Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދުނިޔޭގެ ފެންވަރުގެ ޤުރުއާން މުބާރާތެއްގައި 9 އަހަރުގެ އަބްދުﷲ ސެމީ ފައިނަލަށް!

ދުނިޔޭގެ ފެންވަރުގެ ޤުރުއާން މުބާރާތެއްގައި 9 އަހަރުގެ އަބްދުﷲ ސެމީ ފައިނަލަށް!
"މަރިޔަމް މަސްއޫދު އެންޑް އައިސީއެފް އިންޓަރނޭޝަނަލް ޤުރުއާން މުބާރާތް" ނަމުގައި ކުރިއަށް ދާ އޮންލައިން ޤުރުއާން މުބާރާތެއްގައި ރާއްޖެއިން ބައިވެރިވި އުމުރުން 9 އަހަރުގެ އަބްދުﷲ ބިން އާސިފް، އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ. މަރިޔަމް މަސްއޫދު ފޭސްބުކު ޕޭޖުގައި އާންމު ކޮށްފައިވާ ޕޯސްޓެއްގައި ސެމީ ފައިނަލަށް ދަތުރު ކުރި 10 ބައިވެރިންގެ ނަން ހާމަކޮށްފައިވާ އިރު، އަބްދުﷲއަކީ ރާއްޖެއިން އެ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ހަމަ އެކަނި ދަރިވަރެވެ. އެ ލިސްޓުގައި އެމެރިކާ، ދުބާއީ، ކެނެޑާ، އިންޑިއާ އަދި ނިއުޒިލޭންޑުގެ ދަރިވަރުން ވެސް ވަނީ ހިމެނިފައެވެ. އަބްދުﷲގެ މަންމަ އާމިނަތު ހުދާ އަލީ "ދެން"އަށް މައުލޫމާތު ދެމުން ބުނީ، އަބްދުﷲއަކީ އެންމެ ކުޑަކުޑަ އިރުން ފެށިގެން ވެސް ވަރަށް ތޫނުފިލި ކުއްޖެއް ކަމަށާއި ޢަބްދުﷲ ޤުރުއާން ދަސްކުރަން ފެށީ އޭނާގެ ގާތުން ކަމަށެވެ. އެހެން ނަމަވެސް މިހާރު އަލްގާރީ އަބްދުއްރަހުމާން ހިންގާ އޮންލައިން ގުރުއާން ކުލާހެއްގައި ބައިވެރިވެ ގުރުއާން އުނގެނުމުގެ މަސައްކަތް ކުރާތާ ދެ މަސް ވެއްޖެ ކަމުގައި ވެސް އަބްދުﷲ މަންމަ ފާހަގަ ކުރިއެވެ. މުބާރާތުގައި އަންހެން އަދި ފިރިހެން ބައިވެރިންގެ ކިޔެވުން އިންސާފު ކުރެވެމުން އަންނަނީ ވަކިންނެވެ. އެގޮތުން އަބްދުﷲއަކީ 4 އަހަރާއި 9 އަހަރާ ދެމެދު ނުބަލާ ކިޔުމުގެ ބައިގެ ފިރިހެން ކުދިންގެ ތެރެއިން ގަދަ 10 ގައި ހިމެނުނު ރާއްޖެއަށް ނިސްބަތްވާ ހަމައެކަނި ކުއްޖާއެވެ. އަބްދުﷲގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ ދެ އަންހެން ކޮއްކޮއިން ވެސް ވަނީ އެ މުބާރާތުގައި ބައިވެރިވެ ކިޔެވުން ހުށަހަޅައިފައެވެ. އެހެން ނަމަވެސް އަދި އެ ބައިގެ ނަތީޖާ ނުލިބޭ ކަމަށާއި ނަތީޖާ ލިބޭނެ ކަމަށް މައުލޫމާތު ލިބިފައި ވަނީ މި ހިނގާ ޖުލައި މަހުގެ 12 ދުވަހު ކަމަށް އަބްދުﷲ މަންމަ ފާހަގަ ކުރިއެވެ. އެ ދެ ދަރިންގެ ތެރެއިން ކޮންމެވެސް އެއް ދަރިއެއް ސެމީގައި ހިމެނުމަކީ ހުދާ ކުރާ ވަރަށް ބޮޑު އުއްމީދެކެވެ.
އަޅުގަނޑު ވަރަށް ފަޚުރުވެރިވޭ ރާއްޖެއިން އަބްދުﷲ އެކަނި އެހާ ހިސާބަށް ދިޔައީމަ. އަބްދުﷲ ބައްޕަ ވެސް އަދި އާއިލާގެ އެހެން މީހުން ވެސް ހަމަ ވަރަށް އުފާވެފަ ތިބީ. އަބްދުﷲއަށް އެ ޗާންސް ލިބުނީމަ އަދި މާ އުފާވޭ
މި މުބާރާތުގައި ކޮންމެ ކެޓެގަރީއަކަށް ވެސް 200 ކުދިންނަށް ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލިއެވެ. އެހެން ނަމަވެސް ބައިވެރިވީ ކިހާ ދަރިވަރުން ކަމެއް ޔަގީންކަމާ އެކު އެނގޭކަށް ނެތެވެ. [caption id="attachment_102641" align="alignnone" width="690"] އަބްދުﷲ ބިން އާސިފް ޤުރުއާން ކިޔަވަނީ[/caption] ސެމީ ފައިނަލަށް ދަތުރު ކުރި އަބްދުﷲގެ ކިޔެވުން އެންމެ ފުރަތަމަ ފޮނުވީ ރިކޯޑު ކޮށްގެންނެވެ. އެހެން ނަމަވެސް ސެމީ ފައިނަލަށް ދަތުރު ކުރެވުމާ އެކު ދެން ކިޔެވުން އޮންނާނީ ލައިވްކޮށެވެ. ސެމީ ފައިނަލްގައި އަބްދުﷲ ކިޔަވަން ހަމަ ޖެހިފައިވަނީ މާދަމާގެ ރޭގަނޑު 9:00 ގައެވެ. މަރިޔަމް މަސްއޫދު ފޭސްބުކު ޕޭޖުން މި ކިޔެވުންތައް ލައިވް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ބައިނަލްއަގުވާމީ ފެންވަރުގެ ޤުރުއާން މުބާރާތެއްގައި ބައިވެރިވެ ސެމީ ފައިނަލާ ހިސާބަށް ދަތުރުކުރި އަބްދުﷲ ބިން އާސިފްގެ މި ކާމިޔާބީއަށް މުޅި ގައުމު ފަޚުރުވެރިވެއެވެ. ދުޢާއަކީ ސެމީ ފައިނަލްގައި ކިޔަވާ މުބާރާތުން ރަން ވަނައެއް އަބްދުﷲ ބިން އާސިފަށް ލިބުމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް