ރާއްޖޭ ކުޅިވަރު

ޓީމް މޮޖީޓޯ އޮތީ ދޫކުރާ ގޮތަކަށް ނޫން، އަމާޒަކީ ކުރިއަށް އޮތް ތިން އަހަރު ވެސް ތަށި!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

1442ވަނަ އަހަރުގެ އަޟްހާ އީދާ ދިމާކޮށް ނ.މާފަރު ކައުންސިލާއި ދި އައިލެންޑް ސްޕޯޓްސް އެކަޑަމީއާ ގުޅިގެން ބާއްވާ އަޟްހާ އީދު ކަޕްގައި ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށްވާ ހުސައިން ރައްޒާން އަދި އާދަމް ފައިރޫޒްއާ އެކު ޓީމް މޮޖީޓޯ އޮތީ ވަރަށް ވަރުގަދަކޮށް ކަމަށް އެ ޓީމުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ޖުމުލަ 9 ކުޅުންތެރިންނާއެކު މި މުބާރާތަށް ނުކުންނަ މޮޖީޓޯ ޓީމުގައި ޒުވާން، ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ހިމެެނެއެވެ. އެ ގޮތުން ރަށު ފެންވަރުގައި ފާހަގަކޮށްލެވޭ އެންމެ މޮޅު ދެ ސެޓަރުން ކަމަށްވާ މުސްލިމް މުހައްމަދާއި މުހައްމަދު އަލީ ވެސް ޓީމު މޮޖީޓޯގައި ހިމެނެއެވެ.

މީގެ އިތުރުން، ބީޗް ވޮލީ ގައުމީ ޓީމުގައި މީގެ ކުރިން ހިމެނުނު މާފަރަށް ނިސްބަތްވާ އަފްޒަލް އިބްރާހިމް (ޖޭޖޭ) ވެސް މި ޓީމުގައި ހިމެނެއެވެ. އަދި މާފަރުގެ ފާހަގަކޮށްލެވޭ ކުޅުންތެރިން ކަމަށްވާ އަހްމަދު ހަބީބު ކެޕްޓަނެއްގެ ގޮތުގައި މިފަހަރު މޮޖީޓޯގެ ޓީމުން ފެންނާނެއެވެ.

މިފަހަރުގެ މުބާރާތަށް މޮޖީޓޯގެ ޓީމު ނުކުންނަނީ ޒުވާން ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. ޒުވާން ކޯޗެއްގެ ދަށުން އެކުލަވައިލައިފައިވާ މި ޓީމުގައި ޒުވާން ކުޅުންތެރިން ވެސް ހިމެނެއެވެ. އެގޮތުން ސާމިހް މުސްތަފާ (ސާމިހްޓޭ)އަކީ މާފަރުގައި މިހާރު އަރަމުން އަންނަ އުއްމީދީ ކުޅުންތެރިއެކެވެ.އަދި މި މުބާރާތުގައި ކުޅޭ އެންމެ ޒުވާންް ކުޅުންތެރިޔާއަކީ ވެސް އޭނާއެވެ. އަދި ރިސޯޓު ފެންވަރުގައި ކުރިން ކުޅެފައިވާ އަހްމަދު ފަލާހް (ޗަނަ) ވެސް މޮޖީޓޯ ޓީމުން މިފަހަރު ފެންނާނެއެވެ. އަދި ވޮލީގެ އާއިލާއަކަށް ނިސްބަތްވާ ޖޭޖޭގެ ބޭބެ އަބްދުލް އަލީމް (ލިއްޗޭ) ވެސް މޮޖީޓޯ ޓީމުން މިފަހަރު ފެންނާނެއެވެ.

“ދެން”އާ ވާހަކަ ދައްކަމުން މޮޖީޓޯ ޓީމުގެ ކެޕްޓަން ހަބީ ބުނީ މާފަރުގައި ވޮލީ އެހެން ލެވެލަކަށް ގެންދިޔަ ޓީމަކީ މޮޖީޓޯ ކަމަށެވެ.

ލޮލުން ނުރުއިއްޔާ ނޯޝުން ރޮއްވައިލައިގެން ވެސް މިފަހަރު ތަށި އަތުލާނަން!

ހަބީބު (ކެޕްޓަން)

މި އަހަރުގެ މުބާރާތަށް މާފަރުގެ ގިނަ ޓީމުތަކަކުން ތައްޔާރުވަމުން އަންނައިރު މުބާރާތަށް ރަށުން ބޭރު ކުޅުންތެރިން ގެންނަން ފުރަތަމަ ނިންމީ، އަދި މުބާރާތަށް އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ވެސް ޓީމު މޮޖީޓޯއިން ކަމަށް އެ ޓީމުން ބުނެއެވެ.

ހަބީ ބުނީ ޓީމުގެ އަމާޒަކީ މި އަހަރުގެ ތަށި އަދި ކުރިއަށް އޮތް ތިން އަހަރުގެ ތަށި ވެސް ކާމިޔާބު ކުރުން ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމަށް 3 ޓީމަކުން މިހާރު ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓީމް އެމްވައިއޭގެ އިތުރުން، މުޖީޓޯ އަދި ކޭންކޭންއެވެ. މި މުބާރާތަށް ތައްޔާރު ވުމަށް ޓަކައި ހުރިހައި ޓީމަކުން ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި މުބާރާތުގައި ގައުމީ ފެންވަރުގެ މޮޅު ކުޅުންތެރިން ފެންނާނެ ކަމަށް މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނެއެވެ.

މި މުބާރާތަކީ ޗެމްޕިއަން ޓީމަށް 5000 ރުފިޔާއަށްވުރެ މަދުނޫން އަދަދެއް ދޭގޮތަށް އިޢުލާންކޮށްފައިވާ މުބާރާތެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!