ޚަބަރު

އެލަވަންސާ ގުޅޭގޮތުން ޞިއްހީ ހިދުމަތްތެރީންގެ ކަންބޮޑުވުންތައް، ފިނޭންސް މިނިސްޓަރަށް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފްރޮންޓްލައިން އެލަވަންސްއާ ގުޅޭ ގޮތުން ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުން މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ)އިން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރަށް ސިޓީއަކުން ހުށައަޅައިފިއެވެ.

Ads by STELCO

އެމްއެޗްޕީޔޫއިން ފިނޭންސް މިނިސްޓަރަށް ފޮނުވި ސިޓީގައި ، ހެލްތް ސެކްޓަރގެ 23 ގިންތިއަކަށް ނިސްބަތްވާ ޓެކްނިކަލް މުއައްޒަފުން މަސައްކަތް ކުރަމުން ދަނީ އިދާރީ އޮނިގަނޑެއްގައި 5610ރގެ އަސާސީ މުސާރައެއްގައި ކަމަށާއި ކޮވިޑް19ގެ މަސައްކަތުގައި ކުރީ ސަފުގައި މަސައްކަތްކުރި ފަރާތްތަކަށް އެލަވަންސެއް ދޭން ނިންމުން، އުފަލާ އެކު ބަލައިގަންނަކަމަށް ވަނީ ބުނެފައެވެ. އެހެން ނަމަވެސް ފްރޮންޓްލައިން އެލަވަންސްއާ ގުޅިގެން އެ ޔޫނިއަނަށް ގިނަ އަދަދަކަށް ޝަކުވާ ހުށައަޅަމުންދާކަމަށް މި ސިޓީގައި ވަނީ ބުނެފައެވެ. އެގޮތުން އެލަވަންސް ދިނުމުގައި ހަމަހަމަކަން ނެތުމާއި، މަސައްކަތްކޮށްފައިވާ މުއްދަތާއި ނިސްބަތްވާވަރުގެ އަދަދެއް އެލަވަންސްގެ ގޮތުގައި ނުލިބުމުން އަދި އެއްވެސް ވަރަކަށް އެލަވަންސް ނުލިބުމުގެ ޝަކުވާތަކުގެ އިތުރުން އޮޕަރޭޝަންސްގެ އެންމެ ކުރީކޮޅު، އެކިއެކި ފެސިލިޓީ އަދި ސެންޓަރުތަކުގައި ހަރަކާތްތެރިވެފައިވާ ބައެއް ފަރާތްތަކަށް، މި ވަގުތާ ޖެހެންދެން ވެސް، އެލަވަންސް ލިބިފައިނުވާކަމަށް އެމްއެޗްޕީޔޫއިން ފިނޭންސް މިނިސްޓަރަށް ފޮނުވި ސިޓީގައި ވަނީ ފާހަގަ ކޮށްފައެވެ.

މީގެ އިތުރުން ވެސް ފްރޮންޓް ލައިން އެލަވެންސް ލިބުނު ފަރާތްތަކަށް ޕޭމަންޓް ސްލިޕް ނުލިބުމުގެ މައްސަލަތަކާ ރިސްކް ކްލެސިފައި ނުކުރުމުގެ މައްސަލަތައް ހުރި ކަމަށް ވެސް އެސިޓީގައި ވަނީ ބުނެފައެވެ.

"ފްރަންޓްލައިން އެލަވެންސް ލިބިލެއްވި ފަރާތްތަކަށް، ޕޭމަންޓްގެ ތަފްސީލު ހިމެނޭ ސްލިޕް ލިބިފައިނުވާކަން ފާހަގަކުރަމެވެ. އަދި މީގެ އިތުރުން، ރިސްކް ކްލެސިފައި ކުރުމުގައި، ކޮމިޓީއިން ނިންމައިފައިވާ ގޮތުގެ ތަފްސީލުތައް ލިބިފައި ނުވުމުގެ ސަބަބުން، އެލަވަންސްއާ ގުޅިގެން ޝަކުވާ ހުށައަޅައި، މިކަންކަން ހައްލުކުރުމަށް ވަނީ އުދަގޫތަކާ ކުރިމަތިވެފައެވެ. އަދި ހާއްސަކޮށް މިވަގުތު ވެސް، ކުރިއެކޭ އެއްފަދައިން، ކޮވިޑް19އެމަރޖެންސީ ރެސްޕޮންސްގައި އަވަދި ނެތި އުޅެމުން، މި ކަންކަން ބަލައި ހޯދުމަށް ވަގުތު ދެވެން ނެތި، ސިއްހީ ހިދުމަތްތެރިން ވަރަށް ބޮޑަށް މާޔޫސްވެފައިވާކަން ފާހަގަ ކުރަމެވެ." އެމްއެޗްޕީޔޫގެ ސިޓީގައި ބުނެފައިވެއެވެ.

ހަމަ އެހެންމެ ، ބައެއް ކޯސްތަކަށް ބަލާއިރު، ވަޒީފާ އަދާކުރާތަނުގެ މެނޭންޖްމަންޓްއިން ވަކި، ލެވެލްއެއްގެ ރިސްކަކަށް ކްލެސިފައި ކޮށްފައިވީ ނަމަވެސް، ފްރޮންޓްލައިން އެލަވަންސް ކޮމިޓީއިން، ލެވެލްތައް ބަދަލުކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި އެކަން ކޮށްފައި ވަނީ، އެކަށީގެންވާ ސައިންޓިފިކް އަދި ލޮޖިކަލް އެވިޑަންސްއަށް ރިޢާއަތް ނުކޮށްކަން ފާހަގަ ކުރާކަމަށް ވެސް އެމްއެޗްޕީޔޫއިން މިނިސްޓަރ އަމީރަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެލަވަންސް ދެވުނު ގޮތުގެ ތަފްސީލް ހިމެނޭ ސްލިޕްތައް، އެލަވަންސް ލިބުނު ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވުމަށާއި އެލަވަންސްއަކަށްވުރެ ބޮޑަށް، ސިއްހީ މަސައްކަތްތެރިން އެދެނީ، ޓެކްނިކަލް އޮނިގަނޑުތައް ވީހާވެސް އަވަހަކަށް ފާސްކޮށްދެއްވުމަށް ކަމަށް ވެސް މި ސިޓީގައި ވަނީ ބުނެފައެވެ. އަދި ހަމައެހެންމެ އަދާކުރާ މަގާމްގެ މަސްޢޫލިއްޔަތު އަދި ޒިންމާއާއި އެކަށޭނަ އަސާސީ މުސާރެއް ކަނޑައަޅައި
ދިނުމަށާއި ސެކްޓަރގައިގެ އެންމެ ތިރީ ހަރުފަތުގައި، މަސައްކަތްކުރާ ފަރާތްތަކުގެ ދިރިއުޅުމަށް، އެކަށޭނެ ބަދަލުތަކެއް އަންނާނީ މިނިމަމް ވޭޖް ކަނޑައެޅުމުން ކަމަށާއި މިނިމަމް ވޭޖްގެ އަދަދަކީ އަސާސީ މުސާރައިގެ ގޮތުގައި ހަމަޖެހިގެން ދިއުންކަމުގައި ވެސް މި ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް19 ގެ ޕްރޮންޓްލައިންގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް އެލަވަންސް ނުލިބުމުގެ ޝަކުވާތައް ދޭތެރެ ދޭތެރެއިން މީޑިޔާއަށް ވެސް ރިޕޯޓް ކުރެއެވެ. އަދި ފްރަންޓަލައިން އެލަވަންސް ނުލިބުމުގެ ސަބަބުން ބައެއް މުއައްޒަފުން އިހްތިޖާޖް ކޮށްފައި ވެސް ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!