ޤައުމީ ސާފިންގ ޗެންޕިއަންޝިޕް 2025 ނިންމާލައިފި
ޤައުމީ ސާފިންގ ޗެންޕިއަންޝިޕް 2025 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ރާއްޖޭގެ ސާފިންގ އެސޯސިއޭޝަންއިން 4 ކެޓަގަރީއަކުން ވާދަކުރެވޭ ގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޝޯޓް ބޯޑު އިވެންޓްގެ ޖޫނިއަރ 18 އަހަރުން ދަށުގެ ފިރިހެން ބައިން ޗެންޕިއަންކަން ހޯދީ ޔާސީން އަޙްމަދު ނާޝިދެވެ.
ޔާސީން ވަނީ މި އުމުރުފުރާއިން ދެވަނަ ލިބުނު އިނާން އަބްދުލް ހަންނާންއާ ވާދަކޮށް 13.67 ޕޮއިންޓް ހޯދާފައެވެ. މި އިވެންޓުގެ ތިންވަނަ ހޯދާފައި ވަނީ އަޙްމަދު ލުޒައިން އަދި ކަޔާން ޢަބްދުﷲ އަރީފެވެ.
މުބާރާތުގެ ޖޫނިއަރ 16 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ބައިން ޗެންޕިއަންކަން ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީއެވެ. ޔޫސުފް ކަޔާން ވަނީ ފައިނަލްގައި ކަޔާން ޢަބްދުﷲއާ ވާދަކޮށް 13.97 ޕޮއިންޓް ހޯދާފައެވެ. މި އުމުރުފުރާއިން ތިންވަނަ ހޯދީ ޔާސީން އަޙްމަދާއި ނޫހް މުޙައްމަދު ދުނެއިމް އިރުޝާދެވެ.
ޖޫނިއަރ 14 އަހަރުންދަށުގެ އުމުރުފުރާގެ ފިރިހެން ބައިން ޗެންޕިއަންކަން ހޯދީ ޙުސެއިން އަޒާން އިސްމާޢީލެވެ. ފައިނަލްގައި އަޙްމަދު އާލް އާދިލްއާ ވާދަކޮށް 4.43 ޕޮއިންޓް އަޒާން ވަނީ ހޯދާފައެވެ. މި ބައިން ތިންވަނަ ހޯދާފައި ވަނީ ޢަބްދުﷲ ވަސީއު އަޙްމަދާއި ޝައްފާން އަޙްމަދެވެ.
މި މުބާރާތުގެ 18 އަހަރުން ދަށުގެ އަންހެން ބައިން ޗެންޕިއަންކަން ހޯދާފައި ވަނީ 10.23 ޕޮއިންޓް ހޯދައިގެން އާލިޔާ ލަތީފެވެ. އަދި މި އުމުރުފުރާގެ ދެވަނަ ޢާއިޝަތު ތާރާ ވާސިފް ހޯދިއިރު ތިންވަނަ ހޯދީ އަލައިކާ ޢަބްދުލް އަލީމެވެ. މަރިޔަމް ޒޯހާ މާދިހު އޮތީ ހަތަރުވަނައިގައެވެ.
ޖޫނިއަރ ސާފިން ޗެންޕިއަންޝިޕް މުބާރާތުގައި 6 ރަށަކުން ޖުމްލަ 36 ބައިވެރިން ވާދަކޮށްފައިވާކަމަށް ސާފިންގ އެސޯސިއޭޝަނުން ބުނެފައިވެއެވެ.

