ޓިކްޓޮކުން ޤައުމީވަންތަކަން ދައްކައިގެން 15،000 ރުފިޔާ ހޯދުމުގެ ރަނުގެ ފުރުސަތެއް!

ޤައުމީވަންތަ ޓިކްޓޮކެއް ކުޅެލައިގެން 15،000 ރުފިޔާ ހޯދުމުގެ ރަނުގެ ފުރުސަތެއް ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއިން ހުޅުވައިލައިފިއެވެ.
"މިނިވަން އުފާ ޓިކްޓޮކް މުބާރާތް 2021" ގެ ނަމުގައި ހޯމް މިނިސްޓްރީއާއި ރާއްޖޭގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ)، މުޙައްމަދު ނަޝީދު އަދި އައިމަން ގުޅިގެން ރޭ ވަނީ ޓެލެތޯންއެއް އިފްތިތާހު ކޮށްފައެވެ.
މި މުބާރާތާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން އަމްޖޭ ބުނީ މިއީ މި ދާއިރާއަށް އިތުރު ފަންނާނުން ތައާރަފްކުރުމުގެ ވިސްނުމުގައި ހުޅުވައިލި ފުރުސަތެއް ކަމަށެވެ.

"ގިނަ ފަންނާނުންނަކީ ތައާރަފްވާނެ އެއްޗެސް ޕްލެޓްފޯމެއް ނޭނގިފަައި ތިބި މީހުން. ޚާއްސަކޮށް ރަށްރަށުގައި މޮޅު ޓެލެންޓު ހުރި ވަރަށް ގިނަ މީހުން އެބަތިބި، އެކަމަކު އެމީހުންނަށް މި ފަންނުގެ ތެރެއަށް އަންނާނެ ދިމާ ނޭނގެނީ. އަޅުގަނޑު ދެކޭ ގޮތުގައި ޓިކްޓޮކްއަކީ ފިލްމީދާއިރާއާއި މި ފަންނުވެރިކަން ދިރުވަން އެންމެ ރަނގަޅު ޕްލެޓްފޯމް" އަމްޖޭ ބުންޏެވެ.
މާދަމާއިން ފެށިގެން މި މުބާރާތް ހުޅުވޭއިރު މި މުބާރާތުގެ ޖަޖުންގެ ގޮތުގައި ތިބީ މިހާރު މި ދާއިރާގައި އެންމެ ފުންނާބު އުސް ތިން ފަންނާނުން ކަމަށްވާ ނިއުމާ މުޙައްމަދު، ޝީލާ ނަޖީބު އަދި ރަވީ ފާރޫޤްއެވެ.
އެއްވަނަ އަށް އަންނަ ފަރާތަކަށް 15،000 ރުފިޔާ ލިބިގެންދާއިރު، އެންމެ މޮޅު 10 ޓިކްޓޮކް ވެސް ނަގައެވެ. އެ ޓިކްޓޮކްތައް ކުޅޭ ކޮންމެ ކުއްޖަކަށް ދެނީ 1000 ރުފިޔާ ކަމަށް ވެސް އަމްޖޭ ބުންޏެވެ.
"މި މުބާރާތުގެ އެންމެ ބޮޑު މަޤްސަދަކީ މިވަގުތު އަޅުގަނޑުމެން ތިބި ހާލަތު (މީހުންގެ ހިތްތަކަށް ވަދެފައިވާ ނަފްސާނީ ބިރުވެރިކަން)، އެކަންކަމުން އެކަހެރިކޮށް އުފާވެރިކަން ގެނައުން" އަމްޖޭ ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޤައުމީވަންތަ ލަވައެއް ނުވަތަ ކުޑަ ޑްރާމާކޮޅެއް ވެސް ކުޅެފައި ފޮނުވިދާނެ ކަމަށް އަމްޖޭ ބުންޏެވެ. ނަމަވެސް އެ ވީޑިއޯގައި ލައިގެން ހުންނަން ވާނީ ސަގާފީ ހެދުމެއް ކަމަށް ވެސް ބުންޏެވެ. ޑްރާމާގައި ކުރިން ހިނގާފައިވާ ތާރީޚީ ވާހަކަކޮޅެއް ވެސް ހިމެނިދާނެ ކަމަށާއި ނަމަވެސް ޑަޔަލޮގްތައް ހުންނަން ވާނީ އެ ޒަމާނުގައި މީހުން ވާހަކަ ދައްކާ އުޅުނު ގޮތަށް ކަމަށް ވެސް އަމްޖޭ ބުންޏެވެ.
މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތަށް ވީޑިއޯ ފޮނުވާނީ 9883088/9975507 މި ދެ ނަންބަރުގެ ތެރެއިން ނަންބަރަކަށެވެ. މުބާރާތަށް ހުށަހަޅާ ޓިކްޓޮކް ޓީވީއެމްއިން ދައްކާނެއެވެ.
މޮޔަވެބަލަ އެހެންޔާފަހެ