ޑރ.ޝަހީމް، މަރުކޮމިޝަނަށް: ޕްރޮފެޝަނަލްކޮށް ކުރަން ޖެހޭ ކަންކަން ސިޔާސީ ކޮށްގެން ނުވާނެ
ގެއްލިފައިވާ މީހުންނާއި މަރުތައް ބަލާ ކޮމިޝަނުން ކުރާ މަސައްކަތް ސިޔާސީކޮށްގެން ނުވާނެކަމަށް ރައީސް ޔާމީންގެ 2018ވަނަ އަހަރުގެ ރަނިންމޭޓް ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވެފައި ވަނީ، ގެއްލުވައިލައިފައިވާ މީހުންނާއި މަރުތައް ބަލަން ރައީސް ޞާލިޙް އުފައްދަވައިފައިވާ ރިޔާސީ ކޮމިޝަނަށް ރައީސް ޔާމީން މިއަދު ހާޒިރުވުމަށް އަންގައިފައި ވަނިކޮށެވެ. އެމަނިކުފާނު އެ ކޮމިޝަނަށް ހާޒިރު ކުރަން ނިންމައިފައި ވަނީ، މައްސަލައިގެ ތަހުގީގަށް ހުރަސްއެޅުއްވި ކަމަށް ތުހުމަތުކޮށް ސުވާލު ކުރުމަށެވެ.
ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަރު ކޮމިޝަނުން މީގެ ކުރިން ރައީސް ޔާމީނާއި މަރުތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށް ތަޙްޤީޤުން އެނގޭ ކަމަަށް ހާމަކޮށްފައިވާ ކަަމަށެވެ. އަދި ފްރޮފެޝަނަލްކޮށް ކުރަންޖެހޭ ކަންކަން ސިޔާސީ ވެގެން ނުވާނެ ކަމަށާއި ރައީސް ޔާމީނަށް ޒާތީ ގޮތުން ޖެއްސުންކޮށް ހެދުމަކީ ދެރަވަރު ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
"މަރު ކޮމިޝަނުން މީގެ ކުރިން އެންމެހާ ރައްޔިތުންގެ ކުރިމަތީގައި އިޢުލާންކޮށްފައި ވާނެ ރ.ޔާމީނާ މަރުތަކާ އެއްވެސް ގުޅުމެއް ނެތްކަމަށް ތަޙުޤީޤުތަކުން އެނގޭކަމަށް. ޕްރޮފެޝަނަލްކޮށް ކުރަންޖެހޭ ކަންކަން ސިޔާސީ ވެގެން ނުވާނެ.ރ ޔާމީނާ ޒާތީ ގޮތުން ދިމާކޮށް ޖެއްސުންކުރުމަކީ ދެރަވަރުކަމެއް." ޑރ.ޝަހީމްގެ ޓްވީޓްގައި ވިދާޅުވިއެވެ.
ވަގަށް ނަގައި މަރައިލި، އަހުމަދު ރިލްވާން އަބްދުﷲ ވީނުވީއެއް ނޭނގި ގެއްލިފައިވާ މައްސަލައިގައި ރިޔާސީ ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައި ވަނީ ރީއެނެކްޓްމެންޓް ވީޑިއޯއެކެވެ.
މަރައިލައިފައިވާ މީހުންނާއި ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ހޯދައި ދިނުމަށް އުފެއްދެވި މަރު ކޮމިޝަނަކީ މި ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ކޮމިޝަނެކެވެ. އެހެން ނަމަވެސް މި ކޮމިޝަނަށް އެދެވޭ ވަރުގެ މަސައްކަތެއް ކުރެވިފައި ނެތް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.