ހުކުރު މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ ކަމެއް ފަތުރުވެރިޔަކު ކުރިކަމަށް ނުބެލެވޭ : ޑރ. ޒާހިރު

ހުކުރު މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ކަމެއް ފަތުރުވެރިޔަކު ކުރިކަމަށް ނުބެލެވޭ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
“ރާއްޖެ އެމްވީ”އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޒާހިރު ވިދާޅުވީ މާލޭ ހުކުރު މިސްކިތަށް އެ އަންހެން މީހާ އެރީ އެ މިސްކިތަކީ ރާއްޖޭގެ އާސާރާއި ތަރިކައެއްގެ ގޮތުގައި ކަނޑައެޅިފައި ތަނެއްކަމުގައިވުމުން އެކަމަށް ހުއްދަ އޮތުމުން ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ އެތަނުގައި ހުރި ހެރިޓޭޖްގެ އޮފިޝަލުން އެ އެމީހާއަކީ މުސްލިމެއްތޯ ސުވާލުކުރި ކަމަށެވެ. އަދި އެ މީހާއަކީ މުސްލިމެއް ނޫންކަމަށް އޭނާ ބުނި ކަމަށާއި އެއަށް ފަހު ޚަތިމް ހިފައިގެން އިށީނދެ ލޯ މަރައިލައިފައި އިރުކޮޅަކު ހުރުމަށް ފަހު ޚަތިމް ބޭއްވީ ކަމަށެވެ. އަދި ފުލުހުން އެތަނަށް ދިޔައިރު އޭނާ އެތަނުގައި ނެތް ކަމަށާއި އެ ކަމަކީ ހުކުރު މިސްކިތުގެ ހުރުމަތް ކެނޑޭފަދަ ގޮތަކަށް ފަތުރުވެރިޔާ ކުރިކަމެއް ކަމަށް ނުބެލެވޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މާލޭ ހުކުރު މިސްކިތަށް އަރައި ބިދޭސީ އަންހެނަކު މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލުތައް ކުރާ ވީޑިއޯ މީސް މީޑިއާގައި އާންމުވަމުންދާއިރު، އާންމުން ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ. އެ ވީޑިއޯއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައި، ރައްޔިތުން ނިކުމެ ތަޅައިމަރައިގެން ވެސް މިކަން މިހާރުން މިހާރަށް ހުއްޓުވަން ޖެހޭކަމަށް ވިދާޅުވެފައެވެ.