އޭ! ޤައުމުގެ މުސްތަގުބަލެވެ.މަދަރުސާއަށް ދާން މާދަމާ ގެއިން ނުކުތުމުގެ ކުރީން ވިސްނައިލުން އެދެމެވެ.
މާދަމާއަކީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭ ދުވަހެވެ. ކޮންމެ އަހަރެއްގެ ވެސް މި ދުވަހަކީ ކަރުނައިގެ ދުވަހެކެވެ. އުފާވެރިކަމުގެ ކަރުނައާއި ވަކިވާން ނޭދި އޮހޭ ކަރުނައެވެ.
މާދަމާއަކީ ، އެންމެ ސިކުންތަކަށް ވެސް ލޯ ކުރިމަތީން ގެއްލުވައިނުލައި ބެލެހެއްޓި ދަރިފުޅު ފުރަތަމަ ފަހަރަށް ، އެހެން ބައެއްގެ އަތް މައްޗަށް ދޫކޮށްލައިފައި ގެއަށް ދާ ދުވަހެވެ. މައިންނާއި ބަފައިންނާ ވަކިނުވުމަށް އެދި ދަރީން ރޮއި ގިސްލާ ދުވަހެވެ. ނަމަވެސް ، ކިތަންމެ ބޮޑު މުއްސަންޖެއް ނަމަވެސް ނުވަތަ ކިތަންމެ ބޮޑު ފަޤީރެއް ނަމަވެސް މައިމީހާގެ އުނގުން ތުއްތުތުއްތު ލޯބި ދަރިފުޅު ވީއްލައި އެހެން ބަޔަކާ ޙަވާލުކޮށް ލޮލުން ކަރުނަ ފާއްދަމުން ނުވަތަ ރޮމުން ގެއަށް އެ ދަނީ އެ ދަރިފުޅަށް މާއުފާވެރި މާދަމާއެއް ހޯދައިދިނުމުގެ މާތް މަޤްޞަދުގައެވެ. ދަރިފުޅު ލައްވައިލައި ކޮންމެ އަޑަކަށް ނޫނީ ބޭރުކުރާ ކޮންމެ ބަހަކަށް ފާރަވެރިވެ ހުރި މަންމަ މާދަމާ ، ދަރިފުޅު މަދަރުސާއަށް ދޫކޮށްލައިފައި އެ ދަނީ އެއީ ކުރަން ފަސޭހަ ކަމަކަށް ވާތީއެއް ނޫނެވެ. ހިނދުކޮޅަކަށް ނަމަވެސް މަންމައާ ވަކިވާން ޖެހުމުން ދަރިފުޅު އަޑުން އަޑު ނަގައި ރޯއިރު ދަރިފުޅަށް ނުފެންނަ ހިސާބުގައި ސިއްރުން ދަރިފުޅަށް ބަލަހައްޓައިގެން މަންމަ އެ ހުރީ އެ މަންޒަރު ބަލަން ކެތް ކުރެވޭތީކީ ވެސް ނުމެ ނޫންމެއެވެ. ނަމަވެސް އެއީ ދަރިފުޅަށް އެންމެ ހެޔޮ ގޮތް ކަމަށް ވާތީއެވެ.
މިއީ ކޮންމެ ދިރާސީ އައު އަހަރެއް ފެށޭ ދުވަހު ފެންނަ އަސަރުގަދަ ވަގުތުކޮޅެކެވެ. ދެ އިންސާނެއްގެ ދެމެދުގައި ހިނގާ އެންމެ ވަރުގަދަ ލޯބީގެ އިހްސާސްތައް ކުރެވޭ ހިނދުކޮޅެކެވެ.
ދިރާސީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހައި ބެލެނިވެރީންނަށާއި ދަރިވަރުންނަށް އަރިސްކުރަމެވެ. ހަމަ މި ހިނދުގައި އަމިއްލަ ދަރީން ފަދައިން ކުދީންނަށް އަޅައިލުމާއި ލޯބިދީ ކުދީންގެ ކުރިމަގު ކުރަހައިދޭ ހުރިހާ އެދުރުންނަށް މަރުޙަބާއާއި ޝުކުރިއްޔާއެވެ.
މަދަރުސާއަށް ދާން މާދަމާ ގެއިން ނުކުތުމުގެ ކުރީން ދަރިވަރުން ވިސްނައިލުން އެދެމެވެ. ޚާއްޞަކޮށް ފުރާވަރުގެ ކުދީންނެވެ.
އޭ! ގައުމުގެ މުސްތަގުބަލެވެ. ތިޔަ ދަރިވަރުން ސުކޫލަށް ހިނގައިފައި ތިޔަ ދަނީ ހަމައެކަނި ފޮތް ދަބަސް ހިފައިގެން ނޫނެވެ. ތިޔަ ދަނީ މަންމަގެ ހުވަފެންތައް ވެސް ހިފައިގެންނެވެ. ބައްޕަަގެ އުއްމީދުތަކާ ވެސް އެކީގައެވެ. މަންމަގެ ލެއިން ހެދި ބޮޑުވި ތިޔަ ދަރިވަރަށް ބޭނުންވީހައި ކަމެއް ކޮށްދީގެން ބަލައި ބޮޑުކުރީ އުއްމީދަކާ އެކީގައެވެ. ތިޔަ ދަރިވަރު ޑޮކްޓަރަކަށް ނުވަތަ އިންޖިނިއަރަކަށް ވާން މަންމައާ ބައްޕަ އެ އެދެނީ އެ ޢިއްޒަތްތެރީންގެ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ނޫނެވެ. އޮތިއްޔާ ވެސް އޮތީ ހަމަ އެންމެ އުއްމީދެކެވެ. އެންމެ އެދުމެކެވެ. އެއީ ތިޔަ ދަރިވަރަށް ފުދުންތެރި އުފާވެރި ދިރިއުޅުމެއް ލިބުމެވެ. ފޮނިމީރު ހަޔާތެއް ލިބުމެވެ.
އޭ! ހެދިބޮޑުވަމުންދާ ޒުވާނާއެވެ. އަގު ބޮޑު ފީ ދައްކައިގެން ، ދަރިފުޅު މަދަރުސާއަށް ފޮނުވަނީ ބައްޕަގެ މާބޮޑު ފުދުންތެރިކަމެއް އޮވެގެން ނޫނެވެ. ނަމަވެސް އެ ބައްޕަގެ އުއްމީދަކީ ކިތަންމެ ބުރަ މަސައްކަތް ކޮށްގެން ވިޔަސް ދަރިފުޅަށް އެންމެ ރަނގަޅު މަދަރުސާއިން އެންމެ މަތީ ތަޢުލީމު ދިނުމެވެ. ފަޤީރަކަށް ވީ ނަމަވެސް ބައްޕަ އެ ކުރާ ހިތްވަރަކީ ބައްޕަ ކިތަންމެ ފަޤީރު ނަމަވެސް އެ ކަމަކީ ދަރިފުޅުގެ ކިޔެވުމަށް ހުރަސް އެޅޭނެ ކަމަކަށް ނުހެދުމަށް ކުރާ ހިތްވަރެވެ.
އޭ! ލޮބުވެތި ދަރިވަރުންނެވެ. ދަރިފުޅަށް އެއްވެސް ކަމެއް އުނިވިޔަ ނުދީ ބަލައި ބޮޑުކޮށް ކިޔަވައިދެނީ މީގެ އަހަރުތަކެއް ފަހުން ދަރިފުޅު ގިނަވެގެން މަގުތަކުގައި އުޅޭ މަންޒަރު ދެކޭކަށެއް ނޫނެވެ. ކުރާނެ ކަމެއް ނެތިފައި ހުންނަށް އެދިގެނެއް ނޫނެވެ. އަދި ކިއެއް! މަންމައާއި ބައްޕަގެ ހުވަފެނަކީ ތިޔައީ ޑޮކްޓަރަކަށް ވުމެވެ. ޕައިލެޓަކަށް ވުމެވެ. އެހެންނާ އެހެން ޚިދުމަތްތެރިއަކަށް ވުމެވެ. ވީއިރު މަދަރުސާއަށް ދާއިރު އަދި ގޮސް ކިލާހުގައި އިންނައިރު ސިކުނޑީން ކައްސައި ނުލާންވީ ކަމަކީ މިއެވެ. ދަރިފުޅާ އެކު ތިޔަ ގޮނޑީގައި މަންމަ މާދަމާއާ މެދު ދެކޭ ހުރިހާ އުއްމީދެއް ވެސް ވާކަމެވެ. ބައްޕަ ދެކޭ ހުރިހާ ހުވަފެނެއް ވެސް އެ ގޮނޑީގައި ވާކަަމެވެ.
ހުރިހައި ދަރިވަރުން ވެސް މިއަދު އަޒުމެއް ކަނޑައަޅަން އެބަޖެހެއެވެ. އުއްމީދެއް އައުކުރަން ޖެހެއެވެ. އެއީ އަހަރެންނަކީ މަންމައާއި ބައްޕަގެ އުއްމީދު ޙަޤީޤަތަކަށް ހަދައިދިނުމަށް މަސައްކަތް ކުރާނެ ކުއްޖަކަށް ވުމުގެ އަޒުމެވެ. އެ ހިތްވަރާއި ފަންވަރު ދައްކާނެ ކުއްޖަކަށް ވުމުގެ ނިޔަތެވެ. މަދަރުސީ ޙަޔާތް ނިންމައި މުޖުތަމަޢަށް ނިކުންނަ އަހަރެންނަކީ މަންމައާއި ބައްޕަ ފަޚުރުވެރިވާ ، ޤައުމީ ޚިދުމަތުގެ ސަފުން ފެންނާނެ ހަރުދަނާ މީހަކަށް ވުމުގެ އަޒުމެވެ.
ހުރިހައި ދަރިވަރުންނަށް ވެސް ހިތުގެ ފުންމިނުން ހެޔޮ އެދުމާއި ސަލާމެވެ.