ދުނިޔެ

ޓްރިވެންޑްރަމުން ޒިކާ ވައިރަސް ފެނި، ބިރުވެރިކަމެއްގެ ތެރެއަށް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އަވައްޓެރި އިންޑިއާގެ ޓްރިވެންޑްރަމްގައި ޒިކާ ވައިރަސްގެ ވޭދަނަތަކެއް ފެނި އިންޑިއާގެ ކެރެލާ ސްޓޭޓްގެ ހުރިހާ ޑިސްޓްރިކްޓެއް ސަމާލުކަމަށް ގެނެސްފިއެވެ.

Ads by Sosun Fihaara

ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކެރެލާގެ ހުރިހާ ޑިސްޓްރިކްޓެއް ވެސް ސަމާލުކަމަށް ގެނެސްފައި ވަނީ ޓްރިވެންޑްރަމުން ޒިކާ ވައިރަސްގެ 15 ވޭދަނައެއް ފެނުމުންނެވެ. ކެރެލާ ސްޓޭޓް ހެލްތު މިނިސްޓަރު، ވީނާ ޖޯޖް ވަނީ، ޓްރިވެންޑްރަމުން ޒިކާ ވައިރަސްގެ ވޭދަނަތަކެއް ފެނިފައިވާކަން މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ.

2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގައި ވެސް އިންޑިއާގެ ގުޖުރާތު ސްޓޭޓުގައި ޒިކާ ވައިރަސްގެ ބަލިމަޑުކަމެއް ވަނީ ފެތުރިފައެވެ.

އާންމު ގޮތެއްގައި މަދިރީގެ ފަރާތުން ޖެހޭ މި ވައިރަހަކީ، ތުއްތު ކުދިންގެ ސިކުނޑީގެ ހެދިބޮޑުވުމަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރާ ވަރަށް ނުރައްކާތެރި ވައިރަހެކެވެ. އަދި މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ އޮޓޯއިމިއުން ޑިޒީޒްއަކަށް ވެސް މި ބަލި ޖެހުމުން މަގުފަހިވެއެވެ.

ޒިކާ ވައިރަހަކީ މަދިރީގެ ޒަރިއްޔާއިން އެކަނި ފެތުރޭ ބައްޔެއް ނޫނެވެ. މިއީ ޖިންސީ ގުޅުމުގެ ޒަރިއްޔާއިން ވެސް ފެތުރޭ ބައްޔެކެވެ.

ޓްރިވެންޑްރަމުން މި ވައިރަސްގެ ވޭދަނަތައް ފެނިފައިވަނީ ސިއްހީ ހިދުމަތްތެރިންގެ ކިބައިންނެވެ. ވަޒީރު ވީނާ ވިދާޅުވީ، އެންމެ ފުރަތަމަ ވޭދަނައެއް ފެނުނީ 24 އަހަރުގެ މާބަނޑު އަންހެނެއްގެ ފަރާތުން ކަމަށާއި، އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. އަދި އޭނާ ވިހައިފައި ވަނީ ވެސް އާންމު ޑެލިވަރީއަކުން ކަމަށާއި އޭނާ އެ ސްޓޭޓުން ބޭރަށް ދަތުރު ކޮށްފައި ނުވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވާ ވީނާ ވިދާޅުވީ، މި ބައްޔަކީ މަދިރީގެ ފަރާތުން ފެތުރޭ ބައްޔަކަށް ވުމާ އެކު މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށް ވާތީ މަދިރި އުފެދި އާލާވާނޭ ފަދަ ތަންތަން ބަލާ އެތަންތަން ރައްކާތެރިކުރުން މުހިންމު ކަމަށެވެ.

ޒިކާ ވައިރަހަށް ފައްސިވާ ފަރާތްތަކަށް ދޭނެ ބޭހެއް އަދި ހޯދިފައެއް ނެތެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!