ޚަބަރު

50 ދުވަސް ފަހުން އަލިފުށި މޮނިޓަރިންއިން ނެގުމަށް ތައްޔާރު ވަނީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކޮވިޑް-19އަށް މީހަކު ފައްސިވުމާ ގުޅިގެން މެއި 24އިން ފެށިގެން މޮނިޓަރިންގެ ހާލަތުގައި އޮތް ރ.އަލިފުށި މޮނިޓަރިންގ ހާލަތުން ނެގުމަށް ތައްޔާރުވުމަށް ތަރުތީބެއް ނެތި ސުންކު ނަގަން ފަށައިފިއެވެ.

Ads by STELCO

އަލިފުށި ހެލްތު ސެންޓަރު ހިންގުމާއި ހަވާލުވެ ހުންނެވި އަދި އެރަށު ޓާސްކްފޯހުގެ ޗެއާ، އިބްރާހީމް ޝަރީފް “ދެން”އާ ވާހަކަ ދައްކަވަމުން ވިދާޅުވީ މިހާތަނަށް 153 ސުންކު ތަރުތީބެއް ނެތި ނެގިފައިވާ ކަމަށެވެ. އަދި މިހާތަނަށް 50 ސުންކުގެ ނަތީޖާ ލިބިފައިވާ ކަމަށާއި އެ ސުންކުތަކުގެ ނަތީޖާ ނައްސި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ރަށުން މީހަކު ފައްސިނުވާތާ މިހާރު ހަފްތާއެއްހާ ދުވަސް ވެފައިވާ ކަމަށެވެ. އެ ރަށުން ޖުމުލަ 243 މީހުން ފައްސިވެފައިވާއިރު މިހާރު ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި ތިބީ 4 މީހުންނެވެ.

އަލިފުށީގައި ފައްސި ވޭދަަނަތަކާ ގުޅިގެން 17 މީހަކު ކަރަންޓީނު ކުރެވިފައިވާއިރު 08 ގެއެއް މިހާރު ހުރީ މޮނިޓަރިންގައެވެ.

އަލިފުށިން ގިނަ ބަޔަކު ފައްސިވެ އެ ރަށުގެ ހާލަތު ގޯސްވި ދުވަސްވަރު އެ ރަށު ރައްޔިތުންގެ ފަރާތުންނާއި ހެލްތު ސެންޓަރުގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަ ކުރައްވާ ޝަރީފް ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވަައިފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!