އޭޝިއާ ދުނިޔެ

އުމްރާއަށް ހުޅުވައިލަނީ ، ވެކްސިން ލިސްޓްގައި ކޮވިޝީލްޑާއި ސިނަފޯމް ނެތުމުން ރާއްޖޭގެ ގިނަ ބަޔަކަށް ފުރުސަތު ނުލިބިދާނެ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ހިޖުރީ އައު އަހަރާ ދިމާކޮށް އުމްރާގެ އަޅުކަން ކުރުމަށް އާންމުކޮށް ހުޅުވައިލާން ސަޢުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

Ads by Sosun Fihaara

މިއަންނަ އޯގަސްޓް މަހުގެ 9 އިން ފެށިގެން އުމްރާގެ އަޅުކަމަށް ހުޅުވައިލާން ސައުދީން ވަނީ ނިންމައިފައެވެ. ނަމަވެސް އުމްރާ ކުރަން ސަޢުދީއަށް އެތެރެވޭނީ ސައުދީގެ ބޯޑުން ކަނޑައަޅާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. އުމްރާ ކުރުމަށް ހުއްދަ ދޭން ސައުދީ ނިންމައިފައި ވަނީ ކޮވިޑް19ގެ ހަތަރު ވެކްސިނެއް ފުރިހަމަ ކޮށްފައިވާ މީހުންނެވެ. އެއީ ފައިޒާ، މޮޑާނާ، އެސްޓްރާޒެނިކާ، ޖޯންސަންސް އެންޑް ޖޯންސަންސްއެވެ. މީގެ އިތުރުން ޗައިނާގެ ވެކްސިން (ސިނޮފޯމް) ޖަހައިފައިވާ ފަރާތްތަކަށް ފައިޒާ، މޮޑާނާ، އެސްޓްރާޒެނިކާ، ޖޯންސަންސް އެންޑް ޖޯންސަންސް ވެކްސިންގެ ބޫސްޓަރ ޝޮޓެއް (އިތުރު ޑޯޒެއް) ޖެހުމުން ސައުދީއަށް އެތެރެވެވޭނެއެވެ.

އެހެން ޤައުމުތަކުގެ މީހުންނަށް މައްކާއަށް ގޮސް ކަރަންޓީންވުމަކާ ނުލާ އުމްރާ ކުރުމުގެ ފުރުސަތު ހުޅުވާލިޔަސް، ނުވަ ޤައުމަކުން އުމްރާއަށް ކުރަން ސައުދީއަށް ދާ މީހުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެއެވެ. އެއީ ކޮވިޑް-19 ހާލަތު އެންމެ ގޯސް ނުވަ ޤައުމެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންޑިއާ، ޕާކިސްތާން، އިންޑޮނޭޝިއާ، މިޞްރު، ތުރުކީ، އާޖެންޓީނާ، ލުބްނާން، ބްރެޒިލް އަދި ދެކުނު އެފްރިކާއެވެ.

ސައުދީން ބުނެފައިވަނީ އުމްރާ ކުރުމަށް އާދެވޭނީ ސައުދީގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް އުމްރާގައި ރެޖިސްޓްރީވެފައިވާ އެޖެންސީތައް މެދުވެރިކޮށް ކަމަށެވެ. އަދި އުމްރާ ކުރުމަށް ދަތުރު ކުރެވޭނީ 18 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ދީފައި ވަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެެވެ. ވެކްސިންގެ ލިސްޓްގައި މި ވެކްސިން ލިސްޓްކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ކޮވިޝީލްޑް އުފެއްދި ފޯމިލާ ކަމަށްވާ އޮކްސްފޯޑް ފޯމިއުލާއަށް ހަދައިފައިވާ އެސްޓްރާޒެނިކާ ވެކްސިން ޖަހައިގެން ސައުދީއަށް އެތެރެވެއެވެ. މިހެންކަމުން ކޮވިޝީލްޑް ވެކްސިނަށް ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި އެޕްރޫވް ލިބޭނެ ކަމަށް ލަފާ ކުރެއެވެ. މިހާރު އޮތް އުސޫލުގެ ދަށުން ގިނަ ދިވެހިންނަކަށް އުމްރާގެ އަޅުކަން ފުރިހަަމައެއް ނުކުރެވޭނެވެ. ޗައިނާގެ ވެކްސިން ކަމަށްވާ ސިނޮފޯމް ވެކްސިން ވެސް ރާއްޖޭގެ ގިނަ ބަޔަކު ޖަހައިފައިވާއިރު، މި ވެކްސިންގެ ބޫސްޓަރ ޝޮޓެއް ޖަހަން އަދި ސަރުކާރުން ނިންމަވައިފައެއް ނުވެއެވެ.

ކޮވިޑް-19ގެ ސަބަބުން މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދީފައި ވަނީ ސައުދީގައި ދިރިއުޅޭ 60،000 މީހުންނަށެވެ. މިއަހަރު ޙައްޖު އަޅުކަން ކުރުމުގައި ބައިވެރިވި އެއްވެސް މީހެއް ކޮވިޑް-19ށް ޕޮޒިޓިވްވެފައި ނުވާކަމަށް ސައުދީން ވަނީ ހާމަކޮށްފައެވެ. މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިކޮށްފައި ވަނީ 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ވެކްސިން ޖަހައިފައި މީހުންނެވެ. އަދި ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް މި އަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!