ޚަބަރު

ރައީސް ޔާމީންއާ ދެކޮޅަށް އެރުމަކީ ހެދުނު "ގަޅި" އެއް، މަސައްކަތް ހުއްޓައިލާނީ އެމަނިކުފާނަށް ވެރިކަން ހޯދައިދީފައި: މުހަންމާ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މިރޭގެ ޖަލްސާގައި މުހަންމާ ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއާ ދެކޮޅަށް މަސައްކަތް ކުރައްވަން ނިކުންނެވުމަކީ ހަޔާތުގައި ހެދުނު އެންމެ ބޮޑު އެއް ގޯސް ކަމަށާއި ގިނަ ރައްޔިތުން ސިފަ ކުރަނީ އެއީ އޭނާއަށް ހެއްދެވުނު ގަޅިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ފިލްމީ ތަރި މުހައްމަދު އަބްދުﷲ (މުހަންމާ) ވިދާޅުވިއެވެ.

Ads by MWSC

މިރޭ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްއާ އަލުން ގުޅި ވަޑައިގަތުމަށް ފަހު ވާހަކަފުޅު ދައްކަވަމުން މުހަންމާ ވިދާޅުވީ، ރައީސް ޔާމީންއާ ދެކޮޅަށް މަސައްކަތް ކުރެއްވުނީތީ އެމަނިކުފާނާއި މުޅި ޕީޕީއެމްގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޕީޕީއެމްއަށް އަލުން އެނބުރި އައިސް މަސައްކަތް ކުރަން މިއަދު ލަސްވެއްޖެކަން ޤަބޫލު ކުރައްވާ ކަމަށާއި އެހެން ނަމަވެސް މިއަދުން ފެށިގެން މުހަންމާ މަަސައްކަތް ކުރައްވާނީ 2023ގައި ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށް ވިދާޅުވިއެވެ.

މުހަންމާގެ ވާހަަކަފުޅުގައި ވިދާޅުވީ، ރައީސް ޔާމީންގެ ފިކުރަކީ ތަރައްޤީގެ ފިކުރު ކަމަށާއި ހުރިހާ ލީޑަރުންގެ ތެރެއިން ވެސް ޤައުމިއްޔަތު އާލާކޮށް އިސްލާމީ ވަޙްދަތުގެ ތެރެއިން ޤައުމު ތަރައްޤީ ކުރުމުގެ ވިސްނުމުގައި މަސައްކަތް ކުރައްވަނީ ރައީސް ޔާމީން ކަމަށެވެ.

"އެއީ ތަރައްޤީގެ ފިކުރަކީ. އެއީ އިސްލާމީ ވަޙްދަތު ހިމާޔަތްކޮށްދިން ފިކުރަކީ. އެއީ ޒުވާނުން ގެންގުޅެން ދަންނަ ފިކުރަކީ." މުހަންމާ ވިދާޅުވީ ރައީސް ޔާމީނަށް އޮތް ތާޢީދު ނިމިދިޔަ ކައުންސިލް އިންތިޚާބުން ފެނިގެން ގޮސްފައިވާ ކަމަށެވެ.

2017 ވަނަ އަހަރު ޕީޕީއެމްއިން ވަކިވެ ވަޑައިގަނެ އޭރުގެ އިދިކޮޅާ އެކު ރައީސް ޞާލިހް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މުހަންމާ މިރޭ ވިދާޅުވީ، މިވެރިކަމުގައި ކުރާ ކަމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ކަމަށެވެ. އަދި މިގޮތަށް ކުރިޔަށް ދާނަމަ އޮޑީގެ މިސްރާބު ރައްޔިތުން ބަދަލުކޮށް ރައީސް ޔާމީންއާ ވެރިކަން ހަވާލު ކުރާނެ ކަމަށް ވެސް މުހަންމާ ވިދާޅުވިއެވެ. މުހަންމާ ވިދާޅުވީ، ޕީޕީއެމްއާ އަލުން ގުޅިވަޑައިގަންނަވަން ގިނަ ބަޔަކު ހިތްވަރު ދެއްވި ކަމަށާއި އެންމެ ބޮޑު ހިތްވަރެއް ލިބުނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ކަމަށެވެ.

"އަޅުގަނޑު މި ޕޯޑިއަމްއަށް އައިސް ހުއްޓުމަށް އެންމެ ބޮޑު ހިތްވަރެއް ލިބިގެން ދިޔައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކިބައިން. އެކަމަށް އަޅުގަނޑު އުފާ ކުރަން." މުހަންމާ ވިދާޅުވިއެވެ.

Ads by Allied Insurance
  1. ވަފާތެރި ކެހިވެރިޔާ !