ޚަބަރު

ރައީސް ނަޝީދުގެ ފަޅިން މާރިޔާއަށް ތުހުމަތު ކުރައްވަނިކޮށް އައްބާސް މާރިޔާއާ ބައްދަލު ކުރައްވައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ ތަހުގީގު ގާތުން ބެއްލެވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި ޢައްޔަން ކުރެއްވި މިސްޓަރ އައްބާސް ފާއިޒް، ޑިފެންސް މިނިސްޓަރ މާރިޔާ ދީދީއާ ބައްދަލުކުރައްވައިފިއެވެ.

Ads by STELCO

މާރިޔާއާއި އައްބާސް ބައްދަލު ކުރައްވައިފައި މިވަނީ މެއި ހައެއްގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ސަޕޯޓަރުން މިނިސްޓަރ މާރިޔާއަށް ތުހުމަތު ކުރައްވަމުން އަންނަ ދުވަސްވަރެއްގައެވެ.

އައްބާސްއާއި މާރިޔާ ބައްދަލު ކުރެއްވިކަން ޑިފެންސް މިނިސްޓްރީން ހާމަކުރި ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މި މަހުގެ 2 ވަނަ ދުވަހު ރާއްޖެ ވަޑައިގެން އައްބާސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، މައްސަލަ ތަހުގީގު ކުރުމަށް އެމްޑީޕީއިން އެކުލަވައިލައިފައިވާ ކޮމިޓީ އަދި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާ ވެސް ބައްދަލު ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެންމެހައި ތަހުގީޤެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުުން ވަނީ ވިދާޅުވެފައެވެ. އަދި، އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ތައްޔާރުކުރައްވާނެ ކަމަށް ވެސް ވިދާޅުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!