހުރި އެއްޗަކަށް ނުވުން.

ތިންވަނަ: ފާޅުކޮށް އެނގިބަޔާންވާ ވަރަށް ކޮރުއެއްޗަކަށް ނުވުން.

ހަތަރުވަނަ: ބުއްދި ފިލައިގޮސްފައިވާ އެއްޗަކަށް ނުވުން.

ފަސްވަނަ: ލޯކަނު އެއްޗަކަށް ނުވުން،

ހަވަނަ: އަލްމަބްޝޫމާ

ހަތްވަނަ: ވިހަން ދަތިވެފައިވާ އެއްޗަކަށް ނުވުން،

އަށްވަނަ: ތަނަކުން ވެއްޓި މަރަށް ތައްޔާރުވެފައިވާ އެއްޗަކަށް ނުވުން.

ނުވަވަނަ: ދެއަތުންކުރެ އަތެއް ނުވަތަ ދެފައިން ކުރެ ފަޔެއް ބުރިވެފައިވާ އެއްޗަކަށް ނުވުން.

ދިހަވަނަ: ޢުމުރުން ދުވަސްވުމުގެ ސަބަބުން ހިނގައިގަތުމަށް އުނދަގޫވެފައިވާ އެއްޗަކަށް ނުވުން.

  1. ކަތިލެވޭ އެއްޗަކީ އުޟްޙިޔާ ކަތިލާ މީހާގެ މިލްކަކަށްވުން. ނޫންނަމަ ވެރިމީހާގެ އިޛްނަ ލިބިގެން ކަތިލެވޭ އެއްޗަކަށްވުން،
  2. އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ އެތީގައި އެހެންމީހެއްގެ ޙައްގެއް އެކުލެވިފައިނުވުން، މީހަކު ރަހުނެއްގެ ގޮތުގައި ޙަވާލުކޮށްފައިވާ ނަޢަމް ސޫތްޕަކުން އުޟްޙިޔާ އެއް ކަތިނުލެވޭނެއެވެ.
  3. ޝަރީޢަތުގައި ކަނޑައެޅިފައިވާ ވަގުތުގައި ކަތިލުން. والله أعلم.

ކުރީއަހަރުތަކުގައި ނުކަތިލާ ހުރި އުޟްޙިޔާ

ކުރީގެ އަހަރުތަކުގައި ތަނަވަސްކަން ހުރެމެ އުޟްޙިޔާ ނުކަތިލާ ވަނީ ދޫކޮށްލެވިފައެވެ. ވީމާ، އެއަހަރުތަކުގެ އުޟްޙިޔާ އަލުން ކަތިލަން ޖެހޭނެތޯ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އުޟްޙިޔާ އަކީ ވާޖިބެއްތޯ ނުވަތަ ނޫންތޯ، މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި އިޚްތިލާފެއް އެބަހުއްޓެވެ. ރާޖިޙް ގޮތަކީ އެއީ ވާޖިބެއް ނޫންކަމެވެ. އަދިކިއެއްތަ، ގަދަވެގެންވާ ސުންނަތެއް ކަމެވެ. އެހެންކަމުން، އުޟްޙިޔާ ނުކަތިލާ ދޫކޮށްލިނަމަވެސް އެމީހަކު އޭގެ ސަބަބުން ފާފަވެރިނުވާނެކަމެވެ.

އުޟްޙިޔާ ކަތިލުމުގެ ކުޅަދާނަކަން ހުރެމެ ނުކަތިލާ ދޫކޮށްލިމީހާ ބޮޑުވެގެންވާ ހެޔޮކަމާއި ދަރުމަ އަކުން މަޙްރޫމުވެގެންފިއެވެ. އުޟްޙިޔާ ކަތިލުމުން ލިބޭނޭ ދަރުމަ އާއި ޘަވާބު ގެއްލުވާލައިފިއެވެ. ނަމަވެސް، އޭގެ ސަބަބުން އޭނާ ފާފަވެރިވެ، ފާއިތުވީ އަހަރުތަކުގައި ނުކަތިލާ ހުރި އުޟްޙިޔާތައް ގަޟާކުރާކަށް ނުވަތަ އެކަމުގެ ބަދަލުގައި ކައްފާރާ އެއް ދޭކަށް ނުޖެހޭނެއެވެ. ސަބަބަކީ އުޟްޙިޔާ ކަތިލުމަކީ ސުންނަތެކެވެ. އެސުންނަތް އަދާކުރަން ޖެހޭ ވަގުތު ފާއިތުވެގެން ހިނގައްޖެއެވެ. ނަމަވެސް، އުޟްޙިޔާ ކަތިލުމަށް ނަދުރު ބުނެފައިވާނަމަ އެނަދުރު ފުއްދުމުގެ ގޮތުން ކަތިލަން ޖެހޭނެއެވެ. والله أعلم.

އުޟްޙިޔާ ކަތިލާ ވަގުތުގައި ކިޔާ ދުޢާ

އުޟްޙިޔާ ކަތިލުމުގެ ކުރިން ކިޔަން ވަކި ޚާއްޞަ ދުޢާ އެއް އޮވޭތޯ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އުޟްޙިޔާ ކަތިލުމުގެ ކުރިން އަންނަނިވި ދުޢާ ކިޔަންވާނެއެވެ. "ބިސްމިﷲ، ވަﷲ އަކްބަރު". މިއީ ވާޖިބު މިންވަރެވެ. މީގެ އިތުރުން އަމިއްލަ ނަފްސަށް ކަތިލާ އުޟްޙިޔާ އެއް ނަމަ "އައްލާހުންމަ ތަގައްބަލް މިންނީ" މިފަދައިން ކިޔުން ސުންނަތް ވެގެންވެއެވެ. އަދި އެހެން މީހަކަށް ކަތިލާދޭނަމަ "އައްލާހުންމަ ތަގައްބަލް މިން...." މިހިސަބަށް ކިޔުމަށް ފަހު އެމީހެއްގެ ނަން ލާނީއެވެ. މިއީ އެދެވިގެންވާ މިންވަރެވެ. "ބިސްމިﷲ ވަﷲ އަކްބަރު" ކިޔާފައި ކަތިލުމުން ވާޖިބު މިންވަރު އަދާވީއެވެ.

روى البخاري (5565) ومسلم (1966) عَنْ أَنَسٍ قَالَ : (ضَحَّى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِكَبْشَيْنِ أَمْلَحَيْنِ أَقْرَنَيْنِ ذَبَحَهُمَا بِيَدِهِ وَسَمَّى وَكَبَّرَ وَوَضَعَ رِجْلَهُ عَلَى صِفَاحِهِمَا) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން އިމާމް ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުޟްޙިޔާ ގެ ގޮތުގައި ދެދަޅު ފަޅާފައިވާ ދެކަންބަޅި ބަކަރި ކަތިލެއްވިއެވެ. އެކަލޭގެފާނުގެ ފައިންޕުޅު ބަކަރީގެ ކަރު ކައިރީގައި ބެހެއްޓެވުމަށްފަހު، ބިސްމިﷲ ވަﷲ އަކްބަރު އޭ ވިދާޅުވެފައި، އެކަލޭގެފާނުގެ އަތްޕުޅުން ކަތިލެއްވިއެވެ."

روى مسلم (1967) عَنْ عَائِشَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَرَ بِكَبْشٍ أَقْرَنَ فَأُتِيَ بِهِ لِيُضَحِّيَ بِهِ فَقَالَ لَهَا يَا عَائِشَةُ هَلُمِّي الْمُدْيَةَ (يعني السكين) ثُمَّ قَالَ اشْحَذِيهَا بِحَجَرٍ فَفَعَلَتْ ثُمَّ أَخَذَهَا وَأَخَذَ الْكَبْشَ فَأَضْجَعَهُ ثُمَّ ذَبَحَهُ ثُمَّ قَالَ بِاسْمِ اللَّهِ اللَّهُمَّ تَقَبَّلْ مِنْ مُحَمَّدٍ وَآلِ مُحَمَّدٍ وَمِنْ أُمَّةِ مُحَمَّدٍ ثُمَّ ضَحَّى بِهِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން އިމާމް މުސްލިމް ރިވާ ކުރެއްވިއެވެ. "އުޟްޙިޔާ ކަތިލުމަށް ޓަކައި ދަޅުފަޅާފައި ހުރި ކަންބަޅި އެއް ގެނައުމަށް އަމުރު ކުރެއްވިއެވެ. އެކަލޭގެފާނުގެ އަރިހަށް އެކަންބަޅި ގެނެވުމުން ވަޅިގެންނެވުމަށް ޢާއިޝާ އަށް އަމުރު ކުރެއްވިއެވެ. އަދި އެކަމަނާ ވަޅި ގެންނެވުމުން ހިލަގަނޑެއްގައި ކާއްތާ ވަޅި ތޫނު ކުރުމަށް އަމުރު ކުރެއްވިއެވެ. ޢާއިޝާ އެގޮތަށް އެކަންތައް ކުރެއްވުމުން ކަންބަޅި ބިންމަތީގައި ބޭއްވެވިއެވެ. އަދި ވިދާޅުވިއެވެ. (بِاسْمِ اللَّهِ اللَّهُمَّ تَقَبَّلْ مِنْ مُحَمَّدٍ وَآلِ مُحَمَّدٍ وَمِنْ أُمَّةِ مُحَمَّدٍ)މާނައަކީ: "ﷲ ގެ އިސްމުފުޅުން ފަށަމެވެ.ހއްދަވާގެންގުޅުއްވާ އިލާހެވެ. މުޙައްމަދުގެ ފާނާއި އެކަލޭގެފާނުގެ އާލުންނާއި ، އެކަލޭގެފާނުގެ އުއްމަތުގެ ކިބައިން ގަބޫލު ކުރައްވާފާންދޭވެ". މިހެން ވިދަޅުވުމަށްފަހު ޛަބަޙަ ކުރެއްވިއެވެ."

روى الترمذي (1521) عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ : شَهِدْتُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الأَضْحَى بِالْمُصَلَّى فَلَمَّا قَضَى خُطْبَتَهُ نَزَلَ عَنْ مِنْبَرِهِ فَأُتِيَ بِكَبْشٍ فَذَبَحَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِيَدِهِ وَقَالَ بِسْمِ اللَّهِ وَاللَّهُ أَكْبَرُ هَذَا عَنِّي وَعَمَّنْ لَمْ يُضَحِّ مِنْ أُمَّتِي .

މަނައަކީ: މާތަ ﷲ ރުއްސުންލެއްވި ޖާބިރު ބިން ޢަބްދިﷲ ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި ޢީދު ދުވަހު މިސްކިތުގައި ބައިވެރިވީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢީދު ދުވަހުގެ ޚުޠުބާ ނިންމެވުމަށްފަހު، މެމްބަރުން ފައިބާ ވަޑައިގެން ކަންބަޅި އެއް ގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުން އެކަންބަޅި ޛަބަޙަ ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. (بِسْمِ اللَّهِ وَاللَّهُ أَكْبَرُ هَذَا عَنِّي وَعَمَّنْ لَمْ يُضَحِّ مِنْ أُمَّتِي) މާނައަކީ: "ﷲ ގެ އިސްމުފުޅުން ފަށަމެވެ. ﷲ މާ ބޮޑެވެ. މިއީ ތިމަންކަލޭގެފާނުގެ ފަރާތުންނާއި، ތިމަން ކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން އުޟްޙިޔާ ކަތިނުލާ މީހުންގެ ފަރާތުން ކަތިލެވޭ އެއްޗެކެވެ." والله أعلم.

 ތިމާ ދިރިއުޅޭ ރަށުގައި އުޟްޙިޔާ ކަތިލުން އަގުބޮޑުކަމުން އެހެން ރަށެއްގައި ކަތިލުމަށް ފައިސާ ފޮނުވިދާނެބާ؟

އަޅުގަޑުމެން ރަށުގައި އުޟްޙިޔާ ކަތިލުމަކީ ވަރަށް އަގުބޮޑު ކަމެކެވެ. އެހެންކަމުން، ތަންކޮޅެއް އަގުހެޔޮކޮށް ކަތިލެވޭ ގައުމަކަށް ފައިސާ ފޮނުވައިގެން ކަތިލުމަކީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

ސުންނަތް ގޮތަކީ ކޮންމެ މުސްލިމަކުވެސް އެމީހަކު ހުރި ރަށެއްގައި އުޟްޙިޔާކަތިލުމެވެ. އެހެންގައުމެއްގައި ކަތިލުމުން ވަރަށް ބައިވަރު މަޞާލިޙްތަކެއް ގެއްލިގެން ދެއެވެ. އޭގެ ތެރޭގައި:

  1. ތިމާ ދިރުއުޅޭ ގައުމުގައި ﷲގެ ޝިޢާރުފާޅު ކުރުމުން ދުރުހެލިވެވުން.
  2. ބޮޑަށް ސުންނަތްވެގެންވާ ގޮތަކީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ އަތުން އުޟްޙިޔާ ކަތިލުމެވެ. އެހެންގައުމަކަށް ފައިސާ ފޮނުވައިގެން ކަތިލުމުން އެސުންނަތް އަދާ ނުކުރެވުނީއެވެ.
  3. އުޟްޙިޔާ ކަތިލުމުގެ ކުރިން ﷲ ގެ އިސްމުފުޅު ކިޔަން ޖެހެއެވެ. އެހެން ގައުމަކަށް ފޮނުވައިގެން ކަތިލާކަމަށްވަނީނަމަ ކަތިލާމީހުން ﷲ ގެ އިސްމުފުޅު ކީކަމެއް ނުވަތަ ނޫންކަމެއް ނޭގޭނެއެވެ. ނަމަވެސް ތިމާގެ އަމިއްލަ އަތުން ކަތިލާނަމަ އެކަން ޔަގީންވާނެއެވެ.
  4. އުޟްޙިޔާގެ ގޮތުގައި ކަތިލާ އެތިން އެތިކޮޅެއް ކެއުމަކީ ސުންނަތެކެވެ. އެހެން ގައުމަކަށް ފޮނުވައިގެން ކަތިލައިފިނަމަ އެސުންނަތް އަދާ ނުކުރެވުނީއެވެ. ސޫރަތުލް ޙައްޖުގެ 28 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ‌) މާނައަކީ: " ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތިحال ގައިވާ فقير ންނަށް (އެއިން) ކާންދޭށެވެ!" ހަމަ އެސޫރަތުގެ 36 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (فَكُلُوا مِنْهَا وَأَطْعِمُوا الْقَانِعَ وَالْمُعْتَرَّ‌ ) މާނައަކީ: " ފަހެ، އެތަކެތި (މަރުވެ) ވެއްޓުމުން އެއިން ތިޔަބައިމީހުން ކާށެވެ! އަދި އެއަށްއެދި سؤال ކުރާ فقير ންނާއި، سؤال ނުކުރާ فقير ންނަށްވެސް އެއިން ކާންދޭށެވެ!"

ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އުޟްޙިޔާ އިން ޞަދަގާތް ކުރުން ވާޖިބުވާ ފަދައިން އެއިން ކެއުމަކީވެސް ވާޖިބު ކަމެކެވެ. އެހެން ގައުމަކަށް ފޮނުވައިގެން ކަތިލައިފިނަމަ މިކަމުން މަޙްރޫމްވާނެއެވެ.

  1. އެހެން ގައުމެއްގައި ކަތިލުމުން އުޟްޙިޔާ ބަހަން ޖެހޭ ގޮތް ނޫން އެހެން ގޮތަކަށް ބެހުމުގެ ފުރުޞަތު ބޮޑެވެ. އުޟްޙިޔާ އިން އެއްބައި ކައިފައި އަނެއްބައި ރަށްޓެހިންނަށް ހަދިޔާކޮށްފައި، އަނެއްބައި ފަގީރުންނަށް ޞަދަގާތް ކުރަން ޖެހެއެވެ. ބޭރުގައުމެއްގައި ކަތިލައިފިނަމަ އުޟްޙިޔާ ބެހިގެންދަނީ ކޮންގޮތަކަށް ކަމެއް ތިމާއަކަށް ނޭގޭނެއެވެ.
  2. އެހެން ގައުމެއްގައި ކަތިލާނަމަ، އުޟްޙިޔާ ކަތިލެވެނީ އެންމެ ރަގަޅު ގޮތަށް ކަމެއް ނުވަތަ ނޫންކަމެއް ނޭނގޭނެއެވެ. ފަހަރުގައި ޢީދު ނަމާދަށްވުރެ ކުރިންވެސް ކަތިލަފާނެއެވެ. ނޫންނަމަ އައްޔާމުއްތަޝްރީގު ތިންދުވަސް ފަހުންވެސް ކަތިލަފާނެއެވެ. ނޫންނަމަ ބިސްމިﷲ ނުކިޔާވެސް ކަތިލަފާނެއެވެ. ނަމަވެސް ތިމާ އަމިއްލަ އަށް ކަތިލާނަމަ މިހުރިހާ ޝައްކާއި ވަހުމް ތަކުން ސަލާމަތްވީއެވެ.

މި ސަބަބު ތަކަށް ޓަކައި އުޟްޙިޔާ ކަތިލަންވާނީ އެމީހަކު ދިރިއުޅޭ ރަށެއްގައެވެ. ﷲ ތަނަވަސްކަން ދެއްވާފައިވާ މީހުން ކަތިލާނީއެވެ. ތަނަވަސްކަން ނެތްނަމަ ކަތިނުލާނީއެވެ. والله أعلم.

 

އުޟްޙިޔާ އާއި ޢަގީގާ އެއްވެއްޖެނަމަ ހަދާނެގޮތް

އުޟްޙިޔާ އަށާއި ޢަގީގާ އަށް ނިޔަތްގަނެ އެއް ޖަނަވާރެއް ކަތިލުމުން ސުންނަތް އަދާ ކުރެވޭނެތޯ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

މި މައްސަލާގައި ޢިލްމުވެރިންގެ މެދުގައި ދެރައުޔެއްވެއެވެ.

ފުރަތަމަ ރައުޔު:

އުޟްޙިޔާ އާއި ޢަގީގާ އެއްނުކުރެވުން. މިއީ އިމާމް މާލިކް، ޝާފިޢީ އަދި އިމާމް އަޙމްދު- ރަޙިމަހުމުﷲ- ގެ ފަރާތްޕުޅުން ރިވާވެގެންވާ އެއް ރިވާޔަތެވެ.

މިބޭފުޅުންގެ ދަލީލަކީ އުޟްޙިޔާ އާއި ޢަގީގާ އަކީ މުޅިން ދެއެއްޗެކެވެ. އެހެންކަމުން، ދެކަންތަކަށް ނިޔަތްގަނެ އެކަތި ކަތިލުމުން ސުންނަތް އަދާވީ ކަމަކަށް ނުވާނެއެވެ. އަނެއްކޮޅުން ދެއެތި ކަތިލެވެނީވެސް މުޅިން ދެސަބަބަކާ ހުރެއެވެ. އެހެންކަމުން، ތަމައްތުޢުގެ ކަތިލުމާއި ފިދްޔާގެ ކަތިލުން އެއް ނުކުރެވޭ ފަދައިން ޢަގީގާ އާއި އުޟްޙިޔާގެ ކަތިލުން އެއް ނުކުރެވޭނެއެވެ.

(ތަމައްތުޢްގެ ކަތިލުމަކީ: ތަމައްތުޢްކޮށް ޙައްޖުކުރުމުގެ ސަބަބުން ކަތިލަން ޖެހޭ ކަތިލުމެވެ. އަދި ފިދްޔައިގެ ކަތިލުމަކީ ޙައްޖުގެ ވާޖިބެއް ދޫކޮށްލެވުމުގެ ސަބަބުން ކަތިލަން ޖެހޭ ކަތިލުމެވެ.)

ދެވަނަ ރައުޔު:

އުޟްޙިޔާ އާއި ޢަގީގާ އަށް އެކީގައި ނިޔަތްގަނެ އެއް ޖަނަވާރެއް ކަތިލުމުން ފުދޭނެއެވެ. މިއީ އިމާމް އަޙްމަދުގެ ފަރާތްޕުޅުން ވާރިދުވެފައިވާ އެއްރިވާޔަތެވެ. އަދި މިއީ އިމާމް އަބޫ ޙަނީފާގެ މަޛްހަބެވެ. މިފަދައިން އިމާމް ޙަސަނުން ބަޞަރީ އަދި އިމާމް އިބްނު ސީރީން އަދި ގަތާދާ- ރަޙިމަހުމުﷲ- ވިދާޅުވެފައިވެއެވެ.

މިބޭފުޅުންގެ ޙުއްޖަތަކީ: މިދެކަންތަކުގެވެސް މަގްޞަދަކީ (އުޟްޙިޔާ އާއި ޢަގީގާގެ ވެސް މަގްޞަދަކީ) އެއްޗެއް ކަތިލުމުން ﷲ އާއި ކުއްތަން ވުމެވެ. މިސްކިތަށްވަދެ ފަރްޟު ނަމާދެއް ކުރުމުން ތަޙިއްޔަތުލް މަސްޖިދަށް ފުދޭ ގޮތަށް އުޟްޙިޔާ ކަތިލުމުން ޢަގީގާ އަށް ވެސް ފުދޭނެއެވެ.

މިމައްސަލާގައި ސަޢޫދީގެ ކުރީގެ މުފްތީ ފަޟީލަތުއް ޝައިޚް މުޙައްމަދު އިބްރާޙީމް- ރަޙިމަހުﷲ- ރާޖިޙް ކުރައްވާފައިވާ ގޮތަކީ އުޟްޙިޔާ އާއި ޢަގީގާ އަށް ނިޔަތްގަނެއް އެއް ޖަނަވާރެއް ކަތިލުމުން ދެކަންތަކަށް ފުދިގެން ދިޔުމެވެ. والله أعلم.

 

އުޟްޙިޔާ ކަތިލުންތޯ މާތްކަން ބޮޑީ ނުވަތަ ކަތިލުމަށް ހޭދަވާ ފައިސާކޮޅު ގާތްތިމާގެ ފަގީރެއްގެ ބޭހަކަށް ޚަރަދުކޮށްލުންތޯ މޮޅުއިތުރީ

އުޟްޙިޔާ ކަތިލުމުގެ ބަދަލުގައި ގާތްތިމާގެ ފަގީރު މީހެއްގެ ބޭހަށް އެފައިސާކޮޅު ޚަރަދުކޮށްލުމަކީ ކޮންކަހަލަ ކަމެއްތޯ؟ އޭނާގެ ފަގީރު ކަމުން ބޭސްކުރުމަށް ޒަކާތުގެ ފައިސާއިންވެސް މިންވަރެއް ދީފީމެވެ. ނަމަވެސް އެވަރުންވެސް ނުފުދެއެވެ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އަޞްލަކީ އުޟްޙިޔާގެ އަގުން ޞަދަގާތް ކުރުމަށްވުރެ އުޟްޙިޔާ ކަތިލުން އައުލާކަން ބޮޑެވެ. އޭގެ ސަބަބުން ﷲ އަށް ކުއްތަންވުމުގެ ގޮތުން އެއްޗެއް ކަތިލެވެނީއެވެ. އަދި އެއިން ބައެއް ޞަދަގާތްވެސް ކުރެވެއެވެ. އަދި މިޝިޢާރު ތިމާގެ އަނބިދަރިންގެ ތެރޭގައި ފާޅުކޮށް އެކަން އިޙްޔާކޮށް ދިރުވެއެވެ.

ނަމަވެސް ގާތްތިމާގެ މީހެއްގެ ބަލިބޮޑުވެ އެނޫންގޮތެއް ނެތިއްޖެ ޙާލަތެއްގައި އުޟްޙިޔާ ކަތިލުމަށް ފޮރުވާފައި ހުރި ލާރިކޮޅުން ބަލިމީހާގެ ބޭހަށް ޚަރަދުކުރުމަކީ އެންމެ ރަގަޅު ކަމެކެވެ.  والله أعلم.

 

މަރުވެފައިވާ މީހުންގެ މަތިން އުޟްޙިޔާ ކަތިލުން

މަރުވެފައިވާ މައިންބަފައިންގެ މަތިން އުޟްޙިޔާ ކަތިލެވިދާނެތޯ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އުޟްޙިޔާ ކަތިލުން މަޝްރޫޢު ވެގެންވަނީ ހަމައެކަނި ދިރިތިބި މީހުންގެ މައްޗަށެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ފަދައިން މަރުވެފައި ތިބޭ މީހުންގެ މަތިން އުޟްހިޔާ ކަތިލުމެއް ނެތެވެ.

މަރުވެފައިވާ މީހުންގެ މަތިން އުޟްޙިޔާ ކަތިލުން ތިންބަޔަކަށް ބެހިގެންވެއެވެ.

  1. ދިރިތިބި މީހުންނާއި މަރުވެފައިވާ މީހުންވެސް ހިމަނައިގެން، މީހަކު އޭނާގެ ގޭގެ ހުރިހާ އަހްލުވެރިންގެ މަތިން އުޟްޙިޔާ ކަތިލުމަށް ނިޔަތް ގަތުން. މިއީ ހުއްދަ ކަމެކެވެ. މީގެ ދަލީލަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަމިއްލަ ނަފްސުގެ މަތިންނާއި އަހްލު ބައިތުންގެ މަތިން އުޟްޙިޔާ ކަތިލެއްވުން. އޭގެ ތެރޭގައި މަރުވެ ގޮސްފައިވާ މީހުންވެސް ހިމެނިގެންވެއެވެ.
  2. މަރުވެފައިވާ މީހެއްގެ ވަޞިއްޔަތް ފުރިހަމަ ކުރުމަށް ޓަކައި އޭނާގެ މަތިން އުޟްޙިޔާ ކަތިލުން. މި ޙާލަތުގައި ކުޅަދާނަކަން ހުރެއްޖެނަމަ އެމައްޔިތާގެ މަތިން އުޟްޙިޔާ ކަތިލުން ވާޖިބު ވެގެންވެއެވެ. ދަލީލަކީ: ސޫރަތުލް ބަގަރާގެ 181 ވަނަ އާޔަތެވެ. (فَمَن بَدَّلَهُ بَعْدَ مَا سَمِعَهُ فَإِنَّمَا إِثْمُهُ عَلَى الَّذِينَ يُبَدِّلُونَهُ ۚ إِنَّ اللَّـهَ سَمِيعٌ عَلِيمٌ) މާނައަކީ: " ފަހެ، އެ وصية އިވުމަށްފަހު، އެ وصية ބަދަލުކުޅަ މީހާ (ދަންނާށެވެ! ހަމަކަށަވަރުން، އެކަމުގެ ފާފަ އޮތީ، އެކަން ބަދަލުކުރާ މީހުންގެ މައްޗަށެވެ. ހަމަކަށަވަރުން، اللَّه އީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
  3. މަރުވެފައިވާ މީހުންގެ ފަރާތުން ޞަދަގާތެއްގެ ގޮތުގައި އުޟްޙިޔާ ކަތިލުން. މިއީ ހުއްދަ ގޮތެއް ކަމަށް ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވެއެވެ. މައްޔިތާގެ މަތިން ޞަދަގާތް ކުރުމުން އޭގެ ޘަވާބު މައްޔިތާ އަށް ލިބޭފަދައިން އުޟްޙިޔާގެ ޘަވާބުވެސް ލިބޭނެ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އެހެންނަމަވެސް އެހެން ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މަރުވެފައިވާ މީހުންގެ މަތިން އުޟްޙިޔާ ކަތިލުމެއް ނެތެވެ. ސަބަބަކި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްވެސް މަރުވެފައިވާ މީހެއްގެ މަތިން އުޟްޙިޔާ ކަތިލައްވާފައި ނުވުމެވެ. އެކަލޭގެފާނުގެ އެންމެ ގާތް ބޮޑުބޭބޭފުޅު ޙަމްޒަތުގެ ފާނުގެ މަތިންނާއި، އެކަލޭގެފާނުގެ ޙަޔާތުގައި ދުނިޔެ ދޫކޮށްގޮސްފައިވާ ދަރިކަލުންނާއި ދަރިކަނބަލުންގެ މަތިންނާއި، އަނބިކަނބަލުން ޚދީޖަތުގެފާނުގެ މަތިންވެސް އުޟްޙިޔާ ކަތިލައްވާފައި ނުވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަހުން އެކަލޭގެފާނުގެ އެއްވެސް ޞަޙާބީ އަކުވެސް މަރުވެފައިވާ ގާތް ތިމާގެ މީހުންގެ މަތިން އުޟްޙިޔާ ކަތިލައްވާފައި ނުވާތީވެއެވެ. والله أعلم.

 

އުޟްޙިޔާގެ ގޮތުގައި ކުކުޅެއް ކަތިލުން

އުޟްޙިޔާގެ ގޮތުގައި ކުކުޅެއް ކަތިލެވިދާނެތޯ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އުޟްޙިޔާގެ ގޮތުގައި ކަތިލެވޭނީ ހަމައެކަނި ބަހީމަތުލް އަންޢާމްގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ. ނުވަތަ ނަޢަމް ޞޫފީގެ ބާވަތް ތަކެވެ. އެހެންވީމާ، މުސަޅެއް ކަތިލިޔަސް، އަދި އަހެއް ކަތިލިޔަސް، ނުވަތަ ކުކުޅެއް ކަތިލިޔަސްވެސް އުޟްޙިޔާ އަކަށް ނުފުދޭނެއެވެ.  والله أعلم.

އުޟްޙިޔާ ކަތިލަން ގަޞްދުކޮށްފި މީހާ ދުރުހެލިވާންވީ ކަންތައްތައް

އުޟްޙިޔާ ކަތިލަން ގަޞްދުކޮށްފައިވާ ދުރުހެލިވާންވީ ކަންތައްތައް ބަޔާންކޮށްދެއްވަފާނަންތޯ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

ޛުލްޙިއްޖާ މަހަށް ހަނދު ބެލުމާއި އެކު އުޟްޙިޔާ ކަތިލުމަށް ގަޞްދުކޮށްފައިވާ މީހާ، އެކަން ނިމުމުގެ ކުރިން ހަށިގަނޑުގެ އެއްވެސް ތަނަކުން އިސްތައްޓެއް، ހަންކޮޅެއް، ކަނޑައިގެން ނުވާނެއެވެ. އަދި އެއްވެސް ނިޔަފައްޗެއްވެސް، އަދި ކަނޑައިގެން ނުވާނެއެވެ. މާތް ﷲ ރުއްސުންލެއްވި އުއްމު ސަލަމާގެ ކިބައިން އިމާމް މުސްލިމް- ރަޙިމަހުﷲ- ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. (إِذَا رَأَيْتُمْ هِلالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ) މާނައަކީ: "ޛުލްޙިއްޖާ މަހުގެ ހަނދު ފެނުމާއި އެކު އުޟްޙިޔާ ކަތިލުމަށް ގަޞްދު ކުރާ މިހާ އިސްތަށްޓެއް ނިޔަފައްޗެއް ނުކަނޑާ ހުށިކަމެވެ."

އެހެން ރިވާޔަތެއްގައިވެއެވެ. (إِذَا دَخَلَتْ الْعَشْرُ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ فَلا يَمَسَّ مِنْ شَعَرِهِ وَبَشَرِهِ شَيْئًا) މާނައަކީ: "އުޟްޙިޔާ ކަތިލުމަށް ގަޞްދުކުރާ މީހާ، ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަދުވަހުގެ ތެރޭގައި އިސްތަށްޓެއް، ހަންކޮޅެއް ނުކަނޑާ ހުށިކަމެވެ."

އުޟްޙިޔާ ކަތިލުމުގެ ގަޞްދެއް ނެތް މީހާ މިކަންތައް ތަކުން ދުރުހެލިވާކަށް ނުޖެހޭނެއެވެ. والله أعلم.

 

ބައްޔަކުން ޝިފާ އަށް އެދި އުޟްޙިޔާ ކަތިލުން

އަޅުގަޑުގެ ދެބެންގެ ދެދަރި ކުއްޖަކު އެކްސިޑެންޓެއްވެ، އޮތީ ވަރަށް ބަލި ޙާލުގައެވެ. ޑރ އިން ވިދާޅުވަނީ އޭނާ ދިރޭނެ ކަމުގެ އޮތީ 50% ގެ ފުރުޞަތެއް ކަމަށެވެ. މީހަކު އަޅުގަޑުމެން ގާތުގައި ބުނީ އޭނާ އަށް ޝިފާ ދެއްވުން އެދި އުޟްޙިޔާ ކަތިލުމަށެވެ. މިކަމާއި މެދުގައި ދީނީ ގޮތުން އޮންނަ ގޮތް ބުނެދެއްވަފާނަންތޯ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

ﷲ އަށް ކުއްތަންވުމުގެ ގޮތުން، އަދި ކަތިލެވޭ އެއްޗަކުން ފަގީރުންނާއި މިސްކީނުންނަށް ޞަދަގާތް ކުރުމުގެ ނިޔަތުގައި ކަތިލައިފިނަމަ މައްސަލަ އެއް ނެތެވެ.ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (الصدقة تطفئ الخطيئة كما يطفئ الماء النار) رواه أحمد (3/399) މާނައަކީ: "ފެނުން އަލިފާން ނިވާލާފަދައިން ޞަދަގާތުން ނުބައިކަންތައް ފޮހެލައެވެ." ބައެއް ބައްޔަކީ ކުރެވިފައިވާ ކޮންމެވެސް ފާފައެއްގެ ސަބަބުން މެދުވެރިވާ ކަމެކެވެ. އެހެންކަމުން، ޞަދަގާތް ކުރުމުން އެފާފަ އެއް ފޮހެވި، ބަލިން ޝިފާ ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ޞަދަގާތުގެ ސަބަބުން އެމީހެއްގެ ދަރަޖަމަތިވެރި ވެގެންދެއެވެ.  والله أعلم.

ކާފަރުންނަށް އުޟްޙިޔާގެ މަސް ހަދިޔާ ކުރުން

އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ތަކެތީގެ މަސް ކާފަރުންނަށް ހަދިޔާ ކުރެވިދާނެތޯ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

މުސްލިމުންނާއި ހަނގުރާމަ ކުރާ ކާފަރެއް ނޫންނަމަ، އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ތަކެތީގެ މަސް ހަދިޔާ ކުރުމަކީ އެންމެ ރަގަޅު ކަމެކެވެ. ނަމަވެސް މުސްލިމުންނާއި ހަނގުރާމަ ކުރާ ކާފަރަކަށް ހަދިޔާ ކުރުމެއް ނެތެވެ. ސޫރަތުލް މުމްތަޙިނާގެ 8-9 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لَّا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِ‌جُوكُم مِّن دِيَارِ‌كُمْ أَن تَبَرُّ‌وهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴿٨﴾ إِنَّمَا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَ‌جُوكُم مِّن دِيَارِ‌كُمْ وَظَاهَرُ‌وا عَلَىٰ إِخْرَ‌اجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُولَـٰئِكَ هُمُ الظَّالِمُونَ) މާނައަކީ: " ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. اللَّه، ތިޔަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ دين އާހުރެ ތިޔަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިޔަބައިމީހުންގެ ގޮވަތިގެދޮރުން ތިޔަބައިމީހުން ނެރެލައި، އަދި ތިޔަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ. އެއުރެންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ." والله أعلم. 

އުޟްޙިޔާގެ ހަންގަނޑު ވިއްކާފައި ލިބޭ ފައިސާ އިން ޞަދަގާތް ކުރުން

އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ޖަނަވާރުގެ ހަންގަނޑު ވިއްކާލުމަކީ ކޮންކަހަލަ ކަމެއްތޯ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އުޟްޙިޔާގެ ގޮތުގައި ކަތިލެވުނު ޖަނަވާރުގެ އެއްވެސް އެއްޗެއް ވިޔަފާރީގެ ގޮތުގައި ބޭނުން ކުރެވިގެން ނުވާނެއެވެ. ސަބަބަކީ އެޖަނަވާރު ކަތިލެވިފައިވަނީ ﷲ ގެ ވަޖްހުފުޅަށް ޓަކައެވެ. އެހެންކަމުން، އެއިން އެއްވެސް ބަދަލެއް ހޯދައިގެން ނުވާނެއެވެ. روى البخاري (1717) ومسلم (1317) واللفظ له عَنْ عَلِيٍّ رضي الله عنه قَالَ : أَمَرَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ أَقُومَ عَلَى بُدْنِهِ وَأَنْ أَتَصَدَّقَ بِلَحْمِهَا وَجُلُودِهَا وَأَجِلَّتِهَا وَأَنْ لَا أُعْطِيَ الْجَزَّارَ مِنْهَا . قَالَ : نَحْنُ نُعْطِيهِ مِنْ عِنْدِنَا ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަލީގެ ކިބައިން އިމާމް ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ރިވާޔަތެއްގައިވެއެވެ. ޢަލިގެފާނު ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުޟްޙިޔާގެ ކަންތައްތައް ބެލެހެއްޓުމަށް ތިމަން ކަލޭގެފާނަށް އަށް އަމުރު ކުރެއްވިއެވެ. އަދި އޭގެ މަހާއި ހަންގަނޑު  ޞަދަގާތް ކުރުމަށް އަމުރު ކުރެއްވިއެވެ. އަދި ކަތިލާ މީހާ އަށް އެއިން ބައެއް ނުދިނުމަށްވެސް އަމުރު ކުރެއްވިއެވެ. ޢަލީގެފާނު ވިދާޅުވިއެވެ. ކަތިލާމީހާ އަށް އެއްޗެއް ދީ އުޅެނީ ތިމަންމެން އަމިއްލަ އަށެވެ." އެބަހީ އުޟްޙިޔާ އިން ބޭރުންނެވެ. والله أعلم.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!