ޚަބަރު

ވެލިދޫ އަޟްހާ އީދުގެ ކުރިން މިލަދުއާއި ވެލިދޫ މޮނިޓަރިންއިން ނެގޭނެ ކަމުގެ އުއްމީދުގައި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19ގެ ވޭދަނަތަކާ ގުޅިގެން މޮނިޓަރިންގައި މިހާރު އޮތް މަދު ރަށްތަކުގެ ތެރެއިން ނ.އަތޮޅުގައި އޮތީ ވެލިދޫއާއި މިލަދޫއެވެ.

Ads by Sosun Fihaara

މި ދެ ރަށް ވެސް މޮނިޓަރިންގެ ހާލަތުން ބޮޑު އީދުގެ ކުރިން ނެގުމަކީ އެ ރަށްރަށުގެ ރައްޔިތުން ކުރާނެ އުއްމީދެކެވެ. އަދި ޚާއްސަކޮށް ދަތުރުކުރުމުގައި ލުއިތަކެއް ދެވިފައިވާތީ އެކަމަށް ޓަކައި މާލޭގައި ތިބި އެރަށުގެ ރައްޔިތުން މާ ބޮޑަށް އެދޭނެއެވެ.

“ދެން”އާ ވާހަކަ ދައްކަވަމުން ނ.މިލަދޫ ކައުންސިލްގެ ރައީސް އަބްދުލްމަޖީދު މުހައްމަދު ވިދާޅުވީ ބޮޑު އީދުގެ ކުރިން އެ ރަށް މޮނިޓަރިން ހާލަތުން ނެގޭނެ ކަމަށެވެ. އެގޮތުން މިހާރު އެ ރަށުގައި ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ އެކެއް ކަމަށް ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ރަށް މިހާރު ވެސް އޮތީ އާންމު ހާލަތެއްގައި ކަމަށެވެ.

މިހާރު ތަރުތީބެއް ނެތި ގިނަ ސުންކުތަކެއް ނެގިފައިވާ ކަމަށާއި މިހާރު އެ މަޑުކުރަނީ ސުންކުތަކުގެ ނަތީޖާ ލިބެންދެން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. މެއި މަހުގެ 15ވަނަ ދުވަހުން ފަށައިގެން މޮނިޓަރިންގައި އޮތް މިލަދޫން 105 މީހަކު ޖުމުލަ ފައްސިވިއެވެ. އޭގެ ތެރެއިން 104 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ނ.ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސައިން “ދެން”އަށް ވިދާޅުވީ މި ހަފްތާ ތެރޭގައި އެ ރަށް ވެސް މޮނިޓަރިން ހާލަތުން ނެގޭނެ ކަމަށެވެ.

އެރަށުގައި މިހާރު ހަރަކާތްތެރި ވޭދަނައިގެ އަދަދަކީ ހައެކެވެ. އަދި މިހާރު 170 ސުންކު ތަރުތީބެއްނެތި ނަގަމުންދާ ކަމަށާއި މި ހަފްތާގައި ރަށް ، މޮނިޓަރިންއިން ނެގޭނެކަމަށް އުއްމީދު ކުރާ ކަމަށެވެ.

އެ ރަށުން ޖުމުލަ 33 މީހުން ފައްސިވީއިރު 27 މީހަކު އެރަށުން މިހާރު ބަލިން ފަސޭހަވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!