މާދަމާ ހެނދުނު 9 ގައި ރައީސް ޔާމީންގެ ޝަރީއަތް ކްރިމިނަލް ކޯޓްގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް މާދަމާއަށް ތާވަލް ކޮށްފިއެވެ.
މާދަމާ ބާއްވާ އަޑުއެހުމަކީ ފެބުރުވަރީ 15 އަށް ތާވަލް ކުރުމަށްފަހު ކެންސަލް ކުރި ޝަރީއަތުގެ އަޑުއެހުމެވެ.
މާދަމާ ހެނދުނު 9 ޖަހާއިރު މި އޮންނަ މި އަޑުއެހުމަކީ ރ.ފުއްގިރި ވިއްކައިލުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ ޝަރީޢަތުގެ އަޑުއެހުމެކެވެ.
މި މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ 2 ދައުވާއެއް އުފުއްލަވައިފައެވެ. އެއީ ރިޝްވަތުގެ ގޮތުގައި ފައިސާ ނެންގެވި ކަމުގެ ތުހުމަތުގައި އުފުލައިފައިވާ ދައުވާއަކާއި އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް (ސަން)ގެ ކުންފުނިތަކެއް މެދުވެރިކޮށް އެ ފައިސާ ލޯންޑާކުރި ދައުވާއެވެ.
މި ދަޢުވާތަކަށް ރައީސް ޔާމީން ވަނީ އިންކާރު ކުރައްވައިފައެވެ.
ރައީސް ޔާމީން މިހާރު ވެސް ދަނީ ފަސް އަހަރުގެ ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. އެއީ އެމަނިކުފާނުގެ މައްޗަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމަށް ބުނާ މައްސަލައެކެވެ.