ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން އާރުއާރުސީ ހޯދައިފި
ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ޗެމްޕިއަންކަން ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ކާމިޔާބުކޮށްފިއެވެ.
އާރުއާރުސީ ޗެމްޕިއަންކަން ހޯދީ ރޭ ހުޅުމާލޭ ރެހެންދި ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި 7-5 ގެ ނަތީޖާއަކުން އެސްޓީއޯ ރެކްރިއޭޝަން ކްލަބް ބަލިކޮށްގެންނެވެ.
މި މެޗްގެ ވަރަށް ކުރީކޮޅުގައި އާރްޑީސީއިން ވަނީ ލީޑް ނަގައިފައެވެ. މެޗްގެ 9ވަނަ މިނެޓްގައި މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ ޝާމިސް (ތޮއްޕެ)އެވެ. އަދި މެޗް ނިމެން ދެމިނެޓަށްވެފައި ވަނިކޮށް ތޮއްޕެ ޖެހި ރީތި ގޯލާއެކު ހާފްޓައިމްގެ ކުރިން އެސްޓީއޯގެ ހޮދަދާދީ ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްދީފައެވެ.ނަމަވެސް ދެވަނަ ހާފް ފަށައިގެން 5 މިނެޓް ތެރޭގައި އާރްއާރްސީއިން ވަނީ އަނެއްކާ ވެސް ގޯލެއް ޖަހައި ޗެމްޕިއަންގެ އުއްމީދު އާކޮށްފައެވެ. ކީޕަރު އެއްލި ބޯޅަ އެސްޓީއޯ ކީޕަރުގެ ބޯމަތިން އެއްލައި މި ގޯލް ކާމިޔާބުކޮށްދިނީ އިރާންގެ މޮހޮސިންއެވެ. އޭގެ ތިން މިނެޓް ފަހުން އެސްޓީއޯގެ އިސްމާޢީލް އީސާ ވަނީ ގޯލެއް ކާމިޔާބުކޮށް 3-2އަށް ނަތީޖާ ބަދަލުކޮށްލައިފައެވެ. ނަމަވެސް އާދަންނާގެ ގޯލްއަކާއި އަފްލާޒްގެ ދެގޯލް އަދި އެސްޓީއޯގެ ކީޕަރ ޒުހަލް އަތުން ބައިކޮޅަށް ވަތްގޯލާ އެކު ފަސް ގޯލްގެ ލީޑެއް ނަގައި އާރްއާއާރްސީ ވަނީ ޗެމްޕިއަންކަން ޔަގީންކޮށްފައެވެ. އޭގެ ފަހުން ނަތީޖާ ފަރަގު ކުޑަކޮށްދިނީ އެސްޓީއޯގެ މުޙައްމަދު އިމްރާންއާއި ޢަލީ ހޮދަދާދީއެވެ.
މި މުބާރާތުގެ ކިންގްގެ މަގާމު ހޯދީ އާރްއާރްސީގެ އަޙްމަދު އަފްލާޒެވެ. އޭނާގެ އިތުރުން މޮޅު ފަސްކުޅުންތެރިންގެ ތެރޭގައި ހިމެނުނީ އެ ޓީމުގެ އިބްރާހީމް އަސްވަދު އަދި ކީޕަރ މުޙައްމަދު ލުފްޝާނެވެ. ދެން ހިމެނެނީ އެސްޓީއޯގެ ޢަލީ ހައިޝަމްއާއި ހޮދަދާދީއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އާރްއާރްސީގެ ކޯޗް އިސްމާޢީލް ޝަރީފެވެ. ފެއަރޕްލޭ ޓީމަކީ އެސްޓީއޯއެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް މޯލްޑިވިއަންގެ މުޙައްމަދު ޢަބްދުﷲ ހޯދިއިރު ފެއަރޕްލޭ ކުޅުންތެރިޔާގެ މަގާމު ހޯދީ އެ ޓީމްގެ އިބްރާހީމް ނަދާދުއެވެ.
އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ގެންދިޔައީ ނުވަ ގޯލް ޖެހި އާރްއާރްސީގެ އާދަންނާއާއި ޝަނާން ރަޝާދެވެ.
އާރްއާރްސީއިން ވަނީ މިދިޔަ އަހަރު ވެސް މި މުބާރާތުގެ ފައިނަލްގައި ކުޅެފައެވެ. ނަމަވެސް އާރްއާރްސީ ފަސޭހަކަމާ އެކު ބަލިކޮށް މިދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދީ މި އަހަރު ރަނގަޅު ނަތީޖާއެއް ނުނެރެވި ރައުންޑް އޮފް16ގައި މުބާރާތާ ވަކިވާން ޖެެހުނު ވެމްކޯއެވެ.
