ލައިފްސްޓައިލް

ތަށި ދޮވެލުމަކީ ފިރިހެނުންނަށް ހުތުރު އެރުވުމެއް ނޫނެވެ. އެއީ ފިރިހެންވަންތަ ކަމެވެ.

ޢަލީ މާޖިދު ، ދެން އޮންލައިން

ފިރިހެނަކު ކައި ނިމިގެން ކޭ ތަށި އަތުން ދޮވެލުމަކީ ހުތުރު ކަމެއް ނޫނެވެ. އަސްލު އެއިން ދޭހަ ވަނީ ފިރިހެންވަންތަކަމެވެ. ނަމަވެސް މުޖުތަމަޢުގެ ބައެއް މީހުން ދެކޭ ގޮތުގައި އެއީ ފިރިހެނުންނަށް ހުތުރު އެރުވުމެވެ. ކައިވެންޏެއް ކޮށްގެން އުޅޭ މީހަކު އެފަދަ އަމަލެއް ކޮށްފިނަމަ އެއީ އަނބިދަށުވުމެވެ. 

Ads by MWSC

ބައެއް ފިރިހެނުން ދެކޭގޮތުގައި އަނބިންނަކީ ގޭގެ ނޯކަރުންނެވެ. އެމީހުންނަށް އެހީތެރިވެދިނުމަކީ އެފަދަ ފިރިންގެ ޤަދަރަށް ހުތުރުވާ ކަމެކެވެ. އަހަރުމެންނަށް އެންމެ ފުރިހަމަ ނަމޫނާއެއް ކަމުގައިވާ މި އުންމަތުގެ ކައު ސާހިބާ ކީރިތި ރަސޫލާ ވަނީ އަނބިންނަށް އެހީތެރިވެ ދިނުމުގެ ރީތި ނަމޫނާ މުޅި އުންމަތަށް އަމަލުން ދައްކުވައިދީފައެވެ. އެ ބުނާ ޤަދަރާއި، ހައިބަތު ބޮޑީ އެކަލޭގެފާނުގެ ހެއްޔެވެ. ނޫނީ އަހަރުމެންގެ ހެއްޔެވެ.

އާއިލާގެ މީހުންނާއި، މައިންބަފައިން ދެކެފާނެ ގޮތަކާ ހުރެ ބައެއް ފިރިހެނުން އަނބިންނަށް ގޭތެރޭގައި އެހީތެރިވުމަށް ފަސްޖެހެވެއެވެ. އަދި ހަމަ މި ސަބަބާ ހުރެ ބައެއް އަނބިން ފިރިން ލައްވައި ކަމެއް ކުރުވަން ވެސް އަނބިމީހާ ފަސްޖެހެއެވެ.

އަނބިމީހާއަށް ލުއިފަސޭހަ ކޮށްދޭން ބޭނުންވާ ފިރިން ވެސް އެމީހުންގެ ރައްޓެހިންގެ މަލާމާތަށް ޓަކައި ވެސް ފަސްޖެހޭ ފަހަރު އާދެއެވެ. ބާޒާރުން އެއްޗެއް ގަނެގެން ގެއަށް ގެންނަ މަންޒަރު ފެނިދާނެތީ ނުވަތަ ވަރަށް ގިނަ ފަހަރު އަނބިމީހާ ކަމެއްގައި ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި ދަރިންގެ ކަންކަމުގައި ގޭގައި މަޑުކޮށްލަން ޖެހުމުން އެއީ ކުރަން ނުވާވަރު ކަމަކަށް ވެއެވެ. ރައްޓެހިންގެ ފަރާތުން އިވިދާނެ " ޅަދަރި މަޔަކަށް ވުރެން ކަލޭގެ ކަންތައް ބޮޑު" ފަދަ މަލާމާތުގެ ބަސްތަކަށް ޓަކައި އެކަންކަމަށް ފަސް ޖެހެވެއެވެ.

މި ކަން ދެޖިންސުގެ ތެރޭގައި ވެސް އެބައޮތެވެ. ފިރިމީހާގެ އަމުރުތަކަށް ބޯލަނބައި ކިޔަމަން ވުމަކީ ބައެއް އަނބިން ދެކޭގޮތުގައި އަޅުވެތި ވުމެވެ. އެ މީހުންގެ މިނިވަންކަމަށް ހުރަސް އެޅުމެވެ. ރައްޓެހިންތަކަކާ އެކު ބޭރުގައި އުޅޭ އިރު ބައެއް އަނބިން، ފިރިމީހާ ގުޅުމުން ފޯނަށް ޖަވާބު ދޭން ލަދުގަނެ ފަސްޖެހޭ ފަހަރު ވެސް އާދެއެވެ. ކައިރީގައި ތިބި ރައްޓެހިން ދިމާކުރާނެތީއެވެ. "ގެއްލިދާނެތީ ދޯ އެ ގުޅަނީ".. "މިހާރު ނުފެނި ގިނައިރު ވީ ދޯ "މި ފަދަ މަލާމާތުގެ ބަސްތަކުގައި ޖެހިދާނެތީއެވެ.

ބައެއް އަނބިން ދެކޭ ގޮތުގައި ބޭރަށް ދަމުން ދާތަނެއް ފިރިމީހާ ގާތުގައި ބުނެލުމަކީ އެއީ ވަރަށް ދަށުދަރަޖައިގެ ކަމެކެވެ. އޭނާއަކީ ފިރިމީހާގެ ބެލެހެންޓުންތެރިކަމުގެ ދަށުގައިވާ މީހެއްކަން ވެސް ހަނދާނެއް ނުހުރެއެވެ. ފިރިމީހާއަށް ކިޔަމަންތެރިވުމަށް ވުރެ މުހިންމު ވަނީ ރައްޓެހިންގެ ކުރިމަތީގައި އަގު ހިފެހެއްޓުމެވެ. ހުރި ގަދަކަން ދެއްކުމެވެ.

މި ދެމައްސަލައަށް ވެސް އޮތް ދާއިމީ ހައްލަކީ އަހަރުމެން މުޅި މުޖުތަމަޢު ދެކޭގޮތް ބަދަލުކުރުމެވެ. އަހަރުމެންގެ ވިސްނުން ބަދަލުކުރުމެވެ. ރީތި ހުތުރު ދަސްކުރުމެވެ. މިފަދަ ބޯދާ ނާތަހުޒީބު ވިސްނުންތައް ސިކުނޑިން ނެރެ އެއްލައިލުމެވެ. ތަހްޒީބު ޖީލެއް ބިނާ ކުރުމަށް ކޮންމެ ބަފަޔަކު ވެސް ދަރިންގެ މަންމައަށް އެހީތެރިވާތަން ދަރިންނަށް އަމަލުން ދެއްކުމާއި އަދި ކޮންމެ މަޔަކު ވެސް ދަރިންގެ ބައްޕަޔަށް ކިޔަމަންތެރިވާތަން ދަރިންނަށް އަމަލުން ދެއްކުމަށް ވުރެން ވަކި މޮޅު ގޮތެއް އަހަންނަކަށް ނުވިސްނެއެވެ. މައްސަލައަކީ އަހަރުމެން ދެކޭގޮތެވެ. ބަދަލުކުރަންވީ އަހަރުމެންގެ ވިސްނުމެވެ. އޭރުން އިރާދަކުރެއްވިއްޔާ ހައްލު ލިބޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!