ކޮވިޑާ ގުޅިގެން އެނދުމަތިކޮށް ފަރުވާ ހޯދާ މީހުން ފައިސާ ދައްކާކަށް ނުޖެހޭނެ!

ކޮވިޑް-19އާ ގުޅިގެން އެނދުމަތިކޮށް ފަރުވާ ހޯދާ ދިވެހީން އަދި ބިދޭސީން ވެސް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފިއެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން މިހެން ބުނެފައި މިވަނީ ކޮވިޑް-19 ޖެހިގެން ހާލު ދެރަވި ބިދޭސީ މީހެއްގެ ބިލު އައިޖީއެމްއެޗުން މާފުކޮށްދީފައިވާކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނިކޮށެވެ. އެ މީހާގެ ބިލު މާފުކޮށްދީފައި ވާތީ ، ދިވެހީންގެ ބިލު މާފު ނުކޮށްދޭނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔައި ކަންބޮޑުވުން ވެސް ފާޅު ކޮށްފައެވެ.
އެކަމާ ގުޅިގެން އައިޖީއެމްއެޗުން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކޮވިޑާ ގުޅިގެން އެނދުމަތިކުުރެވިފައިވާ ބިދޭސީއެއްގެ ބިލަށް އެރި ފައިސާ މާފުކޮށްދީފައިވާ ކަމަށް މީސްމީޑިއާގައި ވާހަކަ ފެތުރެމުންދާތީ، ކޮވިޑާ ގުޅިގެން އެނދުމަތިކޮށް ފަރުވާ ދޭ ދިވެހީން އަދި ބިދޭސީން ވެސް ފައިސާ ދައްކަން ނުޖެހޭނެކަމަށް ދަންނަވާ ކަމުގައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ހޮސްޕިޓަލުތަކުގައި ކޮވިޑް ޖެހިގެން ފަރުވާ ދެމުން ދަނީ 22 މީހަކަށެވެ.