މުލީއާގެ ގޮއްވައިލާނެ ކަމަށް ބުނި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މިދިޔަ ޖުލައި މަހުގެ 9 ވަނަ ދުވަހު މުލީއާގެ ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 15 ދުވަސް ޖަހައިފިއެވެެ.
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ދިރިއުޅުއްވާ ގެކޮޅުކަމުގައިވާ މުލީއާގެ ކައިރިއަށް ފޮށިގަނޑަކާއި ދަބަހަކާއި ރަތްކޮތަޅެއް ހިފައިގެން ދިޔަ ދެމީހަކު އެތާގައި އަޑުގަދަކޮށް މުލީއާގެ ގޮއްވައިލާނެކަމަށް ބުނެ އިންޒާރު ދިނުމުގެ ސަބަބުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެހެން ނަމަވެސް އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލައިފައެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮއްވައިލާނެ ކަމަށް ބުނެ ޓްވީޓްކުރި މީހަކުވެސް މީގެ ކުރިން ވަނީ ހައްޔަރުކޮށްފައެވެ.
އެފަހަރު އިންޑިއާ ހައި ކޮމިޝަން ގޮއްވައިލާނެ ކަމުގެ އިންޒާރު ދިން މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޯޝަލް މީޑިއާ އާއި އެ ނޫން ވެސް ވަސީލަތްތައް ބޭނުންކޮށްގެން، މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވައިލުމާއި އެފަދަ ކަންކަމަށް ހިތްވަރު ދޭ މީހުންގެ މައްސަލަަތައް ބަލަައި ފިޔަވަޅު އަޅާނެ ކަމަށެވެ. މިފަދަ މައްސަލަަތައް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ހާއްސަ ސަމާލުކަމެއް ދީގެން ފުލުހުން ގެންދަނީ ބަލަމުންނެވެ.
މިދިޔަ މެއިމަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް ފަހު މިފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަންތަކެއް ފަށައިފައެވެ.